މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން ނަތީޖާ އެއްވަރުވުމުން އިތުރު ވަގުތުގެ 30 މިނިޓް ކުޅެގެން ވެސް ނަތީޖާއަށް ބަދަލެއް ނައުމުން، ޕެނަލްޓީ ޖަހައިގެން 3-2 އިން ޗިލީއަތުން މޮޅުވެ ބްރެޒިލް ވޯލްޑް ކަޕް ކުއާޓާ ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފި އެވެ.

މިރޭ ބްރެޒިލްއަށް ކުއާޓާގެ ޖާގަ ކަށަވަރުވި ޕެނަލްޓީ ނޭމާ ކާމިޔާބު ކުރިއިރު، ބްރެޒިލްގެ ގޯލް ކީޕަރު ހޫލިއޯ ސެސާ ވަނީ، ޗިލީގެ ފުރަތަމަ ދެ ޕެނަލްޓީ މަތަކޮށްފައެވެ. އަދި ޗިލީގެ ފަހު ފުރުސަތުގައި އެޓީމުގެ ގޮންޒާލޯ ޖަރާސް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ދަނޑިއަށެވެ.

ކުއާޓާ ފައިނަލްގައި ބްރެޒިލް ވާދަކުރަން ޖެހޭނީ، މިރޭ ކުޅޭ ގަދަ 16ގެ ދެވަނަ މެޗުގައި ކޮލަމްބިއާއާއި ޔުރުގުއާއީ ވާދަކޮށް މޮޅުވާ ޓީމަކާއެވެ.

ބްރެޒިލްގެ އެންމެ ތާރީހީ ސްޓޭޑިއަމް އެސްޓާޑިއޯ މެނެއިރާއޯގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ވެސް ދެޓީމަށް ވެސް ލަނޑު ޖަހައި މެޗުގެ ލީޑް ނެގުމަށް ފުރުސަތު ލިބުނެވެ. އެގޮތުން މެޗު ފަސް ވަނަ މިނެޓުގައި ރެއާލް މެޑްރިޑްގެ ޑިފެންޑަރު މާސެލޯ ޗިލީގެ ޕެނަލްޓީ އޭރިޔާ ބޭރުގަ ފޮނުވާލި ބާރު ބޯޅަ ދިޔައީ ގޯލުގެ އެއް އަރިމަތިން ބޭރަށެވެ. އަދި އޭގެ ހަތަރު މިނެޓް ފަހުން ޗިލީގެ އުމުރުން 25 އަހަރުގެ ފޯވާޑް ސަންޗޭޖްއަށް ބްރެޒިލްގެ ގޯލަށް ފޮނުވާލި ބޯޅަ މިރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ބްރެޒިލްގެ ހުނަރުވެރި ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.

ދެ ޓީމުގެ ފަރާތުންވެސް ވަރުގަދަ ކުރިމަތި ލުންތަކެއް ފެނިގެން ދިޔަ މެޗުގެ ފުރަތަމަ ލަނޑު ޖެހީ ބްރެޒިލުނެވެ. މެޗުގެ 17 ވަނަ މިނެޓުގައި އެ ލަނޑު ބްރެޒިލަށް ކާމިޔާބު ކޮށްދިނީ ޗެލްސީއަށް ކުޅެމުން އަންނަ ޑިފެންޑަރު ޑޭވިޑް ލުއިޒެވެ. އޭނާ އެ ލަނޑު ޗިލީ ކޮޅަށް ވައްދާލީ ބާސާގެ ތިއާގޯ ސިލްވާ ބޮލުން ދިން ރީތި ބޯޅައަކުން ޗިލީގެ ޕެނަލްޓީ އޭރިޔާތެރެއިންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ލީޑް ބްރެޒިލުން ނެގުމުން ދަނޑަށް ވަދެ ތިބި އެތައް ހާސް ބްރެޒިލްގެ ސަޕޯޓުރުން މުޅި ދަނޑު ގުގުމާލި އެވެ. ހަމައެޔާއެކު ބްރެޒިލްއިން ޗިލީގެ ގޯލަށް ގިނަ ހަމަލަތެއް އުފެއްދި ނަމަވެސް، ނަތީޖާ އަކަށް ވެގެން ދިޔައީ މެޗުގެ 31 ވަނަ މިނެޓުގައި ޗިލީއިން ލަނޑެއް ޖަހައި ބްރެޒިލްގެ ސަޕޯޓަރުން މާޔޫސްކޮށްލުމެވެ. އެ ލަނޑު ބްރެޒިލް ކޮޅަށް ޖެހީ ބާސާގެ ފޯވާޑް އަދި މިރޭ މޮޅު ކުޅުމެއް ދެއްކި ސަންޗޭޒްއެވެ. އޭނާ އެ ލަނޑު ބްރެޒިލް ކޮޅަށް ވައްދާލީ ވާގާސް ދިން ރީތި ބޯޅައަކުންނެވެ.

ޗިލީއިން ނަތީޖާ ހަމަހަމަ ކުރި ނަމަވެސް، ބްރެޒިލުން ޗިލީގެ ގޯލަށް ނުރައްކާކޮށް މެޗުގެ ނަތީޖާއަށް ބަދަލުގެނައުމަށް ކުރި މަސައްކަތް، މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނުމުނުއިރު ވެސް ވަނީ ކާމިޔާބު ވާގޮތް ނުވެފަ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ޗިލީގެ ގޯލަށް ބްރެޒިލުން ގިނަ ނުރައްކާތަކެއް ކުރިއެވެ. އެގޮތުން ބްރެޒިލްގެ ހަލްކާއި ނޭމާގެ ފަރާތުން ދެ ވަނަ ހާފުގެ ކުރީ ކޮޅު ވަރުގަދަ ދެ ހަމަލާ އުފެއްދި އެވެ. އަދި މެޗުގެ 54 ވަނަ މިނެޓުގައި ބްރެޒިލްގެ ހަލްކު ޗިލީގެ ގޯލަށް ފޮނުވާލި ބޯޅައާއެކު، މުޅި ދަނޑު އަނެއްކާވެސް ގުގުމާލި އެވެ. އެ ބޯޅަ ގޯލަށް ވަތް ނަމަވެސް މެޗުގެ ރެފްރީ ހޮވަޑް ވެބް ނިންމީ އެއީ ގޯލެއް ނޫން ކަމަށެވެ. އެ ގޯލް ޖެހުމުގައި އަތް ބޭނުން ކުރި ކަމަށް ބަލައި، ހަލްކަށް ރީނދޫ ކާޑެއް ދެއްކި އެވެ.

މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވެ، އިތުރަށް ދެއްކި ތިން މިނެޓުގެ ކުޅުން ވެސް ނިމި ނަތީޖާއަށް ބަދަލެއް އައިސްފައި ނުވުމުން ދެން ކުޅުނީ 15 މިނެޓުގެ ދެ ހާފެވެ. އެ ދެހާފުގެ ތެރެއިން ވެސް މެޗުނެ ނަތީޖާއަށް ބަދަލެއް ގެނައުމަށް ރަނުގެ ފުރުސަތު ހަމައެކަނި ލިބުނީ ޗިލީށެވެ. އެއީ އިތުރަށް ކުޅުނު ދެ ހާފުގެ ތެރެއިން ފަހު ހާފުގެ 14 ވަނަ މިނެޓުގައި ޗިލީގެ އުމުރުން 30 އަހަރުގެ ފޯވާޑް ޕިނީލާއަށް ލިބުނު ފުރުސަތެކެވެ. ބްރެޒިލްގެ ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެ ޕެނީލާ ފޮނުވާލި ބާރު ހަމަލަ ގޮސް އަމާޒުވީ ބްރެޒިލް ގޯލުގެ ހުރަސް ދަނޑިއަށެވެ.

މިރޭގެ ޕެނަލްޓީ ޝޫޓްއައުޓްގައި ބްރެޒިލްގެ ޕެނަލްޓީތަށް ކާމިޔާބުކޮށްދިނީ ލުއިޒް އާއި މާސެލޯ އަދި ނޭމާ އެވެ. އެ ޓީމުން ޖެހި ޕެނަލްޓީތަކުގެ ކާމިޔާބުނުވީ ހަލްކް އަދި ވިލިއަން ޖެހި ޕެނަލްޓީ އެވެ. ޗިލީން ޖެހި ޕެނަލްޓީތަކުގެ ތެރެއިން ކާމިޔާބު ކުރެވުނީ ޑިއާޒް، އަރަންގުއިޒް ޖެހި ޕެނަލްޓީއެވެ. އަދި ޗިލީގެ ސަންޗޭޒް އާއި ޕިނީލާ ފޮނުވާލި ޕެނަލްޓީ މިރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ބްރެޒިލްގެ ކީޕާރު ދިފާއު ކުރިއެވެ.

ދެކުނު އެމެރިކާގެ ބަރަށް ނިސްބަތްވާ ބްރެޒިލް އަކީ މިހާތަނަށް މިމުބާރާތް ފަސް ފަހަރު ކާމިޔާބު ކޮސްފައިވާ ގައުމެކެވެ. އަދި ވޯލްޑް ކަޕް ބެއްވި ހުރިހާ ފަހަރެއްގައި ވެސް ބްރެޒިލް ވަނީ މުބާރާތުގައި ވާދަކުރުމުގެ ޝަރަފް ހޯދާފަ އެވެ.

މިއީ ބްރެޒިލްގައި ވޯލްޑް ކަޕް ބާއްވާ ދެ ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ބްރެޒިލްގައި ވޯލްޑް ކަޕް ބާއްވާފައި ވަނީ 1950 ވަނަ އަހަރު އެވެ.