ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ‏‏ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަހުނިޔާ ފޮނުއްވައިފިއެވެ.

ބަރަކާތްތެރި ރަމަޟާންމަސް އަޅުގަނޑުމެންނާ ބައްދަލުކުރުމުގެ ހެޔޮ ތައުފީޤު ‏‏މިންވަރު ކުރެއްވި ކަމަށްޓަކައި މާތްﷲ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވާ ކަމަށް މިއަދު އެމަނިކުފާނު ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ވެއެވެ. މި މާތް މައްސަރުގެ ތަހުނިޔާ، ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދަންނަވައި، ‏‏މި މައްސަރުގެ ހެޔޮއެދުންތައް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ރައީސް ވަނީ ފޮނުއްވާފައެވެ.

ރަމަޟާން މަހަކީ، މާތްﷲ މަތިވެރި ކުރައްވާފައިވާ ވަރަށް މާތް ރޫޙާނީ މައްސަރެއް ކަމަށާއި އެހެންކަމުން، މި މާތް މައްސަރުގެ ބަރަކާތާއި ހެޔޮ ދަރުމަ ލިބިގަނެ، ރޯދައިގެ ‏‏މަތިވެރި ވާޖިބު އަދާކޮށް، ޞަދަޤާތްދީ، ހެޔޮ ކަންތައްތައް އިތުރުކުރުމަކީ، އަޅުގަނޑުމެންގެ ‏‏މައްޗަށް އޮތް ވާޖިބެއް ކަމުގައި އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައި ވެއެވެ. އަދި މިއީ ކީރިތި ޤުރްއާނުގެ މައްސަރު ކަމަށްވާތީ، ޤުރްއާނަށް އިތުރު ‏‏އަހަންމިއްޔަތު ކަމެއް ދެއްވުމަށް، ރާއްޖޭގެ ރައްޔިތުންނަށް، މިމުނާސަބަތުގައި ރައީސް ޔާމީން ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

‏ރާއްޖޭގެ ރައްޔިތުންނަކީ ޒަމާނުއްސުރެ މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ‏‏އުޞޫލުތަކަށް ފުރިހަމައަށް ބޯލަނބައި، އެ އުޞޫލުތަކުގެ މަތީގައި ހަރުދަނާކަމާއެކު ސާބިތުވެ ތިބި ‏‏ބައެއް ކަމަށާއި އެހެންކަމުން، މި ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެންނާ ބައްދަލުކުރާއިރު، ‏‏މިކަންކަމުގެ މަތިން ހަނދާންކޮށް، އިސްލާމީ ރީތި އުޞޫލުތަކަށާއި، މުޖްތަމަޢުގެ މަތިވެރި ‏‏ހަމަތަކަށް ސަމާލުކަން ދެއްވުމަށްވެސް ރާއްޖޭގެ ރައްޔިތުންނަށް ރައީސް އިލްތިމާސް ކުރެއްވި އެވެ.

‏ރައީސްގެ މެސެޖުގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ ޒަމާންވީ އާދަކާދައިގެ މަތިން، މި ބަރަކާތްތެރި ރަމަޟާން މަހަށް ރާއްޖޭގެ ‏‏ރައްޔިތުން މިވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށާއި ހަމައެޔާއެކު، ރައްޔިތުންގެ ‏‏ލުއިފަސޭހައަށްޓަކައި ސަރުކާރުންވެސް ވަރަށްގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. މިގޮތުން، ‏‏ރާއްޖޭގެ ގިނަ އަދަދެއްގެ މިސްކިތްތައް، ރަމަޟާން މަހަށްޓަކައި މިވަނީ މަރާމާތު ކުރެވި، އާބާތުރަ ‏‏ފިލުވާފައި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ރާއްޖޭގައި ޢާންމުކޮށް ބޭނުންކުރާ ކާބޯތަކެތި ފަސޭހައިން ރައްޔިތުންނަށް ލިބޭނެ ‏‏އިންތިޒާމްތައް ހަމަޖައްސައި، އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ އަގުތައް، އާދަޔާ ޚިލާފަށް ‏‏ބޮޑުވިޔަނުދީ ހިފެހެއްޓުމަށްވެސް ޚާއްޞަ ސަމާލުކަމެއް ދެމުން އަންނަ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނުގެ އުންމީދަކީ، މިފެށުނު ބަރަކާތްތެރި ރަމަޟާން މަހަކީ، ހުރިހާ ‏‏ގޮތަކުންވެސް އަޅުގަނޑުމެންނަށް ބާއްޖަވެރި މަހަކަށް ވެގެންދިޔުން ކަމުގައި ރައީސް ވިދާޅުވިއެވެ.

މާތްﷲ، މި ބަރަކާތްތެރި މައްސަރުގެ ރޯދަ ހެޔޮގޮތުގައި ހިފުމުގެ ހެޔޮ ތައުފީޤު ‏‏އަޅުގަނޑުމެން އެންމެންނަށް ދެއްވާށި ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި މި މައްސަރުގެ ބަރަކާތާއި ހެޔޮ ދަރުމަ މިންވަރު ‏‏ކުރައްވާށި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި، އިސްލާމީ ޤައުމުތަކުގެ ‏‏ވެރިންނަށާއި، ބައިނަލްއަޤްވާމީ އިސްލާމީ ޖަމާޢަތްތަކުގެ ވެރިންނަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ‏‏ތަހުނިޔާ ފޮނުއްވާފައެވެ. އަދި އިސްލާމީ ޤައުމުތަކުގެ ވެރިންނާއި، ބައިނަލްއަޤްވާމީ އިސްލާމީ ‏‏ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ވެރިންވެސް މި މުނާސަބަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ‏‏ތަހުނިޔާ ފޮނުއްވަމުން ގެންދަވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.