28 Jun 2014, 17:02
ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެސްޓީއޯ އިން ފިޔަ އާއި އަލުވި އަދި ބިސް ވިއްކަމުންދާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެސްޓީއޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރޯދަހަމަށް ހާއްސަކޮށްގެން އެސްޓީއޯ އިން ދެ ވަނަ ފަހަރަށް ގެނައި ފިޔައި އަލުވި، ބިހުގެ ޝިޕްމަންޓް ކްލިއާ ކުރުމުގެ މަސައްކަތް ވަރަށް ބާރަށް އެކުންފުނިން ކުރަމުންދާ ކަމަށެވެ. އަދި އެ ބާވަތްތައް އެސްޓީއޯ ސުޕްމާކެޓުން ރީޓެއިލް ކުރަމުންދާ ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.
އެސްޓީއޯ އިން ފިޔާ އަލުވި ކިލޯއެއް 10 ރުފިޔާ އަށް ރީޓެއިލް ކުރާ އިރު ބިހެއް ރީޓެއިލްކޮށް ވިއްކަނީ 1.25 ރުފިޔާ އަށެވެ.
އެސްޓީއޯ އިން ބުނީ އެ ބާވަތްތައް ހޯލްސޭލްކޮށް ވިއްކަމުން ދަނީ އަމީނީމަގުގައި ހުންނަ އެސްޓީއޯ ހަތް ނަންބަރު ކޮށިންނާއި އެސްޓީއޯ ހެޑް އޮފީހާ އިންވެގެން އަލަށް ހުޅުވި އެސްޓީއޯ ސުޕްމާޓް ވެއާހައުސް ދޭކުން ކަމަށެވެ.
ހޯލްސޭލްކޮށް ފިޔާ އަލުވި ވިއްކަމުން ދަނީ ބަސްތާއެއް 225 ރުފިޔާގެ ރޭޓުންނެވެ. އަދި ބިސް ކޭހެއް ވިއްކަމުން ގެންދަނީ 250 ރުފިޔާ އަށެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ މި ރޯދަ މަސް ނިމެންދެން ފިޔާ، އަލުވި އަދި ބިސް ހުސްނުވެ އެއަގުތަކުގައި އެސްޓީއޯ އިން ވިއްކާނެ ކަމަށެވެ.