މި އަހަރުގެ ރޯދަމަހު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބަލި މީހުން ބެލުމާއި އެހެނިހެން ހިދުމަތްތަށް ދޭ ގަޑިތައް އިއުލާންކޮށްފި އެވެ.

އައިޖީއެމްއެޗުން މިއަދު ބުނީ މި އަހަރުގެ ރޯދަ މަހު ޑޮކްޓަރަށް ދެއްކުމަށް ކިޔޫ އަށް އެޕޮއިންޓްމަންޓް ދޫކުރާނީ ހުކުރު ދުވަސް ފިޔަވައި ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން ފެށިގެން މެނދުރު 15:30 އަށް ކަމަށެވެ. އަދި ޑޮކްޓަރަށް ދެއްކުމަށް ފޯނުން އެޕޮއިންޓްމަންޓް ދޫކުރާނީ ހުކުރު ދުވަސް ފިޔަވައި ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 14:00 އަށް ކަމަށެވެ.

އައިޖީއެމްއެޗްގެ އޯޕީޑީގައި ބަލި މީހުން ބެލުމާއި ފިޒިއޮތަރަޕީގެ ހިދުމަތް ހެނދުނު 09:00 އިން ރޭގަނޑު 23:00 އަށް ލިބޭނެ ކަމަށާއި އޯޕީޑީ ނާސިން ސްޓޭޝަނުން ބޭސް އެޅުމާއި އިންޖެކްޝަން ޖެހުން ފަދަ ހިދުމަތްތަށް ހެނދުނު 08:30 އިން ފެށިގެން 23:00 އަށް ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

ލެބޯޓްރީގެ ހިދުމަތްތަކުގެ ތެރެއިން އާންމުކޮށް ލޭ ނެގުމަށް ހަމަޖެހިފައި ވަނީ ހެނދުނު 08:00 އިން ހަވީރު 17:00 އަށް ކަމަށާއި ކެއުމަށް ފަހު ހަދަންޖެހޭ ޓެސްޓްތައް ރޭގަނޑު 20:00 އިން 22:00 އަށް ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ. އަދި ރިޕޯޓް ދޫކުރުމުގެ ހިދުމަތް 24 ގަޑިއިރު ކޭޝްކައުންޓަރުން ލިބޭނެ ކަމަށާއި ލޭގެ ޓެސްޓްތައް، ލޭ ނަގާތާ ހަތަރު ގަޑި އިރު ފަހުން އޯޕީޑީ ކޭޝް ކައުންޓަރުން ލިބޭނެ ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.

ސްކޭންގެ ހިދުމަތް ހެނދުނު 09:00 އިން 14:00 އަށް ދިނުމަށް ހަމަޖެހިފައިވާ އިރު ހޭނައްތާ ޑޮކްޓަރު ބައްލަވާނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެނދުރު 12:00 އަށެވެ.

އެޑްމިޓްކޮށްފައި ތިބޭ ބަލިމީހުންނަށް ޒިޔާރަތްކުރުން ހަވީރު 16:00 އިން ރޭގަނޑު 21:00 އަށް ހަމަޖެހިފައިވާ އިރު އައިސީޔޫގައި އެޑްމިޓްކޮށްފައި ތިބޭ ބަލި މީހުންނަށް ޒިޔާރަތްކުރަން ހަމަޖެހިފައި ވަނީ ހެނދުނު 11:00 އިން މެންދުރު 12:00 އަށް އަދި ހަވީރު 5:00 އިން 6:00 އަށް ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.