28 Jun 2014, 16:31
އޯޑިއޯން ބިމުގެ ރޯދައަށް ހާއްސަ ކޮށްގެން އިމާރާތްކުރި ވަގުތީ މިސްކިތް ހުޅުވައިފި އެވެ.
މިއަދު އަސުރު ނަމާދު ގަޑީގައި އެ މިސްކިތް ހުޅުވައި ދެއްވީ ނިޝާން ގާޒީގެ އިއްޒުއްދީންގެ ލަގަބް ލިބިވަޑައިގެންފައިވާ އުމަރު ޒާހިރު އެވެ. އެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު އާއި ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒުގެ އިތުރުން ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އޯޑިއޯން ބިމުގެ ރޯދައަށް ހާއްސަ ކޮށްގެން އިމާރާތްކުރި ވަގުތީ މިސްކިތް ހުޅުވުން -- ސަން ފޮޓޯ: ފަޔާޒު މޫސާ
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވީ ފުރުގާން މިނިސްކިތް ނަމޫނާ އަކަށް ހަދައިގެން އިމާރާތް ކުރި އެމިސްކިތަށް ދެ މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށެވެ. އަދި އެ މިސްކިތަކީ ފަނޑިޔާރު މިސްކިތް ތަޅާލުމުން އެސަރަހައްދުގެ މީހުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް އިމާރާތް ކުރި މިސްކިތެއް ކަމަށެވެ.

އޯޑިއޯން ބިމުގެ ރޯދައަށް ހާއްސަ ކޮށްގެން އިމާރާތްކުރި ވަގުތީ މިސްކިތް ހުޅުވުން -- ސަން ފޮޓޯ: ފަޔާޒު މޫސާ
ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވީ އެ މިސްކިތަކީ 14 ދުވަހުގެ ތެރޭގައި ނިންމާފައިވާ މިސްކިތެއް ކަމަށެވެ. އަދި އެކަމުން ހާމަކޮށްދެނީ ސިފައިން އެމީހުންގެ ގައުމީ ވާޖިބު އަދާ ކުރުން މަތީ ދެމިތިބި މިންވަރު ކަމަށް ނާޒިމް ވިދާޅުވި އެވެ.
އެ މިސްކިތް އިމާރާތް ކޮށްފައި ވަނީ ގޯތިތެރެއާ އެކު އަށް ސަތޭކަ މީހުންނަށް ނަމާދުކުރެވޭ ގޮތަށެވެ. އަންހެނުންނަށް ނަމާދު ކުރަން ވަކި ސަރަހައްދެއް ހާއްސަ ކޮށްފައިވެ އެވެ.

އޯޑިއޯން ބިމުގެ ރޯދައަށް ހާއްސަ ކޮށްގެން އިމާރާތްކުރި ވަގުތީ މިސްކިތް ހުޅުވުން -- ސަން ފޮޓޯ: ފަޔާޒު މޫސާ
އެމިސްކިތަކީ ސިފައިންގެ މަސައްކަތުން އިމާރާތް ކޮށްފައިވާ މިސްކިތެކެވެ. އެކަމަށް އެހީތެރިވެ ދީފައި ވަނީ ސިޓީ ކައުންސިލް އާއި އެސްޓީއޯ އިންނެވެ.