28 Jun 2014, 15:59
އިންޑިއާގެ ބޮޑު ވަޒީރު މޯދީ 10000 ފޮލޯވަރުންގެ ތަފާތަކުން "ވައިޓް ހައުސް"ގެ މައްޗަށް ކުރިހޯދައިފައިވާ ކަމަށް ޓްވިޓާއަށް ހަވާލާދީ ބީބީސީ އިން ބުނެފި އެވެ.
ބީބީސީ އިން ބުނެފައި ވަނީ ނަރޭންދްރަ މޯދީގެ ޓުވިޓާ އެކައުންޓަށް 4.99 މިލިއަން ފޮލޮވަރުން ލިބިފައިވާ އިރު އެމެރިކާގެ "ވައިޓް ހައުސް" އެކައުންޓަށް ލިބިފައި ވަނީ 4.98 މިލިއަން ފޮލޮވާސް ކަމަށެވެ.
އިންޑިއާގެ ބޮޑު ވަޒީރުކަމަށް ނަރޭންދްރަ މޯދީ މި އަހަރުގެ މެއި މަހު ކުރިމަތިލައްވައި އެ މަގާމު ކާމިޔާބު ކުރައްވާފައިވާ އިރު އެ އިލެކްޝަން ކާމިޔާބު ކުރެއްވުމުގެ ބޮޑު ޝުކުރެއް ސޯޝަލް މީޑިއާގެ ފަރާތުން ކޮށްފައިވާ ކެމްޕެއިނަށް ހައްގުވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އަދި އެއިލެކަޝަން ކާމިޔާބުކުރެއްވުމަށް ފަހު މޯދީ ކުރެއްވި ޓްވީޓު "އިންޑިއާ މޮޅުވެއްޖެ" ވަނީ 24،000 ފަހަރު ރީޓްވީޓް ވެސް ކޮށްފަ އެވެ.
އާންމުކޮށް ހިންދީ ބަހުން މުހާތަބުކޮށް ވާހަކަ ދެއްކި ނަމަވެސް މޯދީ ކުރައްވާ ޓުވީޓްތައް އަބަދު ވެސް އިނގިރޭސި ބަހުން ކުރައްވާފައިވާ އިރު، މޯދީ އޭނާގެ ވެބްސައިޓްގައި ބުނެފައި ވަނީ ޓެކްނޮލޮޖީ އާއި ސޯޝަލް މީޑިއާ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންނާ މުއާމަލާތް ކުރުމުގައި ވަރަށް ބާރުގަދަ ދެ ވަސީލަތް ކަމަށެވެ.
ދުނިޔޭގެ ނިސްބަތުން ބަލާ އިރު ޓުވިޓާގައި އެންމެ މަގުބޫލު ވޯލްޑް ލީޑަރުންގެ އެންމެ ކުރީގައި ވަނީ 43 މިލިއަން ފޮލޮވާސް އާއި އެކީ އެމެރިކާގެ ރައީސް ބަރަކް އޮބާމާ އެވެ. އަދި ދެވަނާގައި 14 މިލިއަން ފޮލޮވާސް އާއި އެކީ ޕޯޕް ފްރާންސިސް ވާ އިރު ތިންވަނައިގައި އުޅެނީ ފަސް މިލިއަން ފޮލޮވާސް އާއި އެކު އިންޑޮނޭޝިޔާގެ ރައީސް ސުސިލޯ ބަމްބަންގް ޔުދޮޔޯނޯ އެވެ.