28 Jun 2014, 15:52
ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުން ކަޓައިގެން ދިޔަ ޕޯޗުގަލް ޓީމުގެ ކުޅުންތެރިންނަކީ "މުހިންމު ނޫން" ބައެއްގެ ގޮތުގައި އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ދެކޭތީ އެކަމަށް ޕޯޗުގަލް އަށް ނިސްބަތްވާ ކޯޗެއް ކަމަށްވާ މަނުއެލް ހޯސޭ، ރޮނާލްޑޯ އަށް ފާޑު ކިޔައިފި އެވެ.
ބްރެޒިލްގައި ކުރިއަށްދާ މުބާރާތަށް ޕޯޗުގަލް ކުރިމަތިލި އިރު، އެ ޓީމުގެ ކެޕްޓަން ރޮނާލްޑޯ ހުރީ އަނިޔާގަ އެވެ. ނަމަވެސް އަނިޔާގައި ހުރެ ޕޯޗުގަލް އަށް ރޮނާލްޑޯ ކުޅުނު ނަމަވެސް، އެ ޓީމަށް ވޯލްޑް ކަޕް ނިންމާލަން ޖެހުނީ ޖަރުމަނާއި އެމެރިކާގެ ފަހަތުން ގްރޫޕް ޖީގެ ތިން ވަނައިގައި އޮވެ އެވެ.
ޕޯޗުގަލްގެ ކްލަބުތައް ކަމަށްވާ ސްޕޯޓިންގް ލިސްބަން، ބެންފީކާ އަދި ވިކްޓޯރިއާ ޑި ގުއިމަރޭސް އަށް އިރުޝާދުދިން ކޯޗު ހޯސޭ ދެކޭގޮތުގައި، ރޮނާލްޑޯގެ ފަރާތުން ޕޯޗުގަލް ޓީމަށް އެއްވެސް އެހީތެރިކަމެއް ލިބިފައި ނުވާ ކަމަށެވެ.
"ރޮނާލްޑޯ އަކީ މޮޅު ކުޅުންތެރިއެއް. އެކަމަކު އޭނާ ވާހަކަ ދައްކާ ކޮންމެ ފަހަރަކު ބުނާނެ ޓީމަށް އެއްވެސް ވަރަކަށް އިތުބާރު ނުކުރެވޭ ވާހަކަ. ޓީމަށް އިތުބާރު ނުކުރެވެއޭ ބުނުމުގެ މާނާއަކީ ޓީމުގެ ކުޅުންތެރިންނާ މެދު ވެސް އެއްވެސް އިތުބާރެއް ނުކުރެވެއޭ. ރޮނާލްޑޯ ދެކުނީ ޓީމުގެ އެހެން ކުޅުންތެރިންނަކީ މުހިންމު ބައެއް ނޫން ކަމަށް،" އޭނާ ބުންޏެވެ.
ވޯލްޑް ކަޕް ރޮނާލްޑޯ ނިންމާލި އިރު، މި މުބާރާތުގައި އޭނާ އަށް ކާމިޔާބު ކުރެވިފައި ވަނީ އެންމެ ލަނޑެކެވެ. އެއީ ގްރޫޕްގެ އެންމެ ފަހު މެޗުގައި ގާނާއާ ދެކޮޅަށް ކުޅުނު މެޗުގައި ކާމިޔާބުކުރެވުނު ލަނޑެވެ.