ބްރެޒިލް ތަރި ނޭމާ އަށް 2010 ވަނަ އަހަރު ޗެލްސީން ހުށަހެޅި ބޮޑު އަގަށް ހުރަސް އެޅީ ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭ ކަމަށް ނޭމާ ބުނެފި އެވެ.

އުމުރުން 22 އަހަރުގެ ނޭމާ ދަނީ އަމިއްލަ ގައުމުގައި ބާއްވާ ވޯލްޑް ކަޕުގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އޭނާ ވަނީ މިހާރު ކުރިއަށްދާ ވޯލްޑް ކަޕުގައި މިހާތަނަށް ހަތަރު ލަނޑު ކާމިޔާބުކޮށްފަ އެވެ.

މިދިޔަ ސީޒަނުގައި 57 މިލިއަން ޔޫރޯ އަށް ބާސެލޯނާއާ ނޭމާ ގުޅުމުން އެ ކްލަބަށް އެންމެ ބޮޑަށް ކުރިމަތިވި މައްސަލައަކީ ގާނޫނީ މައްސަލަތަކެވެ. ޕްރިމިއާ ލީގަށް ސޮއިކުރުމާ ކައިރިވެފައި ވަނިކޮށް، އެކަން ފުރިހަމަ ނުވީ ނޭމާގެ ކުރީގެ ކްލަބު ސަންތޯސްގެ ރައީސާއި ޕެލޭގެ ސަބަބުން ކަމަށް ނޭމާ ބުނެ އެވެ.

"އެއީ 2010 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 23 ވަނަ ދުވަސް. ސަންތޯސްގެ ރައީސް ލުއިސް އަލްވާރޯ އާއި އަހަރެންނާއި އަހަރެންގެ ބައްޕަ ބައްދަލުކުރިން. ޗެލްސީ އިން އަހަރެންނަށް ބޮޑު އަގެއް ހުށަހެޅި. އެ ވާހަކައިގެ މެދުތެރެއިން ކްލަބުގެ ރައީސް އަހަރެންނަށް ހުސް ގޮނޑިއެއް ދައްކާފައި ބުނީ، ޗެލްސީގެ ހުށަހެޅުން ދޫކޮށްލައިފިއްޔާ އެ ގޮނޑީގައި އިށީނުމުގެ ފުރުސަތު ދޭނެ ކަމަށް. އެ ގޮނޑިއަކީ ކުރީގެ ގައުމީ ބަތޮލު އޭޓަން ސެނާގެ ގޮނޑި. އޭނާ މަރުވުމަށް ފަހު، އެ ގޮނޑި ހުންނަނީ ފަޅަށް." ޑެއިލީ މެއިލްގައި ޝާއިރުކޮށްފައިވާ ނޭމާގެ ހަޔާތުގެ ވާހަކަތަކެއް ހިމެނޭ ފޮތެއްގައި ބުނެފައިވެ އެވެ.

ނޭމާ ބުނީ، ރައީސް އެހެން ބުނުމުގެ ސަބަބުން އެކަމަށް އޭނާ އިތުރަށް ވިސްނަން ޖެހުނު ކަމަށާއި ދެން ޗެލްސީގެ ހުށަހެޅުން ދޫކޮށްލުމަށް އެދުނީ ބްރެޒިލްގެ ފުޓްބޯޅައިގެ ރަސްގެފާނު ޕެލޭ ކަމަށެވެ.

ނިމިގެންދިޔަ ސީޒަނުގެ ސްޕެނިޝް ލަލީގާގައި ނޭމާ ކުޅުނު 26 މެޗުން އޭނާ ވަނީ ބާސާ އަށް ނުވަ ލަނޑު ކާމިޔާބުކޮށްދީފަ އެވެ. ލަލީގާގެ ޗެމްޕިއަންކަން ބާސާ އަށް ގެއްލުނީ ލީގުގެ އެންމެ ފަހު މެޗުގައި އެތުލެޓިކޯ މެޑްރިޑާއި ދެކޮޅަށް ކުޅުނު މެޗުން 1-1 ލަނޑުން އެއްވަރުވުމުންނެވެ. އެ މެޗު އެއްވަރުވެގެން ނިމުމުން ލީގު ލިބުނީ އެތުލެޓިކޯ އަށެވެ.