މިދޭތެރެ އިން ބާޒާރުގައި އަގު ދަށްކޮށް ހުރި ދިވެހި ދަނޑުވެރިކަމުގެ ބާވަތްތަކުގެ އަގު ރޯދަ ފެށެން ކުޑަތަން ވެފައިވަނިކޮށް ބޮޑުވެއްޖެ އެވެ.

ދިވެހި ދަނޑުވެރިކަމުގެ ބާވަތްތަކަށް ބަލާ އިރު މީގެ ހަފްތާއެއްގެ ކުރިން 15 ރުފިޔާ އާއި 20 ރުފިޔާ އާ ދޭތެރޭ އަގުތަކެއްގައި ބަރަބޯ ކިލޯއެއް ވިއްކި އެވެ. މިއަދު ބާޒާރުގައި ބަރަބޯ ކިލޯއެއް ވިއްކަނީ 25 ރުފިޔާ އާއި 30 ރުފިޔާ އަށެވެ. އަދި ކުރިން ތިން ރުފިޔާ އަށް ހުރި ދޮންކެޔޮ ވަކެއް ބާޒާރުގައި މިއަދު ވިއްކަން ހުރީ ހަތަރު ރުފިޔާ އަށާއި ފަސް ރުފިޔާ އަށެވެ. ބަށި ކިލޯއެއް ވިއްކަނީ 40 ރުފިޔާ އަށެވެ.

މީގެ ހަފްތާއެއް ކުރިން ފަސް ރުފިޔާ އާއި 10 ރުފިޔާ އާއި ދޭތެރޭ އަގުތަކެއްގައި ފަޅޯ ކިލޯއެއް ވިއްކި އިރު މިހާރު ބާޒާރުގައި ފަޅޯ ކިލޯއެއް ވިއްކަމުން ދަނީ 20 ރުފިޔާ އާއި 25 ރުފިޔާ އާ ދޭތެރޭ އަގުތަކަކަށެވެ.

ކުއްޅަފިލާ ފަތުގެ އަގު 10 ރުފިޔާ އަށް ދެ ބޮނޑި ކުރިން ވިއްކި އެވެ. ކުއްޅަފިލާފަތުގެ އަގު މިހާރު ހުރީ މަތިވެފަ އެވެ. މިހާރު 10 ރުފިޔާ އަށް ބޮނޑި އެކެވެ.

ފަތްޕިލާވެހީގެ ބާވަތްތައް ބާޒާރުގައި ވިއްކަން ހުރިލެއް މަދުކަން ފާހަގަކުރެވެ އެވެ.

ރޯ މިރުހުގެ 100 ގްރާމް 35 ރުފިޔާ އާއި 30 ރުފިޔާއާ ދޭތެރޭގައި ހުރެފައި މިއަދު ވަނީ 40 ރުފިޔާ އާއި 45 ރުފިޔާއަށް މަތިވެފަ އެވެ. އަދި ކުރުނބާ ވެސް ވަނީ 15 ރުފިޔާ އާއި 30 ރުފިޔާއާ ދޭތެރޭ އަގުތަކަކަށް މަތިވެފަ އެވެ.

ދަތުރުވެރިންގެ މާރުކޭޓުގެ ބައެއް ދަނޑުވެރިވެރި ވިޔަފާރިވެރިން ބުނީ ދިވެހި އުފެއްދުންތަކުގެ އަގު މަތިވެފައި ވަނީ ރޯދަޔާއި ދިމާކޮށް އެ ތަކެތީގެ ޑިމާންޑް ބޮޑުވެފައި ވާތީ ކަމަށެވެ. އަދި ރޯދަ މަހުގެ މެދަކާ ހިސާބަށް ދާ އިރު ވެސް އަގުތައް ހުންނާނީ އެހާކަށް ވަރެއްގައި ހިފެހިއްޓިފައި ކަމަށް ދަނޑުވެރިން ބުނެ އެވެ.