ގޯމީޑިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިންތިޒާމުކޮށްގެން ކާނިވާ ސަރަހައްދުގެ ޕާކިން އޭރިއާގައި ރަމަޒާން ފްރެޝް މާކެޓް ހުޅުވައިފި އެވެ.

ގޯމީޑިއާގެ ޖެނެރަލް މެނޭޖަރު އިބްރާހިމް އާމިރު މިއަދު ސަން އަށް ވިދާޅުވީ މި އަހަރުގެ ފްރެޝް މާކެޓްގައި ޖުމްލަ 19 ސްޓޯލެއް ހިމަނާފައިވާ ކަމަށާއި އެގޮތުން އެ ހުރިހާ ސްޓޯލެއް ވެސް މިއަދު ހަވީރުން ފެށިގެން ހުޅުވާފައި ހުންނާނެ ކަމަށެވެ.

އާމިރު ވިދާޅުވީ އެހެން އަހަރުތަކާ ޚިލާފަށް މި އަހަރުގެ މާކެޓްގައި ރާއްޖޭގެ ބޮޑަތި މަސްކުންފުނިތައް ކަމަށްވާ މިފްކޯ އާއި ކޫއްޑޫގެ އިތުރުން ފެލިވަރު ބައިވެރިވެފައި ވާތީ ތަފާތު މަހުގެ ބާވަތްތައް ލިބެން ހުންނާނެ ކަމަށެވެ. އެގޮތުން މޭވާ އާއި ތަރުކާރީގެ ބާވަތްތަކުގެ އިތުރުން ކަނޑުމަހުގެ ބާވަތްތަކާއި ސީފުޑްގެ އިތުރުން ކަޓްލް ފިޝް އަދި ޕްރޯން ފަދަ ބާވަތްތަކުގެ އިތުރުން ކުކުޅު ވެސް ލިބެންހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަގުތަކަށް ބަލާ އިރު އެހެން މާކެޓްތަކަށް ވުރެ ތަކެތީގެ އަގު ބޮޑު ނުވާނެ ކަމަށާއި ހުރިހާ ބާވަތްތަށް ވެސް މެދުނުކެނޑި ލިބެން ހުންނާނެކަމަށް އާމިރު ވިދާޅުވި އެވެ.

މިއަހަރުގެ ފްރެޝް މާކެޓް ހުޅުވިފައި ހުންނާނީ ހެނދުނު 09:00 އިން ފެށިގެން މެންދަމު 01:00 އާއި ހަމައަށް ކަމަށް ގޯމީޑިއާ އިން ބުނެ އެވެ.