މާލެ އާއި ބައެއް ރަށްރަށުގައި މިއަދަކީ ރޯދަ މަހުގެ ފުރަތަމަ ދުވަހަށް ވާނެ ކަމަށް ބަލައިގެން ރޭ އިޝާ ނަމާދަށް ފަހު ތަރާވީސް ނަމާދުކޮށްފި އެވެ.


ތަރާވީސް ކުރި ރަށްތަކުގެ ތެރޭގައި ހިމެނޭ ތ. ގާދިއްފުށީ ކައުންސިލްގެ ރައީސް ތައްޔިބް އިސްމާއިލް ވިދާޅުވީ ތަރާވީހު ނަމާދު އެ ރަށުގައި ކުރީ މުދިމު މީހާ އަށް އޮޅިގެން ކަމަށެވެ.

"ކަލަންޑަރުގައި މާދަމާ [މިއަދު] ރޯދަ ކަމަށް އިނީމަ ކަންނޭނގެ[ އެގޮތަށް ތަރާވީސް ނަމާދު ކުރީ]،" އޭނާ ވިދާޅުވި އެވެ.

ގާދިއްފުށީގައި ތަރާވީސް ނަމާދު ކޮށްފައި ވަނީ އެ ރަށަށް އިސްލާމިކް މިނިސްޓްރީގެ ފަރާތުން ފޮނުވާފައިވާ އިންޑިއާ މީހެވެ.

"ނަމާދު ފެށުމުގެ ކުރިން އަޅުގަނޑު އެންގިން އަދި މާދަމާ ރޯދަ ކަމަށް ކަނޑަޅާނައޭ. އެކަމަކު ވެސް މުދިމު މީހާއާ ކައުންސިލުން ބޭނުން ވީމަ ދެން ހާފިޒު ނަމާދު ކުރީ،" ގާދިއްފުށިން ވާހަކަ ދެއްކި އިބްރާހިމް ރަޝީދު ބުންޏެވެ.

އިބްރާހިމް ބުނީ ތަރާވީސް ނަމާދު ކުރަން ފެށުމުން ބައެއް މީހުން މިސްކިތުން ފައިބައިގެން ދިޔަ ކަމަށާއި ނަމަވެސް ރަށުގެ އާބާދީއާ އަޅާ ބަލާއިރު ނިސްބަތުން ގިނަ ބަޔަކު ރޭ ތަރާވީސް ނަމާދު ކުރި ކަމަށެވެ.

ހަނދު ސާބިތު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ގޮތެއް ނިންމާފައި ވަނީ ރޭ 10:40 ހާއިރު އެވެ.