ޖިއްދާ (ޖޫން 28): އިރާގުގެ މައްސަލައާބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ ސައޫދީ ރަސްގެފާނު އަބްދުﷲ އާ ޖިއްދާގައި ބައްދަލުކުރައްވައިފި އެވެ.

މިބައްދަލުކުރެއްވުމުގެ ކުރިން ކެރީ ވަނީ ސައޫދީ ޚާރިޖީ ވަޒީރު ސައޫދުލްފައިސަލް އާ ވެސް ބައްދަލުކުރައްވާފަ އެވެ. ކެރީއާއި ސައޫދީ އިސްމަސްއޫލުވެރިންގެ މަޝްވަރާތައް ބިނާކުރެއްވީ އިރާގުގައި ހިނގަމުންދާ ދާޚިލީ އަރާރުންތަކުގެ ސަބަބުން އެގައުމު ރޫޅިގެންދިޔުން ހުއްޓުވުމާ ބެހޭ ގޮތުންނާއި އިރާގަށާއި އެސަރަހައްދަށް ސުލްހަގެނައުމާބެހޭ ގޮތުން ކަމަށް ސައޫދީ ނޫސްއެޖެންސީ ޚަބަރުދެ އެވެ.

ކެރީ، ސައޫދީ އަރަބިޔާއަށް ވަޑައިގަތުުމުގެ ކުރިން ސައޫދީ ސަރުކާރުން ވަނީ އިރާގުގައި ހިނގަމުންދާ "ޓެރަރިޒަމް"ގެ އަމަލުތަކުގެ ބިރު ސައޫދީ އަރަބިޔާއަށް ވެސް އޮތްކަމަށް ބުނެ އެކަމާ މެދު ކަންބޮޑުވާކަން ހާމަކޮށް ބަޔާނެއް ނެރެފަ އެވެ. މިބަޔާނުގައި، އިރާގާއި ސޫރިޔާގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާއަތްތަކުގެ ސަފުތަކުގައި ބައިވެރިނުވުމަށް ސައޫދީ ޒުވާނުންނަށް އިލްތިމާސްކޮށްފައިވެ އެވެ. އަނެއްކޮޅުން ޖިއްދާގައި ކެރީވަނީ ސޫރިޔާގެ އދިކޮޅު އިއްތިޙާދުގެ ޒަޢީމް އަހްމަދުލްޖަރްބާ އާ ބައްދަލުކުރައްވާފަ އެވެ. އިރާގުގެ ހަނގުރާމައިގެ ހާލަތު އަވަސް އަވަހަށް ބަދަލުވަމުންދާ އިރު އިރާގު ރޫޅިގެން ހިނގައިދާނެ ކަމުގެ ބިރާއެކު އެއަށް ފަހު އެސަރަހައްދަށް ވެގެންދާނެ ގޮތްތަކާބެހޭ ގޮތުން ސަރަހައްދުގެ ލީޑަރުން ވަނީކަންބޮޑުވެ ވަޑައިގެންފަ އެވެ.

އިރާގުގެ ކުރުދީންގެ ހުރިހާ ސަރަހައްދުތަކެއް ކުރުދީ ހަނގުރާމަވެރިންގެ ކޮންޓްރޯލްގެ ދަށުގައިވާ އިރު އުތުރާއި ހުޅަނގުގެ ސަރަހައްދުތައް ވަނީ ސުންނީ ހަނގުރާމަވެރިންގެ އަތްދަށުގަ އެވެ. އަދި އިރާގުގެ މެދުތެރެއާއި ދެކުނުގެ ސަރަހައްދުތައް ވަނީ ޝިޔަޢީންގެ ކޮންޓްރޯލްގެ ދަށުގަ އެވެ. އިރާގުގެ ކުރުދީ ލީޑަރުން ވަނީ އެމީހުންގެ އަތްދަށުގައިވާ ސަރަހައްދުތަކުގައި ކުރުދީންނަށް ޚާއްސަ ދައުލަތެއް އިޢްލާން ކުރުމަށް ތައްޔާރުވަމުންދާ ކަމަށް ވިދާޅުވެފަ އެވެ. އަދި ކުރުދީންގެ އަތްދަށުގައިވާ ސަރަހައްދުތައް ދެން ދުވަހަކު ވެސް އިރާގުގެ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ނުދާނެ ކަމަށް ކުރުދީ ލީޑަރުން ވަނީ ވިދާޅުވެފަ އެވެ. (ނޫސްއެޖެންސީތައް)