28 Jun 2014, 09:22
ވޮޝިންޓަން (ޖޫން 28): އިރާގުގެ ވެރިކަމުގެ ނިޒާމް ވައްޓާލަން މަސައްކަތްކުރާ ހަނގުރާމަވެރި ޖަމާއަތްތަކުގެ ލީޑަރުންނަށާއި ކޮމާންޑް ސެންޓަރުތަކަށް އަމާޒުކޮށް ވައިގެ ވަރުގަދަ ޙަމަލާތަކެއް ދިނުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށް އެމެރިކާ ސިފައިންގެ ލަޝްކަރުތަކުން ބުނެފި އެވެ.
އެމެރިކާ ސިފައިންގެ ޖޮއިންޓް ޗީފް އޮފް ސްޓާފް ޖެނެރަލް މާޓިން ޑިމްޕްސީ ވިދާޅުވީ "އިރާގުގައި ބަޣާވާތްކުރާ ހައްދުފަހަނަޅާފައިވާ ލީޑަރުންނަށާއި އެމީހުންގެ ކޮމާންޑް ސެންޓަރުތަކާ ދެކޮޅަށް އެމެރިކާގެ ވައިގެ ސިފައިންގެ ފުރިހަމަ ބާރުބޭނުންކުރެވޭނެ ކަމަށާ މިކަމަށްވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތަކުގައި އެމެރިކާ ސިފައިންގެ އެތައް ހާސްބަޔަކާއި މަތިންދާބޯޓު އުފުލާ މަނަވަރުތައް ހަރަކާތްތެރިވަމުންދާ" ކަމުގަ އެވެ.
އަނެއްކޮޅުން ޕެންޓަގަން އިން ވަނީ އިރާގުގެ ސުންނީ ހަނގުރާމަވެރިންގެ ޖަމާވެފައިވާތަންތަނާއި އެމީހުންގެ ކޮމާންޑް ސެންޓަރުތައް ބަލައި ފާހަގަކުރުމަށް ޓަކައި އެމެރިކާގެ ޖާސޫސީ ޑްރޯން މަތިންދާބޯޓުތައް އިރާގުގެ މަތިން އުދުހެމުންދާކަން ހާމަކޮށްފަ އެވެ. އިރާގަށް 2003 ވަނައަހަރު އެމެރިކާ ސިފައިން އަރައި އެގައުމުގެ ސަރުކާރު ވައްޓާލުމަށް ފަހު އުފައްދާފައިވާ ވެރިކަމުގެ ނިޒާމުގެ ބޮޑުވަޒީރަކަށް މިހާރު ހުންނެވި ނޫރީއަލްމާލިކީ ވަނީ ބަޣްދާދު ހިފުމަށް މަސައްކަތްކުރާ ސުންނީ ހަނގުރާމަވެރިންގެ އަމާޒުތަކަށް ވައިގެ ހަމަލާތަކެއްދީ އެމީހުން މައިތިރި ކުރުމަށް އެމެރިކާގެ ކިބައިން ރަސްމީ ސިފައެއްގައި އެދިވަޑައިގެންފަ އެވެ. މިއާ އެކު އެމެރިކާގެ ރައީސް ބަރަކް އޮބަމާ ވަނީ އެމެރިކާގެ އަސްކަރީ ތަޖްރިބާކާރުންގެ 200 އެއްހާ މީހުން އިރާގަށް ފޮނުއްވާފަ އެވެ.
އިރާގުގެ ސަރުކާރު ވައްޓާލަައި އަވަށްޓެރި ބައެއް ގައުމުތައް ހިމެނޭ ގޮތަށް އިސްލާމީ ޚިލާފަތެއް ގާއިމް ކުރުމަށް ހަނގުރާމަކުރާ އެންމެ ނުރައްކާތެރި އަދި އެންމެ ބާރުގަދަ ޖަމާއަތް ކަމަށްވާ "ދި އިސްލާމިކް ސްޓޭޓް ފޯ އިރާގް އެންޑް ދަ ލެވަންޓް" ނުވަތަ (ދާޢިޝް)ގެ ހަނގުރާމަވެރިން ވަނީ ބަޣްދާދާ އެންމެ ކިލޯ މީޓަރެއްގެ ކައިރީގައި ކަމަށާއި އެމީހުންނާ ކުރިމަތިލުމުގެ ގާބިލްކަން އިރާގު ސިފައިންނަށް ލިބިފައިނުވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އެމެރިކާ ކުރިންވަނީ "ދާޢިޝް"ގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް ވައިގެ ހަމަލާތަކެއް ދިނުމަށް އިރާގު ސަރުކާރުން އެދުނު އެދުމަށް ދެކޮޅު ހަދާފަ އެވެ. ނަމަވެސް ކުއްލި ގޮތަކަށް "ދާޢިޝް"އާ ދެކޮޅަށް ވައިގެ ހަމަލާތަކެއް ދިނުމަށް ރައީސް ބަރަކް އޮބާމާ ނިންމެވީ އެޖަމާއަތުން ކުރިޔަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ބަޣްދާދު ހިފައި އިރާގު ސަރުކާރު ވައްޓާލާފާނެ ކަމުގެ ބިރު ބޮޑުވުމާ ގުޅިގެން ކަމަށް މުރާސިލުން ބުނެ އެވެ.
އެމެރިކާ އިން ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިނަމަ "ދާޢިޝް"ގެ ހަނގުރާމަވެރިންނަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް އެޖަމާއަތަކީ ބަލިކޮށްނުލެވޭ މިންވަރަށް އިރާގުގެ ސުންނީންގެ ތާއީދާއި އެއްބާރުލުން ލިބިފައިވާ ހުނަރުވެރި އަދި އަސްކަރި ގޮތުން ބާރުގަދަ ޖަމާއަތެއް ކަމަށް ތަޖްރިބާކާރުން ސިފަކުރެ އެވެ. އެހެންކަމުން އެމެރިކާގެ ވައިގެ ހަމަލާތަކަކީ "ދާޢިޝް" ފަނާކޮށްލެވޭނެ ހަމަލާތަކެއް ނޫންކަމަށް މިފަރާތްތަކުން ދެކެ އެވެ. (ނޫސްއެޖެންސީތައް)