08 Jan 2011, 17:56
ރާއްޖޭގައި ގާއިމުވަމުންދާ ޑިމޮކްރެސީ ދެމެހެއްޓޭނީ މަތީ ތައުލީމުގެ ނިޒާމު ހަރުދަނާ ގޮތެއްގައި ގާއިމުކުރެވިގެން ކަމަށް އެޑިއުކޭޝަން މިނިސްޓާ ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
މާދަމާ ފަށާ މިއަހަރުގެ ދިރާސީ އަހަރާ ގުޅުވައިގެން މިރޭ ތާޖުއްދީން ސްކޫލްގައި ބޭއްވި ޚާއްސަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޝިފާ ވިދާޅުވީ، ނިމުމުގެ މަރުހަލާގައި މިހާރު އޮތް ރާއްޖޭގެ މަތީ ތައުލީމުގެ ދިރާސާގެ މަސައްކަތް މުޅިން ފުރިހަމަކޮށް ފެންވަރު ރަނގަޅު ކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށެވެ. "އެގޮތުން މައިގަނޑު ތިން ރޮނގަކުން އިސްކަން ދެވިގެންދާނެ. އެއީ ގަވަނަންސް ނުވަތަ ހިންގުން ހަރުދަނާކުރުމާއި ފެންވަރު މަތިކުރުމާއި އަދި އަމިއްލަ ފަރާތްތަކުގެ ދައުރު އިތުރުކޮށް ފުޅާކުރުން." މިނިސްޓާ ވިދާޅުވި އެވެ.
މި މަސައްކަތުގެ ތެރޭގައި ރާއްޖޭގެ މަތީ ތައުލީމުދޭ ފަރާތްތައް މާލެއިން ބޭރުގައި ނުވަތަ އަތޮޅުތަކުގެ ތެރޭގައި ގާއިމުކުރުން ހިމެނޭ ކަން ފާހަގަކުރައްވަމުން ޝިފާ ވިދާޅުވީ، މިއަހަރު ތެރޭގައި ލ. ގަމުގައި ޔުނިވާސިޓީއެއް ގާއިމްކުރުމުގެ މަސައްކަތްކުރިއަށްދާ ކަމަށެވެ.
"... އިރާދަކުރެއްވިއްޔާ ވަރަށް ކައިރި މުސްތަގުބަލެއްގައި ރާއްޖޭގެ ފުރަތަމަ ޔުނިވާސިޓީ، އާދެ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ އުފެދިގެން ދާނެ." މިނިސްޓާ ވިދާޅުވި އެވެ.
މި އަހަރުން ފެށިގެން ރާއްޖޭގައިހުރި މަތީ ތައުލީމުދޭ ތަންތަނުގެ ފެންވަރު ބެލުމުގެ މަސައްކަތްވެސް ފެށުމަށް އެޑިއުކޭޝަނުން ވަނީ ނިންމައިފަ އެވެ.
"ރާއްޖޭގައި ހުރި މަތީ ތައުލީމާއި ތަމްރީނު ދޭ މަރުކަޒުތަކުގެ ފެންވަރު ބަލައި ފެންވަރު ރަގަނޅު ކުރުމުގެ މަސައްކަތް ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ މަސައްކަތްތައް ހަރުދަނާކުރެވޭނެ. އަދި ފުރަތަމަ ފަހަރަށް ފެށިގެންދާނެ ކޮލެޖްތަކުގެ އެކެޑަމިކް އޮޑިޓްގެ މަސައްކަތްތަކަކީ މި ރޮނގުން ވަކިން ޚާއްސަކޮށް އަޅުގަނޑު ފާހަގަކޮށްލާނެ ކަންތައް."
ހުރިހާ ގްރޭޑްތަކުގެ ދަރިވަރުންނަށް ފެންވަރު ރަގަނޅު ތައުލީމު ހޯދުމަށް މަގުފަހިކުރުމުގެ ގޮތުން ރަށުން ބޭރުން ކިޔެވުމަށް އަންނަ ދަރިވަރުންނަށް ޚާއްސަ "ގެއެއް" ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ހުންނާނެ ކަމަށް މިނިސްޓާ ވިދާޅުވި އެވެ.
ބަލަދުވެރިއަކާއެކު ދިރިއުޅެވޭނެ ހުރިހާ ވަސީލަތްތަކާއެކު ގާއިމްކޮށްފައިވާ އެ ރެސިޑެންޝަލް ލާނިން ސެންޓަރުތައް ހުންނާނީ ބ. އޭދަފުއްޓާއި ޅ. ނައިފަރާއި ދ. ކުޑަހުވަދޫގެ އިތުރުން ލ. ގަމުގައި ކަމަށް މިނިސްޓާ ވިދާޅުވި އެވެ.
މި ސެންޓަރު ތަކުގެ ތެރެއިން ބ. އޭދަފުށި ފިޔަވައި އެހެން ހުރިހާ ސެންޓަރުތަކުގެ ޚިދުމަތް އަހަރު ކުރީކޮޅު ފެށިގެންދާނެ ކަމަށް މިނިސްޓާ ވިދާޅުވި އެވެ. އޭދަފުށީ ސެންޓަރުގެ ޚިދުމަތް ލިބެން ފަށާނީ މެއި މަހުގެ ތެރޭގަ އެވެ.
"ވަށައިޖެހޭ ތައުލީމު- އެންމެންގެ އަމާޒު" މި ޝިޔާރާއެކު، މާދަމާ ދިރާސީ އަހަރު ފަށަނީ ބޮޑު ބަދަލުތަކަކާއެކު އެވެ. އެގޮތުން ރާއްޖޭގެ 125 ސްކޫލެއްގައި އެއް ދަންފަޅިއަށް ކިޔަވައިދޭނެ ފަށާއިރު މާލޭގައި ހުރި ސަރުކާރުގެ ސެކަންޑަރީ ސްކޫލްތަކުގައި ކިޔަވައިދޭނީ ދެޖިންސު މަސްހުނިކޮށެވެ. އަދި ސެކަންޑަރީ ސްކޫލްތަކުގައި ގްރޭޑް 1 އުފައްދާފައިވާއިރު، ޕްރައިމަރީ ސްކޫލްތަކުގައި 8 ވެސް ވަނީ އުފައްދައިފަ އެވެ.