އަންނަ ސީޒަނަށް އިނގިރޭސި ކްލަބު މެންޗެސްޓާ ޔުނައިޓެޑް ވަރުގަދަ ކުރުމުގެ ގޮތުން ލޫކް ޝޯ ސޮއިކޮށްފައިވާ ކަން އެ ކްލަބުން ރަސްމީކޮށް އިއުލާން ކޮށްފި އެވެ. ޔުނައިޓެޑަށް ޝޯ ސޮއިކުރީ 30 މިލިޔަން ޕައުންޑްގެ އަގަކަށެވެ.

ވޯލްޑް ކަޕްގައި އިނގިރޭސި ގައުމީ ޓީމަށް ނެގި ސްކޮޑުގައި ހިމެނުނު އުމުރުން 18 އަހަރުގެ ލެފްޓް ބެކް ޔުނައިޓެޑަށް ސޮއިކޮށް، މެޑިކަލް ފުރިހަމަކުރީ މިއަދު އެކްލަބުގެ ފަރިތަކުރުންތައް ކުރިއަށް ގެންދާ ދަނޑުގަ އެވެ. ޔުނައިޓެޑާއެކު ޝޯ ސޮއިކުރީ ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގައި ކަމަށް އެކްލަބުން މައުލޫމާތު ދެ އެވެ.

ޝޯ އަށް މެންޗެސްޓާ އިން ހަފްތާއަކު 160،000 ޕައުންޑް ލިބޭ އިރު، އޭނާ ވެގެންދާނީ އެންމެ އަގުބޮޑު ޒުވާން ކުޅުންތެރިޔާ އަށެވެ.

ޔުނައިޓެޑަށް ސޮއިކުރުމަށް ފަހު އެކްލަބުގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ޝޯ ބުނީ، އޭނާ ޔުނައިޓެޑްގެ ޓީމު މެންބަރަކަށް ވުމުން ވަރަށް އުފާކުރާ ކަމަށެވެ. އަދި ފާއިތުވި އަށް އަހަރު ދުވަހު ކުޅުނު ކްލަބު ކަމަށްވާ ސައުތުހެމްޓަނަށާއި އެ ކްލަބުގެ ސަޕޯޓަރުންނަށް ވެސް ޝޯ ވަނީ ޝުކުރު އަދާކޮށްފަ އެވެ.

"އަހަރެންގެ ކެރިޔަރުގެ ކުރިއެރުމަށް އެންމެ ރަނގަޅު ކްލަބަކީ ޔުނައިޓެޑް. އަހަރެން ދެން ބޭނުންވަނީ އަހަރެންގެ ހަޔާތުން އާ ސޮފްހާއެއް ހުޅުވާލަން. އަހަރެން ބޭނުންވަނީ ޔުނައިޓެޑްގެ މޮޅެތި ކުޅުންތެރިންނާ އެކު އާ ކަންތައްތަކެއް ތަޖުރިބާކޮށް، ދަސްކުރަން،" އޭނާ ބުންޏެވެ.

ޝޯ އެންމެ ފަހުން ކުޅުނު ކްލަބު ސައުތުހެމްޓަނަކީ އޭނާގެ ފުޓްބޯޅަ ކެރިޔަރު ފެށި ކްލަބެވެ. ސުއަތެމްޓަންގެ ޒުވާން ޓީމަށް 2003 ވަނަ އަހަރުން ފެށިގެން ކުޅުމަށް ފަހު، ސީނިއާ ޓީމުން އޭނާ ޖާގައެއް ހޯދީ 2011 ވަނަ އަހަރު އެވެ. އެ ކްލަބުގައި ހޭދަކުރި ދުވަސްތަކުގައި މޮޅު ކުޅުމެއް ދައްކައި އޭނާ ވަނީ އިނގިރޭސި ޒުވާން ގައުމީ ޓީމުންނާއި ސީނިއާ ޓީމުން ވެސް ޖާގައެއް ހޯދާފަ އެވެ.