28 Jun 2014, 00:48
އެމްޑީޕީން ބާއްވަން ނިންމާފައިވާ ސިލްސިލާ މުޒާހަރާތައް ފަރީދީ މަގާއި ޗާންދަނީ މަގު ގުޅޭ ސަރަހައްދުގައި ނުބޭއްވުމަށް ފުލުހުން އަންގައިފި އެވެ.
އެ ސަރަހައްދުގައި އެމްޑީޕީގެ ފަރާތުން ސިލްސިލާ މުޒާހަރާތައް ނުބޭއްވުމަށް އަންގައި ފުލުހުން ވަނީ އިއްޔެ އެ ޕާޓީއަށް ސިޓީއެއް ފޮނުވާފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު "ސަން"އަށް ވިދާޅުވީ، އެމްޑީޕީން ބާއްވަން ނިންމާފައިވާ ސިލްސިލާ މުޒާހަރާތައް ނުބޭއްވުމަށް އެދިފައި ވަނީ، ސިލްސިލާކޮށް ކޮންމެ ރެއަކު އެ ސަރަހައްދުގައި އެއްވުންތައް ބާއްވާނަމަ އެސަރަހައްދުގައި ދިރިއުޅޭ މީހުންނަށާއި އެ ސަރަހައްދު ބޭނުންކުރާ މީހުންގެ އިތުރުން އާންމުކޮށް މާލޭގެ ގިނަ ރައްޔިތުންތަކަކަށް ނުހަނު ދަތިތަކާއި ކުރިމަތިވާނެތީ ކަމަށެވެ.
ފުލުހުންގެ ސިޓީއިން އަންގާފައި ވަނީ ފަރީދީ މަގާއި ޗާންދަނީ މަގު ގުޅޭ ސަރަހައްދާއި އެ ސަރަހައްދުން ފެށިގެން ޗާންދަނީ މަގުން ދެކުނަށް ގޮސް ޗާންދަނީ މަގާއި މަޖީދީ މަގު ގުޅޭ ހަތަރު އަނގޮޅި ހިމެނޭ ސަރަހައްދުގައި މުޒާހަރާ ނުކުރުމަށެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ ރޭގެ އެއްވުމާ ގުޅިގެން އާންމު ފަރާތަކުން ފުލުހުންނަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.
"ރޭ ޗާންދަނީ މަގު، ދިރާގު ކަންމަތީގައި އެމްޑީޕީން ބޭއްވި އެއްވުމާއި ގުޅިގެން އެ ސަރަހައްދުގެ މަގުތައް ބަންދުވެ، ހިނގާ ބިނގާވެ އުޅޭ މީހުންނަށާއި ދުއްވާއެއްޗެއްސަށް ދަތިވެ، އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހި އެ ފަރާތްތަކުގެ މިނިވަންކަމާއި ހައްގުތައް އުނިކަން ލިބުނު ކަމުގެ ޝަކުވާ ލިބިފައިވޭ،" މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
އެއްވުމުގައި ބައިވެރިވި ބައެއް ފަރާތްތަކުން ހަޑިހުރުތު ބަހުރުވަ ބޭނުންކޮށް އަޑުގަދަކޮށް އާއްމު އިޖުތިމާއީ މިންގަޑުތަކާއި ހިލާފް އަމަލުތައް ހިންގާފައިވާ ކަމާއި މީހުން ގިނަ ވުމުގެ ސަބަބުން އެސަރަހައްދުގައި ޓްރެފިކް ޖޭމްވެ ތަފާތު އުނދަގޫތައް ކުރިމަތިވެފައިވާ ކަމުގެ ޝަކުވާތައްވެސް ހުށަހެޅިފައިވާ ކަމަށް މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި އެއްގޮތަށް ސުލްހަވެރިކަމާއި އެކު ބާއްވާ އެއްވުންތަކުގައި ފުލުހުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދޭނެ ކަމަށާއި އެފަދަ އެއްވުންތަކުގެ ނޯޓިސް ދުރާލައި ފުލުހުންނަށް ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.