އަންނަ އާދީއްތަ ދުވަހަކީ މި އަހަރުގެ މުލަ ރޯދަ ދުވަސް ކަމުގައި ހަމަޖައްސަވައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެކަން އިއުލާން ކޮށްފި އެވެ.

އާދީއްތަ ދުވަހަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަން އިއުލާން ކޮށްފައި ވަނީ ހަނދު ސާބިތުކުރުމާ ބެހޭ ގޮތުން މިރޭ ބޭއްވި ބައްދަލުވުމަށް ފަހު އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގަ އެވެ.

އިސްލާމީ މަރުކަޒުގައި އޮތް ޚާއްސަ ހަފްލާއެއްގައި އެ ބަޔާން އިއްވަވައި ދެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްޝައިޚު މުހައްމަދު ދީދީ އެވެ.

ހަނދު ސާބިތުކުރުމާ ބެހޭ ބަޔާން އިއްވަވަމުން މުހައްމަދު ދީދީ ވިދާޅުވީ އެގޮތަށް ނިންމަވާފައި ވަނީ ރާއްޖޭގެ އެއްވެސް ހިސާބަކަށް ރަމަޟާން މަހުގެ ހަނދު ފެނިފައި ނުވާތީ އާއި އިސްލާމީ އެއްވެސް ގައުމަކަށް ހަނދު ފެނިފައިވާ ކަމުގެ މައުލޫމާތު ލިބިފައިނުވާތީ ކަމަށެވެ.

"ރާއްޖެ އެއްވެސް ތަނަކަށް މިއަދު ހަނދު ފެނިފައިނުވާތީ އާއި އިސްލާމީ އެއްވެސް ގައުމަކަށް ރަމަޟާން މަހުގެ ހަނދު ސާބިތުވެއްޖެ ކަމުގެ ރަސްމީ ހަބަރު ލިބިފައިނުވާތީ، ރަމަޟާން މަހާއި ޝައްވާލް މަހާއި ޒުލްހިއްޖާ މަހުގެ ހަނދު ބެލުމުގައި ރާއްޖޭގައި އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެ މަތިން، މާދަމާ މީލާދީ ސަނަތުން 2014 ވަނަ އަހަރުގެ ޖޫން މަހުގެ 28 ވާ ހޮނިހިރު ދުވަހަކީ 1435 ވަނަ އަހަރުގެ ޝައުބާން މަހުން 30 ވަނަ ދުވަސް ކަމުގައްޔާއި މިއަހަރުގެ ރަމަޟާން މަހުގެ އެއްވަނަ ދުވަހަކީ 2014 ވަނަ އަހަރުގެ ޖޫން މަހުގެ 29 ވާ އާދީއްތަ ދުވަސް ކަމުގައި ނިންމައިފީމެވެ." ހަނދު ސާބިތުކުރުމާ ބެހޭ ބަޔާނުގައި ބުނެފައިވެ އެވެ.