ދިވެހި ރާއްޖޭގެ މަދަނީ ވައިގެ ޚިދުމަތްދޭ އެއަޕޯޓްތަކުގައި މަސައްކަތް ކުރާ އޭވިއޭޝަން ސިކިއުރިޓީ ކޮމާންޑުގެ މުވައްޒަފުންގެ ޔުނީފޯމްގައި ބޭނުންކުރާ ރޭންކްތަކަށް ގެނެވުނު ބަދަލާއިއެކު، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑު މިވައްޒަފުންގެ އައު ޔުނިފޯމް ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑު މުވައްޒަފުންގެ ޔުނީފޯމްގައި ބޭނުންކުރާ އައު ރޭންކުތަކާއި އަދި މިހާރު ބޭނުންކުރާ ޔުނީފޯމްގެ ބަދަލުގައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑު މުވައްޒަފުން ބޭނުންކުރާނެ އައު ޔުނީފޯމް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ، ރަމަޟާންމަހަށް މަރުޙަބާ ކިޔުމުގެ ގޮތުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް މުވައްޒަފުން ބޭއްވި މާހެފުމުގެ ހަފުލާގައި ޑިފެންސް މިނިސްޓަރު ކާނަލް (ރިޓަޔަރޑް) މުހައްމަދު ނާޒިމެވެ.

މިރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މުވައްޒަފުންގެ އައު ޔުނީފޯމް ތައާރަފު ކުރެވި މިއަދުން ފެށިގެން އެ ޔުނީފޯމް އެޅުމުގެ ހުއްދަ ލިބިގެން ގޮސްފައިވާތީ މިއަދަކީ ތާރީޚުގައި ފަވާލެވޭނެ އަކުރުތަކުން ލިޔެވިގެންދާނެ ދުވަހެއް ކަމަށް ވިދާޅުވިއެވެ. އަދި ޔުނީފޯމަކީ އައިޑެންޓިޓީއެއް ކަމަށާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މުވައްޒަފުންނަކީ ކޮންމެ ދުވަހަކު އެތަކެއް ފަތުރުވެރިންނާއި ދިމާވާނެ، އަދި ބައްދަލުވާނެ ބަޔަކަށްވީހިނދު، ގަވާއިދާ އެއްގޮތަށް ޔުނީފޯމް އެޅުމަށާއި ނަފްސު ތަރުބިއްޔަތު ކުރުމަށް އިލްތިމާސް ކުރެއްވިއެވެ.

"މިއަދަކީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ތާރީޚުގައި ފަވާލެވޭނެ އަކުރުތަކުން ލިޔެވިގެންދާނެ ދުވަހެއް. މިއަދު ތިޔަ މުވައްޒަފުންގެ އައު ޔުނީފޯމް ތަޢާރަފް ކުރެވި، މިއަދުން ފެށިގެން މިޔުނީފޯމް އެޅުމުގެ ހުއްދަ ލިބިގެންގޮސްފައިވާތީ އައު ޔުނީފޯމެއް އަޅާއިރު، ޒިންމާތަކެއް ވާކަންވެސް އެބަ ދަންނަންޖެހޭ. ޝައްކެއްވެސްނެތް ގޮތެއްގައި ޔުނީފޯމަކީ އައިޑެންޓިޓީއެއް. ތިމާ މީހާ ޔުނީފޯމް އަޅާފައި ހުންނަ ހުރުމުން ތިމާ އަކީ ކޮންކަހަލަ މީހެއްކަން އަނެކުންނަށް ވަޒަން ކުރެވޭނެ." ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ހުރިހާ މުވައްޒަފުންނަށް ރަމަޟާން މަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ދެންނެވިއެވެ. އަދި އެމަހުގެ ހެޔޮ ދަރުމައާއި ސަވާބު ލިބިގަތުމަށް ގަދައަޅާ މަސައްކަތް ކުރުމަށް ނަސޭހަތްތެރިވެލެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވުމުގެ ކުރިން އޭވިއޭޝަން ސެކިޔުރިޓީ ކޮމާންޑުގެ މުވައްޒަފުންގެ ލާބައާއި މަންފާއަށްޓަކައި ކޮށްދެވުނު ކޮންމެ މަސައްކަތެއް ކުރުމުގައި ދެމި ހުންނާނެކަމުގެ ޔަގީންކަން ދެއްވިއެވެ.