ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ގުރުއާނާބެހޭ މަރުކަޒުގެ ކޯސްތައް ފުވައްމުލަކުގައި ކިޔަވައިދިނުމުގެ ޕްރޮގްރާމް އިފްތިތާހްކޮށްފި އެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ގުރުއާނާ ބެހޭ މަރުކަޒުގެ ކޯސްތައް ފުވައްމުލަކުގެ ގޮފީގައި ކިޔަވައިދިނުމުގެ ޕްރޮގްރާމް އިފްތިތާހް ކޮށްދެއްވީ ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ އަމީނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އޮފީހުގެ މިނިސްޓަރު އަމީން ވިދާޅުވީ، ކީރިތި ގުރުއާންގެ އިލްމު ރާއްޖޭގައި ފުޅާކުރުމަށް ޚާއްސަ ސަމާލުކަމެއް ދީގެން ޚާއްސަ މަސައްކަތްތަކެއް މި ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. އަދި ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ކުރަމުން އަންނަ މަސައްކަތައް ސަރުކާރުން އެއްބާރުލުން ދޭނެ ކަމަށްވެސް ވިދާޅުވި އެވެ.

"ގުރުއާނާބެހޭ މަރުކަޒުން ކުރައްވާ މަސައްކަތުގައި ދެމިތިބުމަށް އަދި އެ މަސައްކަތުގައި ސީދާ ރައީސްގެ އެހީތެރިކަމާއި ސަރުކާރުގެ އެންމެ މަތީ ދަރަޖައިގެ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން އަޅުނގަޑު ދަންނަވަން،" އަމީން ވިދާޅުވި އެވެ.

ގުރުއާން ހިތުދަސްކުރާ މީހުންނަށް ޚާއްސަ އެވޯޑެއް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވީ، ހާފިޒުންނަށް އެވޯޑް ދިނުމުގެ ބޭނުމަކީ ދިވެހިންގެ ހިތްތަކުގައި ގުރުއާނަށް ލޯބި އުފައްދައި، ގުރުއާން ހިތުދަސްކުރާ މީހުން އިތުރުކޮށް، ގުރުއާނާ ބެހޭ އިލްމުގެ ޚާއްސަ ގައުމަކަށް ރާއްޖެ ހެދުން ކަމަށެވެ.

އަމީން ވިދާޅުވީ، ރާއްޖެ ގައުމެއްގެ ގޮތުގައި ދެމިއޮތުމާއި ދިވެހިންގެ އެއްބައިވަންތަކަމާ ދިވެހިންގެ އުއްމީދުތައް ހަގީގަތަކަށް ވުން ބިނާވެގެންދާނީ އިސްލާމްދީނަށް ދިވެހިން ލޯބިކުރާ މިންވަރަށް ކަމަށެވެ. އަދި ދިވެހިންނާއި އިސްލާމްދީނާ ވަކި ނުކުރުވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"މިއަދު އިޖްތިމާއި ގޮތުން ގައުމަށް ދިމާވެފައިވާ ތަފާތު މައްސަލަތަކާއި ހުރި އިޖްތިމާއީ ބަލިމަޑުކަމާއި ހުރި ނުތަނަވަސްކަމާ ހުރި މައްސަލަތައް ހައްލުކުރުމުގެ އަސާސެއްގެ ގޮތުގައި ބަލަންޖެހޭނީ އިސްލާމްދީން. އިސްލާމްދީނުން ގެނެސްދީފައިވާ ރީތި އަދަބުތަކާއި ފިލާވަޅުތައް ދަސްވެގެން މެނުވީ މިގައުމުގައި ހުރި ބަލިމަޑުކަން ފިލާ ނުދާނެ،" އަމީން ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވީ، އަތޮޅުތަކުގެ ދަރިވަރުން މާލޭގައި އުޅެނީ ވަރަށް ހާލުގައި ކަމަށާއި، މިއަދު އިފްތިތާހް ކުރި ސިސްޓަމްގެ ބޭނުމަކީ ރަށުގައި ތިބެގެން ގުރުއާންގެ ކޯސްތައް ފުރިހަމަ ކުރުމުގެ މަގު ފަހިކޮށްދިނުން ކަމަށެވެ.

"އަޅުނގަޑުމެންގެ އަމާޒަކަށްވީ އަތޮޅުތަކުގައި ތިބެގެން ދަރިވަރުންނަށް ކިޔަވައިދެވޭނެ ނިޒާމެއް ގާއިމްކުރުން. މާލެ އައިސް ދަރިވަރުން އުޅެންޖެހޭ ހާލު ވަރަށް ދަތި. އަޅުނގަޑުމެންނަށް އިނގޭ ދަރިވަރުން އުފުލަންޖެހޭ ތަަހައްމަލުތައް،" ޑރ. ޝަހީމް ވިދާޅުވި އެވެ.

މިއަދު ތައާރަފްކުރި ޚިދުމަތުގެ ދަށުން އެ ސިސްޓަމް ގާއިމްކުރާ އަތޮޅެއްގެ ނުވަތަ ވަށައިގެންވާ އަތޮޅުތަކުގެ ދަރިވަރުންނަށް ވެސް ކީރިތި ގުރުއާނާބެހޭ މަރުކަޒުގެ ހުރިހާ ކޯހެއް ފުރިހަމަކުރެވޭނެ ކަމަށްވެސް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ފުވައްމުލަކުގައި ގާއިމްކުރި ވީޑިއޯ ކޮންފަރެންސް ސިސްޓަމަކީ ގުރުއާނަށް ޚިދުމަތް ކުރާ ސައުދީގެ ޖަމާއަތަކުން ރާއްޖެއަށް ދީފައިވާ އެހީއިން ގާތްގަނޑަކަށް ތިން ލައްކަ ރުފިޔާ ޚަރަދުކޮށްގެން ގާއިމްކުރި ސިސްޓަމެއް ކަމަށެވެ.

އެ އެހީގެ ދަށުން އެފަދަ ތިން ސިސްޓަމެއް މިހާރު ގަނެފައިވާ ކަމަށާއި އެ ހުރިހާ ސިސްޓަމަކަށް ގާތްގަނޑަކަށް އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އޯޑިއޯ ވިޝުއަލްގައި މަޝްހޫރު ކުންފުންޏެއް ކަމަށްވާ ޑިވިޝަން އޮފް އޯޑިއޯވިޝުއަލް (ޑޯއޯއޭވީ) އިން ފުވައްމުލަކުގައި ގާއިމްކުރި ވީޑިއޯ ކޮންފަރެންސް ސިސްޓަމް މެދުވެރިކޮށް ކިޔަވައިދޭން ފަށާނީ އަންނަ މަހުގެ ތެރޭގައި ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.