27 Jun 2014, 19:11
އިސްލާމްދީނުގެ ފުރިހަމަކަމާއި، އެ ދީނުގެ ލުއިފަސޭހަކަމާއި، އެ ދީނުގެ ސަމާޙަތްތެރިކަމުގެ ވާހަކަ، ރާއްޖޭގެ ޒުވާނުންނަށް ވިސްނޭފަދަ ބަހުރުވަޔަކުން ފޯރުކޮށްދެއްވައި، ރާއްޖޭގައި މިއޮތް ސައްތައިންސައްތަ އިސްލާމީ ޝަޚުޞިއްޔަތު ދެމެހެއްޓެވުމަށް ގަދައަޅައި މަސައްކަތް ކޮށްދެއްވުމަށް ރާއްޖޭގެ ޢިލްމުވެރިންނަށް ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު އިލްތިމާސް ކުރައްވައިފިއެވެ.
ނައިބު ރައީސް މިކަމަށް އިލްތިމާސް ކުރެއްވީ، މަސްޖިދުލްފުރުޤާން ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، ރާއްޖޭގެ ރައްޔިތުންނަށް ފުރިހަމަ ފައިދާ ލިބިދެވޭފަދަ ގޮތަކަށް ޢިލްމުވެރިންގެ މަސައްކަތް ބައްޓަން ކޮށްދެއްވުމަށްވެސް ރާއްޖޭގެ ދީނީ ޢިލްމުވެރިންނަށް އިލްތިމާސް ކުރެއްވިއެވެ. އަދި މި ވަގުތަކީ، ރާއްޖެއަށާއި، ރާއްޖޭގެ ޒުވާނުންނަށާއި މުޖުތަމަޢަށް، ދިނީ ގޮތުންނާއި އިޖުތިމާޢީ އެއްބައިވަންތަކަމުގެ ގޮތުން ވަރަށް ގިނަ ގޮންޖެހުންތަކެއް، އެތެރެއިންނާއި ތަފާތު ދިމަދިމާއިން ކުރިމަތިވަމުންދާ ދުވަސްކޮޅެއްކަންވެސް ފާހަގަކުރެއްވިއެވެ.
ބަރަކާތްތެރި ރަމަޟާން މަހުގެ ފުރިހަމަ ފައިދާ ހޯއްދެވުމަށް ރާއްޖޭގެ ރައްޔިތުން ސަމާލުވެވަޑައިގަތުމަށްވެސް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި، ކުރިއަށް އޮތް މަހަކީ، އަޅުގަނޑުމެން އެކުވެރިވާންވީ މަހެވެ. ވީހާވެސް ގިނައިން ހެޔޮކަމާއި އަޅުކަމުގައި ވަގުތު ހޭދަކޮށް، އެމަހުގެ ފުރިހަމަ ބަރަކަތާއި ސަވާބު ހޯދުމަށްޓަކައި އަވަސްވެގަންނަވަންވީ މަހެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، މިސްކިތުގެ މަސައްކަތް ނިންމެވުމަށް ބޮޑު އިސްކަމެއް ދެއްވައިގެން، އެއްވެސް ކަހަލަ ދަތިކަމެއް ދިމާނުވާގޮތަށް ކަންތައްތައް އިންތިޒާމު ކޮށްދެއްވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ޝުކުރު އަދާކުރެއްވިއެވެ.
އަދި އެ މަސައްކަތް ވަރަށް ދިގު ދުވަސްތަކަކަށް ދެމިގެންދިޔުމަށްފަހު، ނިމުމަކާ ހަމައަށް މި ގެނެވުނީ، އިސްލާމިކް މިނިސްޓްރީއާއި، ހައުސިން މިނިސްޓްރީއާއި، މަސައްކަތުގެ ކޮންޓްރެކްޓަރާއި، މާލޭ ސިޓީ ކައުންސިލުގެ ފުރިހަމަ އެއްބާރުލުމާއި ބުރަ މަސައްކަތާ އެކުގައިކަން ފާހަގަކުރައްވައި، އެ ހުރިހާ ފަރާތްތަކަށް އެމަނިކުފާނު ޙައްޤު ތަޢުރީފާއި ޝުކުރުއަދާކުރެއްވިއެވެ.