އެއްލައްކަ ޑޮލަރުގެ ޗެކެއް ބައުންސްވި މައްސަލައިގައި ގެލެކްސީ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު މއ. އަތަމާވިލާ ޝަމްއޫން މުހައްމަދު ހަ މަސް ދުވަހަށް އަރުވާލަން ހައިކޯޓުން ހުކުމް ކޮށްފިއެވެ.

ހައިކޯޓުން އެގޮތަށް ހުކުމް ކޮށްފައި ވަނީ އޭނާގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުގެ ފަރާތުން އިސްތިއުނާފު ކުރި މައްސަލަ ބެލުމަށްފަހުއެވެ.

ދައުލަތުން އޭނާގެ މައްޗަށް އެ ދައުވާ ކުރީ ގެލެކްސީ އެންޓަޕްރައިސަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ހަބީބް ބޭންކުގައި ހުޅުވާފައި އޮންނަ އެކައުންޓުގައި ފައިސާ ނެތި، އެ އެކައުންޓުން 100،000 އެމެރިކާ ޑިލަރު ނެގޭގޮތަށް 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު އޯނަސް ޕްރައިވެޓް ލިމިޓެޑަށް ޗެކެއް ދޫކޮށްފައިވާތީ އެވެ.

ހައިކޯޓުގެ ހުކުމްގައި ބުނެފައި ވަނީ އޯނަސް އިން އެޗެކު ބޭންކަށް ހުށަހެޅުމުން، އެޗެކުގައިވާ އަދަދަށް އެ އެކައުންޓުގައި ފައިސާ ނެތުމުގެ ސަބަބުން، އެޗެކުގައިވާ އަދަދަށް ފައިސާ ދެވެން ނެތްކަމަށް ހަބީބު ބޭންކުން އަންގާފައިވާ ކަމަށެވެ.

އެ ޗެކް ބައުންސްވެފައިވާ ކަމަށާއި އެ ޗެކުގައިވާ ފައިސާ ހަތް ދުވަހުގެ ތެރޭގައި ދެއްކުމަށް އޯނަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ގެލެކްސީ އަށް ލިޔުމުން އަންގާފައި އޮންނަކަން އެނގޭއިރު، އެ މުއްދަތުގެ ތެރޭގައި ގެލެކްސީން އެ ފައިސާ ދައްކާފައިނުވާ ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައި ވަނީ ބުނެފަ އެވެ.

އެ ހުކުމްގައި ބުނެފައި ވަނީ ޗެކުގައިވާ ފައިސާ ނުދެއްކުމުން އެކަމުގެ ޖިނާއީ މަސްއޫލިއްޔަތު، ގާނޫނުގައިވާ ގޮތުގެ މަތިން އުފުލަން ޖެހޭނީ ޗެކުގައި ސޮއިކޮށްފައިވާ ފާރާތުން ކަމަށެވެ.