ކަތުމަންޑޫ، ނޭޕާލް (އޭޕީ) — ނޭޕާލުގެ ބޮޑުވަޒީރު ސުޝިލް ކޮއިރަލާ، ނިއުޔޯކްގެ ހޮސްޕިޓަލެއްގައި ފުއްޕާމޭގެ ކެންސަރުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަން ފައްޓަވައިފި އެވެ.

ނިއު ޔޯކުގެ މެމޯރިއަލް ސްލޮއަން ކެޓަރިން ކެންސާ ސެންޓަރުގެ ޑޮކްޓަރުންނާ ހަވާލާދީ ނޭޕާލްގެ އިންފޮމޭޝަން މިނިސްޓަރު މިނެންދުރަ ރިޖާލް ވިދާޅުވީ، ސުޝިލް ކޮއިރަލާގެ ފުއްޕާމޭގައި ކެންސަރު ޖެހިފައިވާ ތަންކޮޅު އަދި ހުރީ އޭގެ ފުރަތަމަ 'ސްޓޭޖް'ގައި ކަމުން އެކަމަށް އަވަސް ޝިފާއެއް ލިބޭނޭ ކަމަށް ޑޮކްޓަރުން އުންމީދު ކުރައްވާ ކަމަށެވެ.

ބޮޑުވަޒީރު ކޮއިރަލާ، ފުއްޕާމޭގެ އާލާސްކަންފުޅަށް ރޭޑިއޯތެރަޕީގެ ފަރުވާ، ފެށުމަށް ހަމަޖެހިފައި ވަނީ، މިއަދު ކަމަށާއި އަދި ފަރުވާދިނުން ދެ ހަފްތާއެއްގެ ތެރޭގައި ނިމޭނެ ކަމަށް ވެއެވެ.

ސުޝިލް ކޮއިރަލާ ނޭޕާލުގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތީ މިއަހަރުގެ ފެބްރުއަރީ މަހުބޭއްވި އެގައުމުގެ ޕާލިމެންޓަރީ އިންތިޚާބުގައި އެމަނިކުފާނުގެ ޕާޓީން މަޖިލީހުގެ ގިނަ ގޮނޑިތަކެއް ކާމިޔާބު ކުރި ނަމަވެސް ފުރިހަމަ އަޣްލަބިއްޔަތު ނުލިބޭތީ، ކޯލިޝަން ސަރުކާރެއް އެކުލަވާލައިގެންނެވެ.

ކޮއިރަލާ ނިއުޔޯކަށް ވަޑައިގަތީ، އަހަރަކު އެއްފަހަރު ހައްދަވާ މެޑިކަޕް ޗެކަޕް ހެއްދެވުމަށެވެ. އަދި ކެންސަރުގެ އާލާސްކަންފުޅުގެ ހަބަރު ލިބިވަޑައިގެންނެވި އިރު، ކޮއިރަލާއަށް ވަނީ އަންނަ މަހުގެ 16ގެ ކުރިން ދައުލަތުގެ ބަޖެޓް ފާސްކުރައްވަން ވެސް ޖެހިވަޑައިގެންފައެވެ.