ގޭތެރޭގައި ހާއްސަކޮށްފައިވާ އެނދުގައި އެ ކުއްޖާ އޮވެ އެވެ. ފެންނަ ކޮންމެ ފަހަރަކު މުޅިގައިން ހީބިހި ނަގައިގެން ދަނީ އެއީ ނުކުޅެދޭ ކުއްޖެއްކަން އެނގިގެނެއް ނޫނެވެ. މަންމައަކު ދަރިފުޅު ގާތުން ދުރަށް ނުގޮސް އަބަދު ފިރުމައިދޭތަން ފެނުމުންނެވެ. އެ އަންހެންމީހާ ވަރުބަލިވުމެއް ނެތެވެ. އަހަރެން އެގެއަށްދާ ކޮންމެ ފަހަރަކު ފެންނަނީ އެ މަންޒަރެކެވެ.


އެނދުމަތީގައި އޮތް "ކުޑަކުއްޖާ" އަކީ އުމުރުން 24 އަހަރުގެ އަހުމަދު ޝަނޫނެވެ. ފޫހިވުމެއް ނެތި ޝަނޫންގެ ހަށިގަނޑުގައި ފިރުމައި ދެމުންދަނީ އޭނާގެ މަންމަ ހައްވާ ހަސަން 54، އެވެ.


ހައްވަގެ ހަތަރު ކުދިން އެބަތިއްބެވެ. އޭގެ ތެރެއިން އެންމެ ހަގު ކުއްޖަކީ ޝަނޫނެވެ. މިހާރު ޝަނޫނުގެ އުމުރުން 24 އަހަރުވެފައިވާއިރު ޝަނޫނާއެކު މާޒީވެގެންދިޔަ  ކޮންމެ މިނެޓަކީ ހައްވަ ދަރިފުޅުގެ ގައިގައި ފިރުމައި ދޭން ހޭދަކުރި ވަގުތެވެ. އޭނާގެ އުފަލަކީ އެއީ އެވެ. ކުޑަކުޑަ ޝަނޫނާ އެކު އާއިލާ ރޫޅިގެން ދިޔައިރު އޭނާގެ ލޮލުން އޮހުރުނު ކަރުނަ އާއި ކުރި ހިތާމަތައް ވޭތުވެދިޔަ 24 އަހަރުގެ ތެރޭގައި ހިތުގެ ފުނަށް އޮށްބަމުން ފޮރުވަމުންދަނީ ހަމައެކަނި ޝަނޫނަށްޓަކައެވެ. ހައްވަގެ ހުރިހާވެސް އުފަލަކީ އެ އާދަޔާ ހިލާފު ހަށިގަނޑުގައި ފިރުމައި ދިނުމެވެ.


ހައްވަ، އޭނަ އާއި ޝަނޫނުންގެ ވާހަކަތައް ކިޔަދޭން ފެށި އެވެ؛


"ދުނިޔެއަށް ނޭވާ ލީއްސުރެ މިއަދާއި ހަމައަށް ޝަނޫނަކީ މީހެއްގެ އެހީ އާއި ނުލައި އެއްވެސް ކަމެއް ނުކުރެވޭ،  ވާހަކަ ދައްކާލުން ނުވަތަ ރޯލުން ފަދަ ކަމެއް ވެސް ނުކުރެވޭ ކުއްޖެއް،" ހައްވަ ބުންޏެވެ.


ޝަނޫންގެ ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ވުރެ އުފެދުމުގައި އޭނަގެ ބޮލުގެ ބައްޓަން ތަފާތުވެފައި ބޮޑެވެ. ބޮލުގެ ބައްޓަން އުފެދިފައި ވަނީ ހިތެއްގެ ސިފައިގަ އެވެ. މުޅި ހަށިގަނޑު އާދަޔާ ހިލާފަށް ކުޑަވެފައި ހަށިގަނޑުގެ އެހެން ހުރިހާ ގުނަވަނަކުން ވެސް ފާޅު ވަނީ ދެއަހަރުގެ ކުޑަކުއްޖެއްގެ ސިފައެވެ. ގާތުގައި އިނދެގެން އަބަދު ފިރުމައިދޭ މަންމަގެ ލޮލަށް ބަލައިލުމުގެ ނަސީބެއް ޝަނޫނަށް މިންވަރު ވެފައެއްނުވެ އެވެ. ބައްޕަ އާއި ބޭބެ މެންނާއި ދައްތަ މެން ވެސް މެ އެވެ. ޝަނޫންގެ ބައްޕަ އާއި  ބޭބެމެނާއި ދައްތަމަނެ ވަނީ 24 އަހަރު ކުރިން ޝަނޫނާއި މަންމައާ ދުރުގައި އުޅެން ފަށައިފަ އެވެ.


"އެކަމަކު ޝަނޫންގެ ވަށައިގެން އިވޭ އަޑުތަކަށް އޭނަގެ ކަންފަތް ވަރަށް ތޫނު، އަޑެއް އިވޭއިރަށް ޝަނޫން ކުކުރާލާނެ،" ހައްވާ ބުންޏެވެ.


އަޖުމަ ބަލައިލުމަށް ޝަނޫންގެ ހަށިގަނޑުގައި އަހަރެން ފިރުމާއިލުމުން އޭނާ ހަރަކާތްކުރަން ފެށި އެވެ. ނަމަވެސް އަހަރެން އަތް ޖައްސައިލުމުން އައި ތަފާތާއި އޭނާގެ މަންމަގެ ފިރުމުންތަކާއި ބީހުންތައް ޝަނޫން ދެނެގަތް ގޮތް ވަރަށް ތަފާތެވެ. އޭނާގެ މަންމަ ބީހިލުމާއެކު ޝަނޫން ހޭން ފަށަ އެވެ.


"އެހެން އިންސާނުންނަށް ދުނިޔެ ހިތަކަށް ލިބިފައިއޮވޭ. ޝަނޫންގެ ދުނިޔެއަކީ މި ހަތަރު ފާރުން ބެދިފައިވާ ކޮޓަރި ދެން އަހަރެން،" ހައްވަ ބުނެލި އެވެ.


ޝަނޫންގެ މަންމަ އާއި އޭނަގެ ދޮންބައްޕަ، މުހަންމަދު ނާސިރުގެ މުޅި ދިރިއުޅުން ބިނާވެފައި ވަނީ ޝަނޫނަށް ލޯތްބާއި އަޅައިލުން ދިނުމަށެވެ. އެ ދެމަފިރިންގެ ކަމަކީ ޝަނޫން އުފާކޮށްދޭން އަބަދު ފިރުމައި ދިނުމެވެ. ހައްވަ ފިރުމަމުން ދާއިރު ޝަނޫން އޮންނަނީ ވެސް ހީނލަ ހީނލަ އެވެ. ޝަނޫންގެ އެ ހިނިތުން ވުމުގައި ފޮރުވިފައިވާ އެތައް ވާހަކައެއް ވެއެވެ.


ހައްވަ ބުނީ ކޮންމެ ދުވަހަކު ވެސް ހެނދުނު ޝަނޫން އެދުން ނެގުމަށްފަހު އަނގައިގެ އެތެރެ، ރަނގަޅަށް ސާފުކޮށް ފެންވަރުވައި ނަލަހައްދާ ކަމަށާއި ހެނދުނުގެ ވަގުތުގައި މުޅިން ވެސް ބާއްވަނީ އޭނާގެ އުނގުގައި ކަމަށެވެ.  ހަވީރު ވުމުން ޝަނޫން އަށް ހާއްސަ އެނދުގައި ބާއްވައިގެން ފިރުމައިދިނަސް ޝަނޫން އެންމެ އުފާވަނީ އުނގުގައި ބޭއްވުމުން ކަމަށެވެ.


"ކޮންމެ ދުވަހަކު ވެސް ދެ ފަހަރަށް ފެންވަރުވައި ނަލަހައްދަންޖެހޭ. ކެވެނީ ހަމައެކަނި ނެސްޓަމާއި ވަރަށް ހިމޫންކޮށް މުގުރާފައި ހުންނަ ބަތް. ކާންދޭން ވެސް ޖެހެނީ އެނދުގައި ބާއްވައިގެން،" އޭނާ ބުންޏެވެ. "ކަނދުރާ ބިންދައިގެން ހިނގައިދާނެތީ ބިރުން ނުކެރޭ ނަގައިގެން މާ ގިނައިރު އިންނާކަށް. ޑޮކްޓަރުން ވެސް އަންގާފައި އޮންނަނީ ޝަނޫން ނަގައިގެން ނުގެންގުޅުމަށް،"


ޝަނޫންގެ "ދުނިޔެ" ކަމުގައިވާ ކުޑަ ކޮޓަރި ވެސް ހައްވަ ބަލަހައްޓަނީ ވަރަށް ސާފުތާހިރުކޮށެވެ. ޝަނޫނަށް ގެއްލުމެއް ލިބޭފަދަ އެއްވެސް ކަމެއް ފެނޭތޯ ނާސިރާއި ހައްވަ އަބަދު ތިބެނީ ބަލަބަލަ އެވެ.


"އެވަރުންވެސް ޝަނޫން ދޭތެރެ ދޭތެރެއިން ވަރަށް ބަލިވޭ، ރޯގާތަށް ޖެހޭ،" ހައްވަ ބުންޏެވެ.


ނާސިރަކީ ދޮންބައްޕަ ނަމަވެސް އޭނާ ޝަނޫން ދެކެނީ އުފަން ދަރިއެއްދެކެ ވާފަދަ ލޯތްބެވެ. އޭނާ ހުޅުމާލެއިން ފިޔަވައި އެހެން ދިމާއަކުން ވަޒީފާ ނުހޯދައި ހުންނަނީ ވެސް ހަމައެކަނި ޝަނޫނަށްޓަކަ އެވެ. ނާސިރު ބުނީ އޭނަ ޝަނޫން ބަލައިގަންނަނީ ދުނިޔޭގައި އޭނައަށް ލިބިފައިވާ ނިއުމަތެއް ގޮތުގައި ކަމަށެވެ.


"އެންމެ ހިނދުކޮޅަކަށް ވެސް ޝަނޫނާ ދުރައްދާކަށް ބޭނުމެއް ނުވޭ،" ނާސިރު ބުންޏެވެ.


ނާސިރަށް ލިބޭ މަދު ފައިސާކޮޅާއި ޝަނޫންގެ މަންމަ ތަޅާ ކިއްލިން ލިބޭ އާމްދަނީގެ ބޮޑު ބައެއް އެ ދެމަފިރިން ހަރަދުކުރަނީ ވެސް ޝަނޫނަށެވެ.


"ދެކޮޅު ނުޖެހޭ ބައި ފުއްދަނީ ލިބިފައިވައި ފްލެޓުގައި ހުންނަ ކޮޓަރިތަށް ކުއްޔައްދީގެން،" ނާސިރު ބުންޏެވެ. "އެވަރުން ވެސް ޝަނޫން އަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފުއްދައިލެވެނީ ހަމަ ކިރިޔާ،"  ނާސިރު ބުންޏެވެ.


ހައްވަގެ ހިތުގައި ވެސް ހިނގަނީ އެހެން މައިންގެ ހިތުގައިވެސް ހިނގާފަދަ އިހުސާސެވެ. އެކަމަކު އެހެން މައިންގެ ދިރިއުޅުމާ ހައްވަގެ ދިރިއުޅުން ތަފާތެވެ. އޭނާގެ ހުރިހާ ވަގުތެއް ހޭދަކުރަނީ ޝަނޫނާއެކު އެވެ. ޝަނޫން ހީނލާ ކޮންމެ ވަގުތަކީ އޭނާގެ ހިތަށް ފިނިކަން ގެނެސްދޭ ވަގުތެކެވެ.


ޝަނޫންގެ އުމުރުން 24 އަހަރުވެފައި ވާއިރު ޝަނޫންގެ ބައްޔާއި ގުޅޭ އެއް ވެސް މައުލޫމާތެއް ހައްވައަށް އަދި ލިބިފައެއް ނެތެވެ. ޝަނޫން ގޮވައިގެން 1995 ވަނަ އަހަރު އިންޑިއާޔަށް ދިޔަ ކަމުގައި ވިއަސް އެކަމުން ޝަނޫނަށް ވީ އެއް ވެސް ފައިދާއެއް ނެތެވެ.


"އިންޑީއާއިން ބުނި ބޯ ރަނގަޅު ކުރުމަށް އޮތީ ފިފްޓީފިފްޓީގެ ޗާންސެކޭ،" ހައްވަ ބުންޏެވެ.


ހައްވަ ބުނީ އެ އޮޕަރޭޝަން ނުކޮށް މާލެ އައީ އެފަދަ އޮޕަރޭޝަނެއްގައި އޭނާގެ ލޯމަތިން ޝަނޫން އަބަދުގެ އަބަދަށް ގެއްލިދާނެ ކަމުގެ ބިރު ހީވާތީ ކަމަށެވެ.


"އެއަށްވުރެ މާ ރަނގަޅު މިގޮތަށް އަބަދު ފިރުމައި ދޭން އިނުން،" ހައްވަ ބުނެލި އެވެ.


ހައްވައަށް ޝަނޫން ސިފަކުރެވެނީ އޭނާގެ ހިތުގެ ގޮތުގަ އެވެ. އޭނާ ދުނިޔޭގައި ހުރިހާ ހިނދަކު އެ ހިތުގައި ފިރުމަމުންދާނެ އެވެ. ޝަނޫނަނީ އޭނާގެ ހިތެވެ.