މަސައްކަތް ފެށިތާ ހަ އަހަރު ފަހުން ފުރްގާން މިސްކިތުގެ މަސައްކަތް ނިންމައި، އެ މިސްކިތް ހުޅުވައިފި އެވެ.

ފުރުގާން މިސްކިތް މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވީ، ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދެވެ. މިސްކިތް ހުޅުއްވައިދެއްވުމަށްފަހު އެ މިސްކިތުގައިވަނީ މިއަދުގެ އަސްރު ނަމާދު ކޮށްފަ އެވެ.

ގާތްގަނޑަކަށް 3000 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭ ގޮތަށް އިމާރާތް ކޮށްފައިވާ ފުރުގާން މިސްކިތުގެ އެންމެ ތިރީގައި އަންހެނުންނަށް ނަމާދުކުރެވޭނެ ގޮތަށް އެއްފަހަރާ ގާތްގަނޑަކަށް 200 މީހުންގެ ޖާގައިގެ ބައެއް ހަދާފައިވެ އެވެ.

ފުރްގާން މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ޖުމްލަ 20 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފުރަތަމަ ހަވާލުކުރީ 2008 ވަނަ އަހަރު ވިމްލާ ކޮންސްޓްރަކްޝަނާ އެވެ. ނަމަވެސް އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުކުރާތީ 2010 ވަނަ އަހަރު ވަނީ އެ އެއްބަސްވުން ބާތިލުކޮށްފައެވެ.

އޭގެ ފަހުން 2011 ވަނަ އަހަރު ފުރުގާން މިސްކިތް އިމާރާތުގެ ނުނިމިހުރި 95 ޕަސެންޓް މަސައްކަތް 15 މަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލު ކުރީ މާރިސް ކޮންސްޓްރަކްޝަނާ އެވެ.

މިސްކިތް ހުޅުއްވައިދެއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅު، ގާތްގަނޑަކަށް 21 މިލިޔަން ރުފިޔާ ހަރަދުވި ފުރުގާނު މިސްކިތަކީ މިހާތަނަށް ސަރުކާރުން އެންމެ ބޮޑު ހަރަދެއް ކޮށްގެން ޢިމާރާތް ކޮށްފައިވާ މިސްކިތް ކަމަށެވެ.

މަސައްކަތް ހަވާލުކުރާތާ 15 މަސް ދުވަހުގެ ތެރޭގައި ނިންމައި ސަރުކާރާ ހަވާލުކުރާ ގޮތަށް މާރިސް އާއި ހަވާލު ކުރި ނަމަވެސް ތަފާތު އެތައް ސަބަބުތަކަކާ ހުރެ އެ މަސައްކަތް މިއަދާ ހަމައަށް ވަނީ ދިގުލައިގެން ގޮސްފައެވެ.

ކުރިން ހުރި ފުރުގާން މިސްކިތް ތަޅާލައި ބޮޑު މިސްކިތެއް އަޅަން އެންމެ ފުރަތަމަ ހަވާލުކުރީއްސުރެ، މާލެ ހިޔާ ހުންނަ ކޮށީގައި ވަނީ ވަގުތީ މިސްކިތެއް ގާއިމްކޮށްފައެވެ.