27 Jun 2014, 15:23
ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ ރާއްޖެއަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ފުރާވަޑައިގެންފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީ 'ސަން'އަށް ވިދާޅުވީ، ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރާޖަޕަކްސަ ފުރާވަޑައިގަތީ މިއަދު މެންދުރު 12:00 ހާއިރު ކަމަށެވެ.
"ލަންކާގެ ރައީސް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު، ފުރާ ވަޑައިގަތީ މިއަދު މެންދުރު. އެމަނިކުފާނު ފުރާވަޑައިގަތުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި، ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފު (މުންދު)އާއި އަދި ވެސް ބައެއް އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވި،" މުއާޒު ވިދާޅުވި އެވެ.
ރާއްޖެއަށް ވަޑައިގަތުމުގެ ކުރިން ލަންކާގެ ރައީސް ވަނީ، ދެކުނު އެމެރިކާގެ ބައެއް ގައުމުތަކާ ގުޅުން ބަދަހި ކުރެއްވުމުގެ ގޮތުން އެސަރަހައްދަށް ވެސް ޒިޔާރަތެއް ކުރައްވައިފަ އެވެ. ލަންކާގެ ރައީސްގެ ތަރުޖަމާނުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު ރައީސް މަހިންދަ ރާޖަޕަކްސަ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ދެން ވަޑައިގަންނަވާނީ ސީޝެލްސް އަށް ކަމަށެވެ.
ރައީސް ރާޖަޕަކްސަ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނުގެ ސަރުކާރުން ވަނީ، ދިވެހި ސަރުކާރާއެކު ގުޅުން ބަދަހިކުރުމުގެ ތިން އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ލަންކާގެ އިންވެސްޓްމަންޓް ބޯޑާއި، ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީއާ ދެމެދު ގުޅުން ބަދަހި ކުރުމާ ބެހޭ ގޮތުން ސޮއިކުރި އެއްބަސްވުމަކާއި، ހާލުގައި ޖެހޭ މީހުން ހޯދުމާއި، ސަލާމަތްކުރުމާ ބެހޭ އެއްބަސްވުމަކާއި، ދެގައުމުގެ ދެމެދުގައި ސިއްހީ ދާއިރާއިން ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުން ހިމެނެއެވެ.
މީގެ އިތުރުންވެސް ރާއްޖެއަށް ތަފާތު އެކި ދާއިރާތަކުން އެހީތެރިވެ ދިނުމަށް ތައްޔާރަށް އޮތް ކަމަށް ލަންކާ ސަރުކާރުން ވަނީ ބުނެފަ އެވެ.