ވޯލްޑް ކަޕްގެ ތާރީހުގެ ތެރެއިން 27 ޖޫން އަކީ ވަރަށް ފާހަގަ ކޮށްލެވޭ ދުވަހެކެވެ. މީގެ ހަތަރު އަހަރު ކުރިން، ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި އިނގިރޭސި ޓީމުގެ ފްރޭންކް ލަމްޕާޑު ޖަރުމަނުގެ ގޯލަށް ލަނޑެއް ކާމިޔާބުކުރުމުން އެއީ ލަނޑެއް ކަމަށް ބަލައި ނުގަނެ، މެޗު ކުރިއަށް ގެނދިއުމުގެ ނަތީޖާއެއްގެ ގޮތުން އޭރު ހުއްޓިފައި އޮތް "ގޯލް ލައިން ޓެކްނޮލޮޖީ"ގެ ބަހުސު އަލުން ފެށުމަށް މަޖުބޫރުކުރުވި ތާރީހީ ދުވަހަކީ މިއީ އެވެ.

ތާރީހުގެ ތެރެއިން މިއަދަކީ، ފުޓްބޯޅައިގައި ގޯލް ލައިން ޓެކްނޮލޮޖީ ބޭނުންކުރުމަށް އެއްބަސްވެ ސީލްކުރި ދުވަހެވެ. އެފްރިކާގައި ކުރިއަށް ގެންދިޔަ ވޯލްޑް ކަޕްގެ ގަދަ 16ގައި ޖަރުމަނު ލަނޑެއް ޖަހައި ކުރި ހޯދާފައި ވަނިކޮށް އިނގިރޭސި މިޑްފީލްޑަރު ލަމްޕާޑު ފޮނުވާލި ބާރު ހަމަލާ، ގޯލްތެރެއަށް ވައްދާލައިގެން އެޓީމުން މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. އެވަގުތު ބޯޅަ ހޯދުމަށް ޓަކައި ޖަރުމަނުގެ ގޯލްކީޕަރު މެނުއަލް ނޮޔާ ޑައިވް ކުރި ނަމަވެސް ބޯޅަ ރޮނގު ހުރަސްކުރުމުގެ ކުރިން އޭނާއަށް ބޯޅައާ ހަމައަށް ވާސިލްވެސް ނުވެވުނެވެ. އެހެން ނަމަވެސް ރެފްރީ ދެއްކީ އެއީ ލަނޑެއް ނޫން ކަމަށެވެ.

ޖަރުމަނުގެ ޕެނަލްޓީ އޭރިޔާގެ ރޮނގުމަތިން ލަމްޕާޑު ފޮނުވާލި ބާރު ހަމަލާ ގޯލްގެ ހުރަސް ދަނޑީގެ ދަށުގައި ޖެހިފައި ތިރިއަށް އައި ވަގުތު ގޯލް ރޮނގުން އެތެރެއަށް ޔާޑެއްހައި ތަން ވަދެފައިވާ ކަމަށް ޓީވީ ރިޕްލޭއިން ވެސް ފެނެއެވެ. އެހެން ނަމަވެސް ރެފްރީ އަތުން އިޝާރާތްކޮށް ދެއްކީ އެއީ ލަނޑެއް ނޫން ކަމަށާއި ކުޅުން ކުރިއަށް ގެންދިއުމަށެވެ. ނަތީޖާއެއްގެ ގޮތުން އެ މެޗު ނިމިގެން ދިޔައީ، 4-1 އިން އިންގްލެންޑް ބަލިވެގެންނެވެ.

އެދުވަހު ފީފާގެ ރައީސް ސެޕް ބްލެޓާ ވަނީ، މެޗުގައި ހިނގައިދިޔަ ކަންތަކަށް މައާފަށް އެދިފަ އެވެ. އަދި މިހާރު ބްރެޒިލް 2014ގައި ބޭނުން ކުރަމުން މިދާ ގޯލް ލައިން ޓެކްނޯލޮޖީގެ ބަހުސު އަލުން ރަސްމީ ސިފައެއްގައި ކުރިއަށް ގެންދިއުމަށް އެދުވަހު ބްލެޓާ ހަމަޖެއްސިއެވެ.

އިނގިރޭސީން އެ މެޗުގައި ޖެހި ލަނޑު ރެފްރީ ބަލައި ނުގަތުމުން ޖަރުމަނު ޓީމަށް އެމެޗުން ހަގީގަތުގައި ފުރިހަމަ ބަދަލަކާއެކު އިންސާފެއް ލިބުނެވެ. ސަބަބަކީ، 1966 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލްގައި ހުޅަނގު ޖަރުމަނާ އިނގިރޭސީން ބައްދަލު ކުރި މެޗުގައި، ޖިއޯފް ހާސްޓް ކާމިޔާބުކުރި ދެވަނަ ލަނޑު، ރެފްރީ ލަނޑެއް ކަމަށް ނިންމީ ގޯލްގެ ހުރަސްދަނޑީގެ ތިރީގައި އެގޮތަށް ބޯޅަ ޖެހިފައި ގޯލް ރޮނގު ހުރަސް ނުކުރަނީހެވެ. އެފަހަރު ޖަރުމަނު ޓީމުން އެއީ ގޯލެއް ނޫން ކަމަށް ބުނެ މައްސަލަ ޖެއްސި ނަމަވެސް ރެފްރީ ނިންމީ އެއީ ލަނޑެއް ކަމަށެވެ.

އިނގިރޭސި ވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި، ގާތްގަނޑަކަށް 96،924 ސަޕޯޓަރުންގެ ކުރިމަތީގައި 30 ޖުލައި 1966ގައި ކުޅުނު އެ ފައިނަލް މެޗުގައި ޖިއޯފް ހާސްޓްގެ ހެޓްރިކާ އެކު އެފަހަރު އިނގިރޭސީން ވޯލްޑް ކަޕް ކާމިޔާ، 2-4 އިން ޖަރުމަނު ބަލިކުރުމަށް ފަހުއެވެ. އަދި ވޯލްޑް ކަޕް ފައިނަލެއްގައި މިހާތަނަށް ހެޓްރިކެއް ހެދި ހަމަ އެކަނި ކުޅުންތެރިއަކީ ހާސްޓް އެވެ.

ސައުތު އެފްރިކާގެ ބްލޮއެމްފޮންޓެއިންގެ ފްރީ ސްޓޭޓް ސްޓޭޑިއަމްގައި ޖަރުމަނު ކޮޅަށް ފްރެންކް ލަމްޕާޑު ޖެހި ލަނޑަކީ ލަނޑެއް ކަމަށް އެދުވަހު ނުވި ނަމަވެސް، އޭގެ ނަތީޖާއެއްގެ ގޮތުން، މިއަދު މިވަނީ ބޮޑެތި ހުރިހާ ފުޓްބޯޅަ މުބާރާތެއްގައި ހެން ގޯލް ލައިން ޓެކްނޮލޮޖީ ބޭނުންކުރަން ފަށައިފައެވެ.

މިހާރު ދެން ގޯލް ރޮނގު ހުރަސްކުރާ ބޯޅަ އެއީ ލަނޑެއް ނޫންކަމަށް ބަލައި އަދި ރޮނގު ހުރަސް ނުކުރާ ބޯޅަ އެއީ ލަނޑެއް ކަމަށް ބަލައި ހެދުމުގެ އިހްތިޔާރު ރެފްރީއަށް ގެއްލުނު ނަމަވެސް އަދި ވެސް ގޯލް އޭރިޔާ ތެރެއިންނާއި ޕެނަލްޓީ އޭރިޔާތެރޭގައި ވެސް ރެފްރީއަށް މެޗުގެ ނަތީޖާއާ ކުޅެލާނެ ގޮތްތަށް މަދެއް ނޫނެވެ. އަދި މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގައި ވެސް އެފަދަ މަންޒަރުތައް ވަނީ، މަދުން ނަމަވެސް ފެނިގެން ގޮސްފައެވެ.