27 Jun 2014, 14:05
ވޮޝިންޓަން (ޖޫން 27) : ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ ހަނގުރާމަވެރިންނަށް 500 މިލިޔަން ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމާފައިވާކަން އެމެރިކާގެ ރައީސް ބަރަކް އޮބާމާ އިޢްލާން ކުރައްވައިފި އެވެ.
މިކަން އިޢްލާން ކުރައްވަމުން އޮބާމާ ވިދާޅުވީ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް 500 މިލިޔަން ޑޮލަރުގެ އެހީއެއް ދިނުމުގެ ހުއްދަ ހޯދުމަށް ކޮންގްރެސް އަށް ހުށަހަޅުއްވާފައިވާނެ ކަމަށާއި ކޮންގްރެސް ހުއްދަ ލިބުމާ އެކު މިފައިސާގެ ބޭނުންކޮށްގެން އެހީ ދިނުމުގެ ޕްރޮގްރާމްތައް ކުރިޔަށްގެންދަވާނެ ކަމުގަ އެވެ. އޮބާމާ އިތުރަށް ވިދާޅުވީ އެމެރިކާގެ މި އެހީ ދިނުމަށް ހަމަޖެހިފައި ވަނީ ސޫރިޔާގެ ހަނގުރާމަވެރިންގެ ތެރޭގައި ހިމެނޭ އެމެރިކާ އަށް އިތުބާރު ކުރެވޭ މެދުމިނުގެ ހަނގުރާމަވެރިންނަށް ކަމުގަ އެވެ. މިއީ ސޫރިޔާގެ އިދިކޮޅު އެންމެ ބޮޑު ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ ފްރީސީރިޔަން އާމީ ޖަމާއަތް ކަމަށް މުރާސިލުން ބުނެ އެވެ.
ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ތެރޭގައި ހިމެނޭ ހައްދުފަހަނަޅާފައިވާ ހަނގުރާމަވެރިންނަށް މިފައިސާގެ ތެރެއިން އެއްވެސް މިންވަރެއް ނުލިބޭނެ ކަމުގެ ޔަގީންކަން އެމެރިކާ ސަރުކާރުން ހޯދާނެ ކަމަށް ވެސް އޮބާމާ ވިދާޅުވި އެވެ. ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ތެރޭގައި ހިމެނޭ ހައްދުފަހަނަޅާފައިވާ ޖަމާއަތްތަކުގެ ގޮތުގައި ސިފަކުރެ ވެނީ އަލްގާއިދާ އަށް ނިސްބަތްވާ އައްނުސްރާ ޖަމާއަތާއި އިރާގާއި ޝާމްކަރާގައި އިސްލާމީ ޚިލާފަތެއް ގާއިމް ކުރުމުގެ ނަމުގައި ހަނގުރާމަކުރަމުންގެންދާ ދާޢިޝް ޖަމާއަތެވެ.ދާޢިޝް އަކީ އިރާގު ސަރުކާރުގެ އިތުރުން އައްނުސްރާ ޖަމާއަތާއި ސޫރިޔާ ސަރުކާރާ އަދި ސޫރިޔާގެ އިދިކޮޅު އެންމެ ބޮޑު ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ ފްރީސީރިޔަން އާމީ ޖަމާއަތާ ވެސް ދެކޮޅަށް ހަނގުރާމަ ކުރަމުންގެންދާ ޖަމާއަތެކެވެ.
އެމެރިކާ ސަރުކާރުން ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް ދިނުމަށް އެކަށައަޅާފައިވާ 500 މިލިޔަން ޑޮލަރު ހޭދަކުރުމަށް ހަމަޖެހިފައި ވަނީ ހަނގުރާމަވެރިން ތަމްރީން ކުރުމަށާއި ހަނގުރާމަވެރިންގެ އަތްދަށުގައިވާ ސޫރިޔާގެ ސަރަހައްދުތަކުގެ އަސާސީ ޚިދްމަތްތައް ރަނގަނޅު ކުރުމުގެ މަޝްރޫޢުތަކަށް ކަމަށް ވައިޓް ހައުސްއިން ބުނެއެވެ.
އެމެރިކާގެ ދިފާއީ ވަޒީރު ޗަކް ހޭގްލް ވަނީ މިފައިސާ ޚަރަދު ކުރުމުގެ ޕްލޭން އެކުލަވާލުމުގެ ކަންތައް ވައިޓް ހައުސްއިން ކުރިޔަށްގެންދާކަން ހާމަކުރައްވާފަ އެވެ. ހެގްލް ވިދާޅުވީ ކޮންގްރެސްގެ ހުއްދަ ލިބުމާ އެކު މިފައިސާ ޚަރަދު ކުރާން ފަށާނެ ކަމަށާއި ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިން ތިބީ މިފައިސާއަށް ނުހަނު ބޭނުންވެފައި ކަމުގަ އެވެ. (ނޫސްއެޖެންސީތައް)