27 Jun 2014, 13:49
ޓޯކިޔޯ (ޖޫން 27) : ޖަޕާނުން ދޭ ހިލޭއެހީ ލިބޭ ގައުމުތަކުގެ އަދަދު އިތުރުކޮށް މިއެހީގެ ބޭނުންކޮށްގެން ބައިނަލްއަގްވާމީ އަމަނާއި ޑިޕްލޮމަސީގައި މިހާރަށްވުރެ ބޮޑު ދައުރެއް އަދާކުރުމަށް ޖަޕާން ސަރުކާރުގެ ޚާރިޖީ ކަންތައްތަކާ ބެހޭ މުސްތަޝާރުން އެގައުމުގެ ސަރުކާރަށް ގޮވާލައްވައިފި އެވެ.
ޖަޕާނުގެ ޚާރިޖީ ވުޒާރާގައި ތިއްބަވާ އެގައުމުގެ ސަރުކާރަށް ލަފާއަރުވާ މުސްތަޝާރުން، ބޮޑުވަޒީރު ޝިންޒޯ އަބޭގެ ސަރުކާރަށް ގޮވާލެއްވީ ޖަޕާނުން ދުނިޔޭގެ ގައުމުތަކުގެ ތަރައްގީއަށް ދެމުންގެންދާ އެހީގެ މިންވަރު އިތުރުކޮށް ޖަޕާނުގެ އެހީ ލިބޭގައުމުތަކުގެ އަދަދު އިތުރު ކުރުމަށެވެ. މިއާ އެކު މިއެހީގެ ބޭނުންކޮށްގެން ބައިނަލްއަގްވާމީ އަމަނާއި ސުލްހަ ގާއިމްކުރުމަށާއި ސުލްހަ ދެމެހެއްޓުމުގައި ޖަޕާނުން އަދާކުރާ ދައުރު މިހާރަށް ވުރެ ބޮޑުކޮށް ފުޅާކުރުމަށް މަސައްކަތް ކުރުމަށް ވެސް ޖަޕާނުގެ ޚާރިޖީ ކަންތައްތަކާބެހޭ މުސްތަޝާރުންގެ ޓީމުން އެގައުމުގެ ސަރުކާރަށް އިލްތިމާސް ކުރި އެެވެ.
ޖަޕާނަކީ ބައިނަލްއަގްވާމީ ފެންވަރުގައި ދުނިޔޭގެ ގައުމުތަކަށް އެހީތައް ދިނުމުގައި ހަތަރުވަނައަށް އެންމެ ބޮޑަށް ހަރަކާތްތެރިވާ ގައުމެވެ. ދުނިޔޭގެ ގައުމުތަކަށް އެހީގެ ގޮތުގައި އެންމެ ބޮޑު ޚަރަދެއްކުރަނީ އެމެރިކާއިންނެވެ. ދެވަނަ އަށް އިނގިރޭސިވިލާތުންނެވެ. ތިންވަނައަށް ޖަރުމަނުންނެވެ. އަދި ހަތަރުވަނައަށް ޖަޕާނުންނެވެ.
މީގެތެރެއިން އެމެރިކާ އާއި އިނގިރޭސިވިލާތުން ދުނިޔޭގެ ގައުމުތަކަށް ދޭ އެހީތަކަކީ ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގައި ހުޅަނގުން ގެންގުޅޭ ވިސްނުމާއި ހުޅަނގުގެ ފިކުރާއި އައިޑިއޮލޮޖީ އެހެން ގައުމުތަކަށް އެކްސްޕޯޓްކޮށް ފެތުރުމަށް އަމާޒުކޮށް ދެމުންގެންދާ އެހީތަކެކެވެ. މީގެ އިތުރުން މިދެ ގައުމުގެ ބާރާއި ނުފޫޒު އެހެން ގައުމުތަކަށް ހިންގުމާއި އެހީލިބޭ ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށްވަދެ ގޮތްކިޔައި ފިއްތުންތައް ކުރިމަތި ކުރުމަކީ ވެސް އެހީގެ ޕްރޮގްރާމުގެ ދަށުން އެމެރިކާއާއި އިނގިރޭސިވިލާތުން ކުރަމުންގެންދާ ކަމެކެވެ.
މިއާ ޚިލާފަށް ޖަޕާނަކީ ހިލޭ އެހީދީފައި އެހީ ލިބޭ ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމުގެ ސިޔާސަތެއް ނުގެންގުޅޭ ގައުމެކެވެ. ޖަޕާނަކީ ހަތަރުވަނަ އަށް އެންމެ ބޮޑަށް އެހީ ދޭ ގައުމުކަމަށްވާ އިރު ދުނިޔޭގެ ގައުމުތަކަށް އެހީދިނުމަށް ޖަޕާނުން ކޮންމެ އަހަރަކު އެތައް ހާސް ބިލިޔަން ޑޮލަރެއް ޚަރަދު ކުރަމުން ގެންދެ އެވެ. ނަމަވެސް މިއެހީއާ އެއްވަރުގެ ބާރާއި ނުފޫޒެއް ބައިނަލްއަގްވާމީ މުޖްތަމައުގައި ޖަޕާނަށް ލިބިފައެއް ނުވެ އެވެ.
ޖަޕާނުގެ ޚާރިޖީ ވަޒީރު ފޯމިޔޯ ކިޝީދާ ދާދިފަހުން ވަނީ ޖަޕާނުން ދުނިޔޭގެ ގައުމުތަކަށް ދެމުންގެންދާ އެތައް ބިލިޔަން ޑޮލަރުގެ އެހީތަކަކީ އެގައުމުގެ އެންމެ ބޮޑު ޑިޕްލޮމެޓިކް ހަތިޔާރު ކަމަށާއި ނަމަވެސް މިހަތިޔާރު އެހެން ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމަށް ޖަޕާނުން ބޭނުން ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. (ނޫސްއެޖެންސީތައް)