ވޯލްޑް ކަޕްގައި ރޭ ރަޝިޔާއިން އަލްޖީރިއާއާ ދެކޮޅަށް ކުޅެ 1-1 އެއްވަރުވި މެޗުގެ ކުޅުން ކުރިޔަށް ދިޔަ ވަގުތު ރަޝިޔާ ގޯލް ކީޕަރު އީގޯ އަކިންފީފްގެ ލޮލަށް ލޭޒާ އަލި އެޅުވި މައްސަލައިގެ އެޓީމުގެ ކޯޗު ފަބިއޯ ކަޕެލޯ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ޓެލެވިޝަޜަން ފުޓޭޖުން ފެންނަ ގޮތުގައި އަލްޖީރިއާއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރި ލަނޑު ކާމިޔާބު ކުރި ވަގުތު އަކިންފީފްގެ ލޮލަށް ފެހި ކުލައިގެ ލޭޒާއަކުން ހުންނަނީ އަލި އަޅުވައިފައެވެ. އަލްޖީރިއާއިން ލަނޑު ޖެހީ، އެޓީމަށް ލިބުނު ހިލޭޖެހުމެއް ޑިފެންޑަރު ޔަސިނޭ ބްރަހިމީ، ރަޝިޔާ ގޯލް ކުރިމަށްޗަށް ހުރަސްކޮށްލުމުން އެ ބޯޅަ ބޮލުންޖަހައި ގޯލްތެރެއަށް ފޮނުވާލައިގެން އިސްލާމް ސްލިމާނީ އެވެ. އަދި އެ ލަނޑާއެކު އަލްޖީރިއާ ވަނީ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ގްރޫޕް ސްޓޭޖް ފަހަނަޅައި ގޮސްފައެވެ.

އެރީނާ ޑަ ބައިޒާޑާގައި ރޭ ރަޝިއާ އާ ދެކޮޅަށް އަލްޖީރިއާ ކުޅުނު މެޗުގައި އެޓީމުން ނަތީޖާ ހަމަހަމަކުރީ މެޗުގެ ކުރީކޮޅުގައި ރަޝިއާ އިން ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައި ވަނިކޮށެވެ. މެޗަށް ނުކުތް އިރު، ދެ ޓީމަށް ވެސް ގަދަ 16ގެ ފުރަސަތު އޮތްއިރު، ރަޝިއާ އަށް ފުރުސަތެއް އޮތީ އަލްޖީރިއާ އަތުން މޮޅުވެގެންނެވެ. ނަމަވެސް ރަޝިއާ އަށް އެ ފުރުސަތު ގެއްލުނީ އަލްޖީރިއާ އަތުން 1-1 ލަނޑުން އެއްވަރުވުމުންނެވެ.

"ގޯލް ކީޕަރުގެ މޫނަށް ލޭޒާ އަޅުވާފައި ހުރުމުގެ ސަބަބުން އޭނާއަށް އޭނާގެ މަސްއޫލިއްޔަތު އަދާކުރެވޭ ގޮތެއް ނުވި،" ކުރިން އިނގިރޭސިވިލާތުގެ ކޯޗުކަން ވެސް ކުރި ކަޕެލޯ ބުންޏެވެ. "ލޮލަށް ލޭޒާ އެޅުވުމުން އޭނާއަށް އެއްވެސް އެއްޗެއް އެވަގުތު ނުފެނުނު. މިއީ ބަހަނާއެއް ނޫން. އެހެރީ މަންޒަރުތައް ފެންނަން. ބޭނުމިއްޔާ ވީޑިއޯ ފުޓޭޖް ވެސް ބަލަންވީ."

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތްތަކުގައި މިހާތަނަށް ޖުމުލަ ހަތް މެޗެއްމެޗެއްގައި ކޯޗުކަން ކޮށް، އެންމެ މެޗަކުން މޮޅުވެފައިވާ ކަޕެލޯ ވަނީ ރޭގެ މެޗު ނިމުމާއެކު މެޗުގެ އޮފިޝަލުންނާ ކުރިމަތިލައި ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.

މިހާރު އުމުރުން 68 އަހަރުގެ ކަޕެލޯ ވަނީ، 2010 ވަނަ އަހަރު ސައުތު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕްގައި އިނގިރޭސި ޓީމާއެކު މުބާރާތުގެ ދެވަނަ ބުރަށް ގޮސްފައެވެ. އަދި އެޓީމު އެފަހަރު މުބާރާތުން ވަކިވީ، ޖަރުމަނު އަތުން 4-1 ލަނޑުން ބަލިވެގެންނެވެ.

ކުރިއަށް އޮތް ވޯލްޑް ކަޕް ރަޝިޔާގައި ބާއްވަން ހަމަޖެހިފައި ވާއިރު، ކަޕެލޯ ވަނީ ރަޝިޔާ ޓީމާއެކު 2018 ވަނަ އަހަރާ ހަމައަށް އެއްބަސްވުން އާކޮށްފައެވެ. އަދި ބްރެޒިލްގައި ރަޝިޔާ ޓީމަށް ކާމިޔާބެއް ހޯދައި ނުދެވުނު ނަމަވެސް ކޯޗު ކަމުން ވަކިވުމުގެ ހިޔާލެއް އޭނާ އަދި ނުގެންގުޅެއެވެ.

"އެމީހުން އަހަރެން ކޯޗުކަމުގައި ބަހައްޓަން ބޭނުމިއްޔާ އަހަރެން އަދިވެސް ބުނާނީ އާނއެކޭ،" ކޯޗު ކަމުގައި އަދިވެސް ހުންނާނަންތޯ ނޫސްވެރިން ސުވާލުކުރުމުން އިޓަލީގެ ރައްޔިތެއް ކަމަށްވާ ކަޕެލޯ ބުންޏެވެ.