ވޯލްޑްކަޕާ ދިމާކޮށް މީޑިއާ ނެޓުން ބްރޯޑްކާސްޓް ކުރަން ފެށި "އައިސް ޓީވީ" ހިންގި "ޗެނަލް ނަމްބަރު 100" އިން ބްރޯޑްކާސްޓް ކުރުން ވަގުތުން ހުއްޓާލަން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) އިން މީޑިއާނެޓަށް އަންގާފައިވަނީ ގާނޫނުގެ ހުދޫދުގެ ބޭރުން ކަމަށް މީޑިއާނެޓުން ބުނެފި އެވެ.

މީޑިއާނެޓްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަފީއު ސޮއިކުރައްވައި އެމްބީސީގެ ރައީސް މުހައްމަދު ޝަހީބަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، "ޗެނެލް 100" އާއި "ޗެނެލް +100" ބްރޯޑްކާސްޓް ކުރުން ހުއްޓާލަން އަންގާފައި ވަނީ ހުރިހާ މައުލޫމާތެއް އެނގިހުރެ ހަގީގަތް އޮޅުވާލަން ކަމަށެވެ.

އެގޮތުން، މީޑިއާނެޓްގެ ޗެނަލް ލިސްޓުގައި ހިމެނޭ އެ ދެ ޗެނަލް މީޑިއާނެޓްގެ ނެޓްވޯކުން ދައްކަމުންދަނީ އެ ދެ ޗެނަލްގެ ވެރިފަރާތް ކަމަށްވާ މަލްޓި ސްކްރީން މީޑިއާ އާއި މީޑިއާނެޓާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ކަމަށް ސިޓީގައި ބުނެފައިވެ އެވެ.

މީގެ އިތުރުން، އެ އެއްބަސްވުމުގެ ކޮޕީއެއް މިމަހުގެ 19 ވަނަ ދުވަހު ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހަޅާފައި ވާނޭ ކަމަށާއި އެ އެއްބަސްވުމާއި ކޮމިޝަނުން ހަވާލުވެ ސޮއިކޮށްފައިވާ ކަމަށްވެސް އެ ސިޓީގައި ވެއެވެ.

މީޑިއާނެޓްގެ "ޗެނަލް ނަމްބަރު 100"އިން ބްރޯޑްކާސްޓް ކުރުން ހުއްޓާލަން އަންގައި އިއްޔެ ބްރޯޑްކާސްޓިން ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މީޑިއާނެޓްގެ "ޗެނެލް 100" ނުވަތަ "ޗެނެލް +100"އަކީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދީފައިވާ ޗެނެލްތަކެއް ނޫން ކަމަށެވެ.

މީގެ އިތުރުން، އެ ދެ ޗެނެލްގައި ވަކި ޚާއްސަ ސްޓޭޝަން އައިޑީ އެއް ފެންނަން ނުހުންނަ ކަމަށްވެސް ކޮމިޝަނުގެ ބަޔާނުގައި ބުނެފައިވެ އެވެ.

ނަމަވެސް މީޑިއާނެޓުން އެމްބީސީއަށް ފޮނުވި ސިޓީގައި ބުނެފަައިވަނީ، އެދެ ޗެނަލަށްވެސް ސްޓޭޝަން އައިޑީ އަރާނެ ކަމަށާއި އެދެ ޗެނަލްވެސް ދައްކަމުންދަނީ އެއްވެސް އުނިއިތުރު ކުރުމެއްނެތި ރީބްރޯޑްކާސްޓިން ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަަމަށެވެ.

މީޑިއާގެ ނެޓުގެ ޗެނަލް ނަމްބަރު 100 އަކީ ކުރިން އައިސް ޓީވީ ހިންގި ޗެނަލް ނަމްބަރެވެ. އެ ޗެނަލް ނަމްބަރުން ވޯލްޑްކަޕްގެ މެޗުތައް ވަގުތުން ދައްކަމުން ދިޔައީ އެޗްޑީކޮށެވެ. ނަމަވެސް އެ ޗެނަލުން ފަހުން ވަނީ ވޯލްޑްކަޕް ވެސް ދެއްކުން ހުއްޓާލައި، ބްރޯޑްކާސްޓިން ވެސް ހުއްޓާލާފަ އެވެ.