ވޯލްޑް ކަޕްގެ ގްރޫޕް އެޗްގެ ފަހު މެޗުގައި އަލްޖީރިއާ އިން ރަޝިއާ ހިފެހެއްޓުމަށް ފަހު، ގަދަ 16ގެ ފަހު ޖާގަ ކަށަވަރުކޮށްފިއެވެ.

އެރީނާ ޑަ ބައިޒާޑާގައި މިރޭ ރަޝިއާ އާ ދެކޮޅަށް އަލްޖީރިއާ ކުޅުނު މެޗުގައި ނަތީޖާ ހަމަހަމަކުރީ މެޗުގެ ކުރީކޮޅުގައި ރަޝިއާ އިން ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައި ވަނިކޮށެވެ. މެޗަށް ނުކުތް އިރު، ދެ ޓީމަށް ވެސް ގަދަ 16ގެ ފުރަސަތު އޮތްއިރު، ރަޝިއާ އަށް ފުރުސަތެއް އޮތީ އަލްޖީރިއާ އަތުން މޮޅުވެގެންނެވެ. ނަމަވެސް ރަޝިއާ އަށް އެ ފުރުސަތު ގެއްލުނީ އަލްޖީރިއާ އަތުން 1-1 ލަނޑުން އެއްވަރުވުމުންނެވެ.

މިރޭގެ މެޗުގައި ރަޝިއާ އަށް ލީޑު ނަގައިދިނީ އެޓީމުގެ ފޯވަޑް އެލްކެސެންޑާ ކޮކޮރިނެވެ. ރަޝިއާ ލީޑު ނެގުމާއެކު އެޓީމު ވަނީ މި މުބާރާތުގައި ލީޑު ނުނެގުނު ޓީމުތަކުގެ ލިސްޓުން އުނިވެފައެވެ. މި މުބާރާތުގެ މެޗެއްގައި ލީޑު ނުނެގި ތިން ޓީމެއް މުބާރާތް ނިންމާލާފައިވާ އިރު، އެ ތިން ޓީމަކީ އިނގިރޭސިންނާއި ކެމަރޫން އަދި އީރާނެވެ.

މެޗުގައި ދެ ޓީމުން ރައްދުކުރި ގިނަ ހަމަލާތަކަކަށް ފަހު، އަލްޖީރިއާ އަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވުނީ ދެވަނަ ހާފުގެ ތެރޭގައެވެ. މެޗުގެ 60 ވަނަ މިނެޓްގައި އަލްޖީރިއާ އަށް ނަތީޖާ ހަމަހަމަކޮށްދިނީ އިސްލާމް ސްލިމާނީ އެވެ. މި ލަނޑުގެ އިތުރުން އަލްޖީރިއާ އަށް ލީޑު ނަގުމަށް ފުރުސަތުތަކެއް ލިބުނު އިރު، ރަޝިއާ އަށް ވެސް ފުރުސަތުތަކެއް ލިބިފައި ވެ އެވެ.

މި ނަތީޖާއާއެކު ކުޅުނު ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު އަލްޖީރިއާ އޮތީ ގްރޫޕް އެޗްގެ ދެ ވަނައިގައެވެ. ކުޅުނު ތިން މެޗުން މޮޅުވެ ލިބުނު ނުވަ ޕޮއިންޓާއެކު ގްރޫޕްގެ އެއް ވަނައިގައި ބެލްޖިއަމް އޮތްއިރު، ދެ ޕޮއިންޓާއެކު ގްރޫޕްގެ ތިން ވަނައިގައި އޮތީ ރަޝިއާ އެވެ. އަދި ގްރޫޕްގެ ފުލުގައި އޮތް ކޮރެއާ އަށް ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ.

މި ގްރޫޕުން އެއްވަނަ ހޯދި ބެލްޖިއަމް، ގަދަ 16ގައި އެމެރިކާ އާ ދެކޮޅަށް ނުކުންނަން ޖެހޭއިރު، ގްރޫޕްގެ ދެވަނަ އަލްޖީރިއާ ނުކުންނަން ޖެހޭނީ ޖަރުމަނާއި ދެކޮޅަށެވެ.