27 Jun 2014, 04:17
ވޯލްޑް ކަޕްގެ ގްރޫޕް އެޗްގައި ދިހަ ކުޅުންތެރިންނާއެކު ދެކުނު ކޮރޮއާ އަތުން މޮޅުވެ، ބެލްޖިއަމް އިން ގްރޫޕްގެ އެއްވަނަ ހޯދައިފި އެވެ.
އެރީނާ ޑި ސައޯ ޕޯލޯގައި ކުޅުނު މި މެޗަށް ނުކުތް އިރު، ބެލްޖިއަމްއަށް ވަނީ ގަދަ 16ގެ ޖާގައެއް ކަށަވަރުވެފައެވެ. އަދި ދެކުނު ކޮރެއާ މެޗަށް ނުކުތް އިރު، އެ ޓީމަށް ގަދަ 16ގެ ޖާގައެއް ކަށަވަރުކުރުމަށް ހަނި ފުރުސަތެއް އޮތެވެ. ނެމަވެސް ކޮރެއާ އަށް އެ ފުރުސަތު ލިބެން އޮތީ ބެލްޖިއަމް އަތުން ބޮޑު ތަފާތަކުން މޮޅުވެ، ހަމަ އެއް ގަޑިއެއްގައި ކުޅޭ މި ގްރޫޕްގެ އަނެއް މެޗުގައި އަލްޖީރިއާ އާއި ރަޝިއާ ބައްދަލުކުރި މެޗު އެއްވަރުވެ ނުވަތަ ރަޝިއާ މޮޅުވެގެންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ރަނގަޅު ކުޅުމެއް ފެނިގެންދިޔައީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުންދިޔަ ބެލްޖިއަމްގެ ފަރާތުންނެވެ. ބެލްޖިއަމް އަށް ދިހަ ކުޅުންތެރިންނާއެކު ކުޅެން މަޖުބޫރުވީ މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް، ސްޓީވަން ޑީފޯ އަށް ދެއްކި ރަތް ކާޑާއި ގުޅިގެންނެވެ. މި ރަތް ކާޑު ޑީފޯ އަށް ދެއްކީ ކޮރެއާގެ ކިމް ޝިންވުކް އަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެންނެވެ.
މެޗުގައި ބެލްޖިއަމް އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހައިދީ ލީޑު ހޯދައިދިނީ މިރޭގެ މެޗުގައި އެޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ޔޭން ވާޓޮންގެން އެވެ. މެޗުގެ 78 ވަނަ މިނެޓްގައި ވާޓޮންގެން ކާމިޔާބުކުރި މި ލަނޑާއެކު އޭނާ ވެފައި ވަނީ 2002 ވަނަ އަހަރު ރަޝިއާ ކޮޅަށް ކެޕްޓަން މާކް ވިލްމޮޓްސް ކާމިޔާބުކުރި ލަނޑަށް ފަހު، ބޭންޑް އަޅައިގެން ވޯލްޑް ކަޕް މެޗެއްގައި ލަނޑެއް ކާމިޔާބުކުރި ބެލްޖިއަމް ކެޕްޓަނަށެވެ.
މި މެޗުގައި ކޮރެއާ އިން ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް، ބެލްޖިއަމްގެ ހުނަރުވެރި ގޯލްކީޕަރު ތިބޯޓް ކޯޓުވާ ވަނީ އެ ހަމަލާތައް ވަރަށް ހުޝިޔާރު ކަމާއެކު ދިފާއުކޮށްފައެވެ. މި މެޗުގައި ބެލްޖިއަމްގެ މުހިންމު ކުޅުންތެރިން ކަމަށްވާ އެޑެން ހަޒާޑް އާއި ކެޕްޓަން ވިންސެންޓް ކޮމްޕަނީ އަދި ރޮމެލޫ ލުކާކޫ އެޓީމުގެ ފުރަތަމަ އެގާރައިން ފެނިފައެއް ނުވެއެވެ. މެޗުގައި ހަޒާޑް ފެނިފައި ވަނީ މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.
މި ނަތީޖާއާއެކު ކުޅުނު ތިން މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ގްރޫޕް އެޗްގެ އެއްވަނައިގައި އޮތީ ބެލްޖިއަމް އެވެ. ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ ދެ ވަނައިގައި އަލްޖީރިއާ އޮތް އިރު، ދެ ޕޮއިންޓާއެކު ގްރޫޕްގެ ތިން ވަނައިގައި އޮތީ ރަޝިއާ އެވެ. އަދި ގްރޫޕްގެ ފުލުގައި އޮތް ކޮރެއާ އަށް ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ.
މި ގްރޫޕުން އެއްވަނަ ހޯދި ބެލްޖިއަމް، ގަދަ 16ގައި އެމެރިކާ އާ ދެކޮޅަށް ނުކުންނަން ޖެހޭއިރު، ގްރޫޕްގެ ދެވަނަ އަލްޖީރިއާ ނުކުންނަން ޖެހޭނީ ޖަރުމަނާއި ދެކޮޅަށެވެ.