27 Jun 2014, 01:44
ފެނަކަ ކޯޕަރޭޝަނުން ކަރަންޓް ފޯރުކޮށްދެމުންދާ އެއްވެސް ރަށަކުން މި ރޯދަ މަހު ކަރަންޓް ކަނޑައިގެން ނުދާނެ ކަމުގެ ޔަގީކަން އެބަ އޮތް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވެއްޖެ އެވެ.
"ފެނަކަ" ކުންފުނީގެ ދެ ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިރޭ ކަލާފާން ސްކޫލުގައި ބޭއްވި ޖަލްސާގައި ނިމާލް ވިދާޅުވީ އެއްވެސް ރަށަކަށް ފޯރުކޮށްދޭން ޖެހޭ ކަރަންޓް ފޯރުކޮށްދިނުމުގައި އެ ރަށަކަށް ބޭނުންވާ ވަރުގެ އިންޖީނެއް ނެތިގެން ކަރަންޓް ކެނޑޭ ގޮތް މެދުވެރި ނުވާނެ ކަމަށެވެ.
"އަޅުގަނޑުމެން ހަމަ ވަރަށް ޔަގީންކަން އެބަ އޮތް ކުރިއަށް އޮތް ރަމަޟާން މަހުގެ ތެރޭގައި ހަމަ އެއްވެސް ރަށަކުން ޓެކްނިކަލް މައްސަލައެއްގައި ވެސް އަދި ކެޕޭސިޓީގެ މައްސަލައެއްގައި ވެސް ކަރަންޓް ކަނޑައިގެން ނުދާނެ ކަން،" ނިމާލް ވިދާޅުވި އެވެ.
އެހެން ނަމަވެސް ދިމާވާ މައްސަލައިއެއްގައި އިންޖީނެއް ނިވުމަކީ ވެދާނެ ކަމެއް ކަމަށާއި އެއީ ކުންފުނިން ފޯރުކޮށްދޭން ޖެހޭ އެއްޗެއް ނެތިގެން ވާނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން ނިމާލް ވިދާޅުވީ ބައެއް ފަރާތްތަކުން އެ ކުންފުންޏަށް ދޭންވާ އެއްބާރުލުން ނުދޭ ކަމަށާއި އޭގެ ސަބަބުން މަސައްކަތްތައް ބޭނުންވާ އަވަސް މިނުގައި ނުނިމޭ ކަމަށެވެ. އެހެން ނަމަވެސް ވޭތުވެދިޔަ ދެ އަހަރު ދުވަސް ތެރޭގައި ފެނަކަ އިންވަނީ ބޮޑެތި ކާމިޔާބީ ތަކެއް ހޯދާފައި ކަމުގައި އޭނާ ވިދާޅުވި އެވެ.
މިރޭ ބޭއްވި ޖަލްސާގައި ވަނީ އެ ކުންފުނީގައި މަސައްކަތްކުރާ ބައެއް މުވައްޒަފުންގެ ހިދުމަތް ފާހަގަކޮށް ހަނދާނީ ފިލާ އަރުވާފަ އެވެ.