ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީއަށް އެމްޑީޕީގެ ނާއިބް ރައީސް ކަމުގެ މަގާމަށް ވާދަނުކުރެއްވޭނެ ކަމަށް އެ ޕާޓީން ނިންމައިފިއެވެ.

އެމްޑީޕީގެ އޮފިޝަލަކު ވިދާޅުވީ އެގޮތަށް ނިންމާފައި ވަނީ އެ ޕާޓީގެ އިންތިޚާބާ ބެހޭ ކޮމެޓީގެ ހަ މެމްބަރުންގެ އިއްތިފާގުން އެގޮތަށް ފާސްކުރުމުން ކަމަށެވެ.

އޭނާ ވިދާޅުވީ އެގޮތަށް ނިންމާފައި ވަނީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފޭދޫ ދާއިރާ އަށް އެމްޑީޕީގެ ޓިކެޓުގައި ކެންޑިޑޭޓަކު ނެރެފައި ވަނިކޮށް، އަލްހާން އެ ދާއިރާއަށް އަމިއްލަގޮތުން ވާދަކުރެއްވުމުން ކަމަށެވެ.

"އެމްޑީޕީގެ ފަރާތުން ފޭދޫ ދާއިރާ އަށް ކެންޑިޑޭޓަކު ނެރެފައި ވަނިކޮށް އަލްހާން އަމިއްލަގޮތުން އެ ދާއިރާ އަށް ވާދަކުރެއްވީ. އެއީ ޕާޓީގެ އުސޫލުތަކާ ޚިލާފު ކަމެއް،" އޮފިޝަލް ވިދާޅުވިއެވެ.

މިކަމާ ބެހޭ ގޮތުން އަލްހާން މިރޭ ސަން އަށް ވިދާޅުވީ ނާއިބް ރައީސް ކަމަށް އޭނާ އަށް ކުރިމަތިނުލެއްވޭނެ ކަން އެމްޑީޕީން އޭނާ އަށް އަންގާފައިނުވާ ކަމަށާއި އޭނާ އަކީ އެމަގާމަށް ކުރިމަތިލުމުގެ ޝަރުތު ފުރިހަމަވާ މީހެއް ކަމަށެވެ.

އަލްހާން ވިދާޅުވީ ނާއިބް ރައީސްކަމުގެ އިންތިޚާބުގައި އޭނާ އަށް ވާދަނުކުރެވޭ ގޮތް ހެދުމަށް އެމްޑީޕީން މަސައްކަތް ކުރަން އުޅުނު ކަމުގެ މައުލޫމާތު މީޑިއާ އިން ލިބިވަޑައިގަތް ކަމަށާއި ރަސްމީ އެއްވެސް ސިފައެއްގައި އެފަދަ މައުލޫމާތެއް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.

"އަޅުގަނޑަކަށް އެފަދަ ނިންމުމެއް ނިންމިކަމަށް އަންފައިނުވޭ. މީޑިއާ އިން އަޅުގަނޑަށް އެނގުނު އެކަހަލަ ކަމެއް ކުރަން އުޅޭ ކަމުގެ މައުލޫމާތު،" އަލްހާން ވިދާޅުވިއެވެ.

އަލްހާނަކީ އެމްޑީޕީގެ އެންމެ ފުރަތަމަ އިންތިޚާބީ ނާއިބް ރައީސް އެވެ. ނަމަވެސް އެ މަގާމަށް އޭނާ އިންތިޚާބުވެވަަޑައިގެންފައި ވަނިކޮށް އެމްޑީޕީގެ އިސްސަފުގައި ތިބި ބައެއް ފަރާތްތަކުގެ ނުފޫޒުން އެފަހަރު ވަނީ އޭނާ މަގާމުން ދުރުކޮށްފަ އެވެ. އޭގެފަހުން އޭނާ ވަނީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން އެ ޕާޓީގައި ދުވަސްކޮޅެއްގައި މަސައްކަތް ކުރެއްވުމަށްފަހު އަނެއްކާވެސް އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.