27 Jun 2014, 01:08
ވަގު ވިޔަފާރި ކުރުމާއި ޖުވާ ކުޅުމާއި ދީނާ ހިލާފު ކަންތައްތަކެއް ކުރުމުގެ ޒޯންތަކެއް ރާއްޖޭގައި ހެދުމަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން "އަވަދިނެތި" މަސައްކަތް ކުރަމުންދާ ކަމަށް އެމްޑީޕީގެ ވަގުތީ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ތުހުމަތު ކުރައްވައިފި އެވެ.
ޗާންދަނީ މަގު، ދިރާގު ކަންމަތީގައި އެމްޑީޕީން މިރޭ ބޭއްވި "ބްރިކޭޑް އެއްވުމުގައި" ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސްޕެޝަން އިކޮނަމިކް ޒޯންގެ ބިލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފަ އެވެ.
ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ތަރައްގީ ހޯދުމުގެ ބަދަލުގައި ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމްގެ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ވަގު ވިޔަފާރިކޮށްގެން ކަޅު ފައިސާ "ދޮވުމަށް" ކަމަށެވެ.
ސްޕެޝަލް އިކޮނަމިކް ޒޯންގެ ބިލަކީ ދިވެހިންގެ މިނިވަންކަން ގެއްލޭ ގޮތަށް އޮތް ބިލެއް ކަމަށް ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ އެ ބިލަކީ ސޯފާ އެގްރިމެންޓުގައި ބުނާފަދަ ހައްގުތައް ބޭރު ފަރާތްތަކަށް ލިބޭ ގޮތަށް ބިލެއް ކަމަށެވެ.
"އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ރާއްޖޭގެ ރައްޔިތުންނަށް ތަރައްގީ ހޯދެން އޮތްއިރު، އެ ތަރައްގީ ހޯދުމުގެ މަސައްކަތް ނުކޮށް، ވަގު ވިޔަފާރި ކުރުމާއި ކަޅު ފައިސާ 'ދޮވުމާއި' ޖުވާ ކުޅުމާއި އަދި އެހެން އެހެންމެހާ ވެސް ދީނާ ހިލާފު ކަންތައްތަކެއް ކުރުމުގެ ޒޯންތަކެއް މި ރާއްޖޭގައި އުފައްދައި، އެ ތަންތަނުގެ ކަންމުގައި މި ސަރުކާރާއި ރައްޔިތުންގެ މަޖިލިސް އަވަދިނެތި އުޅޭތަން،" ގިނަ ދުވަސްތަކަށްފަހު އެމްޑީޕީން ބޭއްވި މަގުމަތީ އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ވަގުތީ ރައީސް މިރޭ ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖެއަށް ތަރައްގީ ނުހޯދައި ދިވެހިންގެ އުންމީދު ނަގާލުމަށް ފުރުސަތު ދީގެން ތިބުމަކީ އެމްޑީޕީ "ވަރިހަމަ"ކޮށްގެން ތިބޭނެ ކަމެއް ނޫން ކަމަށެވެ. އަދި ނާޖައިޒް ފައިދާއިން ފުރިގެންވާ ގައުމެއް ބިނާ ކުރާކަށް އެމްޑީޕީން ޖާގަ ނުދޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އާއިލީ ވެރިކަމެއް ރާއްޖޭގައި އަނެއްކާވެސް "އަށަގެންނެވުމަށް" ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ރައީސް ޔާމިން މަސައްކަތްޕުޅު ކުރައްވަމުން ގެންދެވާ ކަމަށެވެ.
ސަރުކާރު ކޯލިޝަނުން ޖޭޕީ "ރޫޅިފައިވާ" މައްސަލައަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ ގާސިމް އިބްރާހިމް ސަރުކާރުން ދުރުކޮށްލީ އާއިލީ ބޭފުޅަކަށް ނުވާތީ ކަމަށާއި "ތަންކޮޅެއް ދުރު ބޭފުޅަކަށް ގާސިމް އިބްރާހިމް ވީތީ" ކަމަށެވެ.
ރައްޔިތުންގެ ހައްގުގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަން ފަސް ނުޖެހޭނެ ކަމަށާއި އަބަދުވެސް އެ މަސައްކަތުގައި ދެމިތިބޭނެ ކަމަށް ނަޝީދު މިރޭ ވިދާޅުވި އެވެ.
"ރައީސް ޔާމިންގެ އަތްޕުޅުގައި ނުވާނެ، އަޅުގަނޑުމެންގެ އަތުގައި ނާޅާ ބިޑިއެއް. އަޅުގަނޑުމެންނަކަށް ނުކުރާ އަނިޔާއެއް. އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން މި މަސައްކަތުގައި އަބަދުވެސް ދެމިތިބޭނަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.