ވޯލްޑް ކަޕްގެ ގްރޫޕް ޖީގެ އެންމެ ފަހު މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ލަނޑާއެކު ގާނާ އަތުން މޮޅުވި ނަމަވެސް ގާނާއާ އެކު ޕޯޗުގަލް ވެސް ރަށަށް ދާން ޖެހިއްޖެ އެވެ.

އެސްޓޭޑިއޯ ނޭސިއޮނަލްގައި މިރޭ ކުޅުނު މެޗަށް ދެ ޓީމު ނުކުތް އިރު، ގާނާ އަދި ޕޯޗުގަލްއަށް ވެސް ގަދަ 16އަށް ދަތުރުކުރުމަށް ހަނި ފުރުސަތެއް އޮތެވެ. އެގޮތުން ޕޯޗުގަލްއަށް ގިނަ ލަނޑުތަކެއް ޖަހައިގެން ގަދަ 16ގެ ޖާގައެއް ލިބެން އޮތް އިރު، ދެ ޓީމު ވެސް ބަރޯސާވެގެން އޮންނަން ޖެހުނީ ހަމަ އެއް ގަޑިއެއްގައި ކުޅުނު އެމެރިކާ އާއި ޖަރުމަން ބައްދަލުކުރި މެޗަށެވެ.

އެރީނާ ޕާނަމްބޫޗޯގައި ކުޅުނު މެޗުން 1-0 ލަނޑުން ޖަރުމަން އަތުން އެމެރިކާ ބަލިވި ނަމަވެސް، އެޓީމަށް ވަނީ ގަދަ 16ގެ ޖާގައެއް ކަށަވަރުވެފައެވެ. ޕޯޗުގަލްއަށް ފުރުސަތު ގެއްލުނީ ގާނާ ކޮޅަށް ގިނަ ލަނޑުތަކެއް ނުޖެހި، އެމެރިކާ ކޮޅަށް ޖަރުމަނުން ގިނަ ލަނޑުތަކެއް ކާމިޔާބު ނުކުރުމުންނެވެ.

މިރޭ ގާނާއާ ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުގައި އެންމެ ގިނަ ފުރުސަތުތަކެއް ލިބުނީ ޕޯޗުގަލްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ރޮނާލްޑޯ އަށެވެ. އެގޮތުން މެޗުގެ ފަސް ވަނަ މިނެޓްގައި އަރިމަތިން ރޮނާލްޑޯއަށް ލިބުނު ފުރުސަތުން އުފެއްދި ހަމަލާ އަމާޒުވީ ގާނާ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މެޗުގެ 19 ވަނަ މިނެޓްގައި ރޮނާލްޑޯއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ. މެންޗެސްޓާ ޔުނައިޓެޑްގެ ވިންގާ ނާނީ ނަގައިދިން ހުރަހަކުން ރޮނާލްޑޯ ބޮލުން ޖެހި ހަމަލާގެ ހުރަހަކަށް ވީ ގާނާގެ ގޯލްކީޕަރު ފަޓައޫ ޑައުޑާ އެވެ. ގާނާގެ ކީޕަރު ޑައުޑާގެ މޮޅު ސޭވްއަށް ފަހު، އޭނާ ވަނީ އުފާފާޅުކޮށްފައެވެ.

މެޗުގައި ޕޯޗުގަލްއަށް ލީޑު ލިބިގެންދިޔައީ ގާނާގެ ޖޯން ބޮޔެ ބައިކޮޅަށް ޖެހި ލަނޑުގެ ސަބަބުންނެވެ. މި ލަނޑު ފެނިގެންދިޔައީ މެޗުގެ 31 ވަނަ މިނެޓްގައެވެ. މި ލަނޑު ބޮޔެ އަތުން ވަދެފައި ވަނީ ޕޯޗުގަލްގެ މިގެލް ވެލޯސޯ ގާނާގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ނެގި ނުރައްކާތެރި ހުރަހަކުންނެވެ.

މެޗުގައި ގާނާއަށް ނަތީޖާ ހަމަހަމަކުރެވުނީ ދެވަނަ ހާފުގެ ކުޅުން ފެށިތާ 11 މިނެޓް ފަހުންނެވެ. ކުވަޑްވޯ އަސަމޮއާގެ ހުރަހަކުން ގާނާއަށް މި ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން އޮސްމޮއާ ޖިޔާނެވެ.

ޕޯޗުގަލްއަށް އަލުން ލީޑު ނަގައިދިނީ އެޓީމުގެ ކެޕްޓަން ރޮނާލްޑޯ އެވެ. ގާނާގެ ޑިފެންޑަރުންނަށް ހެދުނު ގޯހަކުން ރޮނާލްޑޯ މި ލަނޑު ކާމިޔާބުކުރީ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުސްކޮށް އޮވެ، ގާނާގެ ގޯލުގެ ކަނަށް ފޮނުވާލައިގެންނެވެ. މިއީ މި ވޯލްޑް ކަޕުގައި ރޮނާލްޑޯއަށް ކާމިޔާބުކުރެވުނު ހަމައެކަނި ލަނޑެވެ. މި ލަނޑުގެ އިތުރުން ވެސް ރޮނާލްޑޯއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރު ވެފައި ވެ އެވެ.

މި ނަތީޖާއާއެކު ކުޅުނު ތިން މެޗުން ހަތަރު ޕޮއިންޓާއެކު ޕޯޗުގަލް އޮތީ ގްރޫޕްގެ ތިން ވަނައިގައެވެ. ދެވަނައިގައި އޮތް އެމެރިކާއަށް ވެސް ހަތަރު ޕޮއިންޓް ލިބިފައި ވާ އިރު، އެޓީމަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. މި ގްރޫޕްގެ އެއްވަނައިގައި ހަތް ޕޮއިންޓާއެކު ޖަރުމަން އޮތް އިރު، އެއް ޕޮއިންޓާއެކު އެންމެ ފުލުގައި އޮތީ ގާނާ އެވެ.

މި މުބާރާތުގައި މިރޭ ކުޅޭނީ ގްރޫޕް އެޗްގެ އެންމެ ފަހު މެޗުތަކެވެ. މިރޭ 01:00 ގައި ބެލްޖިއަމްއާ ދެކޮޅަށް ދެކުނު ކޮރެއާ ނުކުންނަ އިރު، ރަޝިއާ ނުކުންނާނީ އަލްޖީރިއާ އާ ދެކޮޅަށެވެ.