26 Jun 2014, 23:30
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޖީ ގައި މިރޭ ޖަރުމަން އަތުން 1-0 ލަނޑުން އެމެރިކާ ބަލިވިޔަސް، ގްރޫޕްގެ އެއް ވަނަ ޓީމް ޖަރުމަނާއެކު އެމެރިކާ ވެސް މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދައިފި އެވެ.
ބްރެޒިލްގެ ރިސީފޭގެ އެރީނާ ޕެރްނަމްބުޝޯ ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ މެޗުގައި އެމެރިކާ ކޮޅަށް ޖަރުމަނުން ޖެހި ހަމައެކަނި ލަނޑު މެޗުގެ 55 ވަނަ މިނެޓުގައި ޖަރުމަނަށް ކާމިޔާބު ކޮށްދިނީ ފޯވާޑް ތޯމަށް މުލާ އެވެ.
އެ ލަނޑު މުލާ އެމެރިކާ ކޮޅަށް ޖެހީ ޖަރުމަނަށް ލިބުނު ކޯނަރު އެ ޓީމުން ނެގި ވަގުތު އެމެރިކާގެ ގޯލްކީޕަރު ރީބައުންސް ކޮށްލި ވަގުތުގައި އެމެރިކާގެ ޕެނަލްޓީ އޭރިޔާ ބޭރުން މުލާ ތިރިތިރިން ފޮނުވާލި ބާރު ބޯޅަ ގޯލުގެ ތިރީ ކަނަށް ވައްދާލި ބޯޅައެކެވެ.
ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މެޗުން ޖަރުމަނަށް ލިބުނު ތިން ޕޮއިންޓާއެކު ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި އެ ޓީމް އޮތީ ކުޅުން ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކު އެއް ވަނަ މަގާމުގަ އެވެ. މެޗުން ބަލިވި އެމެރިކާ އޮތީ ދެ ވަނަ މަގާމްގައި ހަތަރު ޕޮއިންޓާއެކު އެވެ. ހަމަ އެ އަދަދަށް ޕޮއިންޓް ހަމަކޮށްގެން ޕޯޗުގަލް ވެސް އޮތީ ހަތަރު ޕޮއިންޓާާއެކު ތިން ވަނަ މަގާމުގަ އެވެ. ނަމަވެސް އެމެރިކާއަށް ކުރި ލިބެނީ ގޯލްގެ ތަފާތުންނެވެ. މިގްރޫޕްގެ އެންމެ ފުލުގައި އޮތީ އެއް ޕޮއިންޓާއެކު ގާނާ އެވެ.
މި މެޗު ފެށިގެން ރަނގަޅަށް ކުޅެމުން ދިޔައީ ޖަރުމަނުންނެވެ. އެގޮތުން މެޗުގެ ކުރީ ކޮޅުގައި ޖަރުމަނުން ގިނަ އިރު ބޯޅަ ހިފަހައްޓައި އެމެރިކާގެ ގޯޅަށް ނުރައްކާ ކުރެވޭތޯ މަސައްކަތް ކުރަމުން ދިޔަ އެވެ. ނަމަވެސް މި ހަމަލާތައް އެމެރިކާގެ ޑިފެންޑަރުން ދިޔައީ ހުށިޔާރު ކަމާއެކު ދިފާޢު ކުރަމުންނެވެ. އަދި ކީޕަރު ޓިމް ހޮވާޑް ވެސް ދިޔައީ ހަމަލާތައް ދިފާއު ކުރަމުންނެވެ. އަދި މެޗުގެ ދެ ވަނަ ހާފުގައި ޖަރުމަނުން އެމެރިކާ ކޮޅަށް ގިނަ ހަމަލާތައް އުފައްދަމުން ދިޔައެވެ. ނަމަވެސް އެހަމަލަތައް ވެސް އެމެރިކާގެ ގޯލް ކީޕަރު ދިފާއު ކުރިއެވެ.
ދެ ވަނަ ބުރުގައި އެމެރިކާ އާއި ޖަރުމަން ބައްދަލު ކުރާ ޓީމްތައް ކަށަވަރު ވާނި މިރޭ ރާއްޖެ ގަޑިން ދަން ވަރު 1:00 ކުޅޭ ގްރޫޕް އެޗްގެ ފަހު މެޗު ތަކަށްފަހު އެވެ.