ކަސްޓަމްސްގެ މުވައްޒަފުން އިންތިޒާމްކޮށްގެން އަންނަ ރަމަޟާން މަހުގެ ދެ ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ "އެސްޓީއޯ ނޫފަހި ސީއާރުސީ ކަޕް 15" ފުޓްސަލް މުބާރާތުގެ ގުރު ނަގައިފި އެވެ.

ކޮންމެ އަހަރެއްގެ ރަމަޟާންމަހު ސީއާރުސީ ކަޕްގެ ނަމުގައި ބާއްވަމުން އަންނަ ފުޓްބޯޅަ މުބާރާތުގެ މިއަހަރުގެ ޓައިޓްލް ސްޕޮންސަރއަކީ އެސްޓީއޯއިން ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.

ކަސްޓަމްސް ރިކްރިއޭޝަން ކްލަބުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ އެމުބާރާތް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ކަސްޓަމްސްގެ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫޙު އާލާކޮށް، އެކުވެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމާއެކު މުވައްޒަފުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މަގުފަހިކޮށްދީ ހިތްވަރުދިން ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.

މި މުބާރާތުގައި ކަސްޓަމްސްގެ އެކި އެކި ސެކްޝަންތަކުން ޖުމްލަ 12 ޓީމް ބައިވެރިވެއެވެ.

ތިން ގްރޫޕަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ މިމުބާރާތުގައި ޖުމްލަ 25 މެޗް ކުޅުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ޓީމް އެޑްމިން އާއި ޕީޕީ ޕްލަސް ޒީރޯ ޒީރޯ ސެވަންއެވެ.ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުއެވެ.

މިމުބާރާތުގެ މެޗްތައް ކުޅުމަށްހަމަޖެހިފައިވަނީ ރޯދަމަހުގެ ދެވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 5:30 އަށް ވިލީ ފުލުސް ކުރިމަތި އޮންނަ ދެނަންބަރު ފުޓްސަލް ދަނޑުގައެވެ. މިއީ މެދުނުކެނޑި މިމުބާރާތް ކަސްޓަމްސްއިން ބާއްވަމުން އަންނަތާ 15 ވަނަ އަހަރެވެ.