26 Jun 2014, 21:30
ވޯލްޑް ކަޕުގެ ގްރޫޕް ޖީގެ ފަހު މެޗުގައި މިރޭ ޕޯގުޗަލްއާ ދެކޮޅަށް ނުކުތުމުގެ ކުރިން ގާނާގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ސުލޭ މުންތާރީ އާއި ކެވިން ޕްރިންސް ބޯޓެންގް ސަސްޕެންޑްކޮށް، އެނބުރި ރަށަށް ދާން ގާނާގެ ފުޓްބޯޅަ އެސޯސިއޭޝަނުން އަންގައިފި އެވެ.
އެސްޓޭޑިއޯ ނޭސިއޮނަލްގައި މިރޭ ކުޅޭ މުހިންމު މެޗަށް ގާނާ ނުކުންނަ އިރު، އެ ޓީމު އޮތީ ލިބުނު އެއް ޕޮއިންޓާއެކު ގްރޫޕްގެ ތިން ވަނައިގަ އެވެ. ގްރޫޕްގެ ފުލުގައި އޮތް ޕޯޗުގަލްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، ގާނާއަށް ގަދަ 16ގެ ޖާގައެއް ހޯދުމުގެ ފުރުސަތު އެބައޮތެވެ. ޕޯޗުގަލް އަތުން ގާނާ މޮޅުވި ނަމަވެސް، އެޓީމަށް ގަދަ 16ގެ ޖާގައެއް ކަށަވަރުވާނީ އެމެރިކާ އަތުން ޖަރުމަން މޮޅުވެގެންނެވެ.
ގާނާ ޓީމުން ސަސްޕެންޑްކުރި ދެ ކުޅުންތެރިންގެ ތެރެއިން މުންތާރީ ސަސްޕެންޑްކުރީ މިދިޔަ އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި ގާނާ އެފްއޭގެ އެގްޒެކެޓިވް ކޮމިޓީ މެންބަރަކަށް ހަމަލާ ދިނުމާއި ގުޅިގެން ކަމަށް އެ އެސޯސިއޭޝަނުން ބުނެ އެވެ.
"ގާނާ ފުޓްބޯޅަ އެސޯސިއޭޝަނުގެ އެކްސްކޯ މެންބަރު މޮސެސް އާމާހް އަށް ހަމަލާ ދިނުމުގެ ސަބަބުން މުންތާރީ ވަނީ ވަގުތީ ގޮތުން ޓީމުން ސަސްޕެންޑްކޮށްފަ،" ގާނާ އެފްއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
ކުރިން މުންތާރީއަށް ވަނީ ދެ ކާޑު ހަމަވުމުގެ ސަބަބުން ޕޯޗުގަލްއާ ދެކޮޅަށް މިރޭ ކުޅޭ މެޗަށް ސަސްޕެންޑްވެފައެވެ. މި އަމަލާއި ގުޅިގެން އެ އެސޯސިއޭޝަނުން އިތުރަށް މައްސަލަ ބެލުމަށް ފަހު، ގޮތެއް ނިންމާނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެ އެވެ.
ގާނާ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނީ، ޓީމުން ކެވިން ޕްރިންސް ބޯޓެންގް ސަސްޕެންޑް ކޮށްފައި ވަނީ އެ ޓީމުގެ ކޯޗު ކުވެސީ އަޕިއާ އާ ދިމާލަށް ހަޑި ހުތުރު ބަހުން މުއާމަލާތު ކުރުމުގެ ސަބަބުން ކަމަށެވެ.
"ބޯޓެންގް ސަސްޕެންޑް ކުރަން ޖެހުނީ މި ހަފްތާގައި ބޭއްވި ފަރިތަކުރުމެއްގެ ތެރޭގައި ކޯޗު އަޕިއާ އާ ދިމާލަށް ހުތުރު ބަސްތަކަކުން މުހާތަބު ކުރުމުގެ ސަބަބުން. ކޮންމެ ގޮތަކަށް ކަންތައް ހިނގައިގެން ދިޔަ ކަމުގައި ވިޔަސް، މައްސަލަ ހުށަހަޅަން ޖެހޭނީ އެފްއޭ އަށް. ކޯޗު ނުވަތަ ކުޅުންތެރިއަކާއި ދިމާލަށް ހުތުރު ބަހުން މުއާމަލާތު ކުރުމަކީ އެފްއޭ އިން އެދޭ ކަމެއް ނޫން." އެ އެސޯސިއޭޝަނުން ބުންޏެވެ.
ގްރޫޕް ޖީގައި ޕޯޗުގަލްއާ ދެކޮޅަށް ގާނާ ނުކުންނާނީ މިރޭ 9:00 ގައެވެ. މި ގްރޫޕްގެ އަނެއް މެޗުގައި ޖަރުމަނާ ދެކޮޅަށް އެމެރިކާ ނުކުންނާނީ ވެސް ހަމަ އެ ގަޑީގައެވެ.