ހުޅަނގު މޫސުމް ފެށޭ ދުވަސްވަރާ ދިމާކޮށް ރާއްޖޭގެ އެކި ރަށްތަކަށް އުދަ އަރަމުންދާތީ، ފުލުހުން ތިބި ހުރިހާ ރަށެއްގައި ވެސް ތައްޔާރީ ޙާލަތުގައި ފުލުހުން ތިބުމަށް ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) ހުސައިން ވަހީދާ އަންގަވާފަވައިފި އެވެ.

ސީޕީ ހުސައިން ވަހީދާ ހަވާލާދީ ފުލުހުންގެ މީޑިއާއިން ބުނީ އުދައަރާތީ ރައްޔިތުންނަށް ލިބޭ ތަކުލީފުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަތޮޅުތަކުގެ ހާލަތު "ވަގުތުން ވަގުތަށް" ފުލުހުން ބަލަމުންދާ ކަމަށެވެ. އަދި ރަށްތަކަށް އުދަ އަރަމުންދާތީ އެކަމުގައި ފުލުހުންނަށް ވެދެވެން އޮތް ހުރިހާ އެހީތެރި ކަމެއް ފޯރުކޮށްދެއްވަން ޑިވިޝަން ކޮމާންޑަރުންނަށް ސީޕީ އަންގަވާފައިވާ ކަމަށެވެ.

ފުލުހުންތިބި ހުރިހާ ރަށެއްގަ އިވެސް ތައްޔާރީ ޙާލަތުގައި ފުލުހުން ތިބުމަށާއި ފުލުހުން ނެތް ރަށެއްގައި ވެސް އެފަދަ ހާދިސާއެއް ކުރިމަތިވެއްޖެނަމަ ވީއެންމެ އަވަހަކަށް އެ ރަށަކަށް ގޮސް ޚިދުމަތް ފޯރުކޮށްދިނުމަށް ކޮމާންޑަރުން މެދުވެރިކޮށް އަންގަވާފައިވާ ކަމަށް ހުސައިން ވަހީދު ވިދާޅުވި އެވެ.

އުދައަރާ ސަރަޙައްދުތަކުން ރައްކާތެރި ސަރަޙައްދުތަކަށް މީހުން ބަދަލުކުރުމުގަ އާއި ފެން ބޮޑުވާ ސަރަޙައްދުތަކުގައި ވެލި ބަސްތާޖަހައި ރައްޔިތުންނަށް ރައްކާތެރިކަން ހޯދައި ދިނުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

"ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ޑިވިޜަން ކޮމާންޑަރުން މެދުވެރިކޮށް ރާއްޖޭގެ އެކި ސަަރަޙައްދުގެ ޙާލަތު ގާތުން ބައްލަވަމުން ގެންދަވާކަމަށާއި އެކަމާއި ގުޅިގެން ޑިވިޜަން ކޮމާންޑަރުންނަށާއި އަތޮޅު ކޮމާންޑަރުންނަށް ދެއްވަންޖެހޭ ފުރިހަމަ އިރުޝާދު ދެއްވަމުންދާކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ،" ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.