ދިރާގުން އިންތިޒާމުކޮށްގެން މިމަހުގެ ހަ ވަނަ ދުވަހު 3000 އަށްވުރެ ގިނަ ބައިވެރިންނާ އެކު ބޭއްވި ރޯޑްރޭހުގެ އެކި ކެޓަގަރީތަކުން ވަނަވަނަ އަށް ހޮވުނު ފަރާތްތަކަށް ރަސްމީކޮށް ތައްޓާއި މެޑަލް ހަވާލުކޮށްފި އެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ އިނާމުތަށް ހަވާލުކޮށްދެއްވީ މެނޭޖަރާ މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަންސް އެގްޒެކެޓިވް، މުހައްމަދު މިރުޝާން ހަސަނެވެ. އެ ރަސްމިއްޔާތުގައި ރޯޑްރޭހަށް އެކި ގޮތްގޮތުން އެހީތެރިވެ ދެއްވި ފަރާތްތަކަށް ވެސް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފައިވެ އެވެ.

ރޯޑްރޭސް މިފަހަރު ކުރިއަށް ގެންގޮސްފައި ވަނީ ޖުމްލަ ދެބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން ފަސް ކިލޯމީޓަރުގެ ބަޔަކާއި 10 ކިލޯމީޓަރުގެ ބަޔަކަށް ބަހާލައިގެން ކުރިޔަށް ގެންގޮސްފައިވާ އިރު ފަސް ކިލޯމީޓަރުގެ ބައި ވަނީ ހަތަރު ކެޓަގަރީއަކަށް ބަހާލައިފަ އެވެ.

އެގޮތުން 10 ކިލޯމީޓަރުގެ ފިރިހެން ކެޓަގަރީން ޔަގޫބު އެއްވަނަ ހޯދާފައި ވާއިރު 10 ކިލޯ މީޓަރުގެ އަންހެން ކެޓަގަރީން އެއްވަނަ ހޯދާފައިވަނީ މުއީނާ މުހައްމަދު އެވެ. ފަސް ކިލޯމީޓަރަށް ދުވި ފަރާތްތަކުގެ ތެރެއިން 45 އަހަރުން މަތީގެ އެއްވަނަ އަންހެން ބައިވެރިއަކަށް ހޮވިފައި ވަނީ ޕަޓްރިކާ ޑޮރީން ގޮމޭޒް އެވެ. އަދި އެއްވަނަ ފިރިހެން ބައިވެރިއަކަށް ހޮވިފައި ވަނީ އަބްދުﷲ މަހުރީން އެވެ.

ފަސްކިލޯމީޓަރަށް ދުވި ހުރިހާ ބައިވެރިންގެ ތެރެއިން އެއްވަނަ އަންހެން ބައިވެރިއަކަށް ހޮވިފައި ވަނީ މަރިޔަމް އަބްދުލް ކަރީމް އެވެ. އަދި ފަސް ކިލޯމީޓަރަށް ދުވި ހުރިހާ ބައިވެރިންގެ ތެރެއިން އެއްވަނަ ފިރިހެން އަންހެން ބައިވެރިއަކަށް ހޮވިފައި ވަނީ ތިމޮތީ ޖޭމްސް ސައުތާލް އެވެ.

ފަސް ކިލޯމީޓަރުގެ ބައިން ސްކޫލް ކެޓަގަރީ އަށް ބަލައިލާއިރު 13 އަހަރުން މަތީގެ އެއްވަނަ އަންހެން ބައިވެރިއަކަށް ހޮވިފައިވަނީ ފާތިމަތު ޝައިލާން އަފްޒަލް ހޮވިފައި ވާއިރު އެއްވަނަ އެއްވަނަ ފިރިހެން ބައިވެރިއަކަށް ހޮވިފައިވަނީ ޔަމާން އަބްދުލް ޖަލީލް އެވެ. އަދި 13 އަހަރުން ދަށުގެ އެންމެމޮޅު އަންހެން ބައިވެރިއަކަށް ރަބާ އިސްމާއިލް އާސިފް ހޮވިފައިވާއިރު އެއްވަނަ ފިރިހެން ބައިވެރިއަކަށް ހޮވިފައި ވަނީ އައިކް އަބްދުﷲ ރިފާއު އެވެ.