08 Jan 2011, 12:13
އައްޑޫ ސީޓީއަކަށް ހެދުމަށް ގޮވާލައި އެ އަތޮޅުގައި އަމިއްލަ ޖަމިއްޔާތަކުން މުޒާހަރާ އެއްކޮށްފި އެވެ.
ސީޓީ ކައުންސިލްގެ ދަރަޖަ އައްޑުއަށް ލިބިދޭނެ މަގުތަށް ގާނޫންތަކުން ލިބިދީފައިވާ ކަމަށާއި އައްޑޫ ސިޓީއަށް ހެދުމަށް ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް ގައުމީ ޕާޓީގެ ނައިބް ރައީސް އިމާދު ސޯލިހު ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ދެކޮޅަށް އައްޑޫގެ 11 މަދަނީ ޖަމިއްޔާއަކުން އިސްނަގައިގެން ކުރާ މުޒާހަރާ ފަށާފައި ވަނީ މިއަދު ހަވީރު 4:30 ގައި ހިތަދޫ ތައުލީމީ މަރުކަޒު ސަރަހައްދުންނެވެ.
ލޯރީ ބުރެއްގެ ގޮތުގައި ކުރުމުންދާ މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވާ އައްޑޫ ވިމެންސް ޑިވެލޮޕްމަންޓް އިނިޝިއޭޓިވް (އައުޑި) ޖަމިއްޔާގެ މެންބަރު ފާތުމަތު ހަނީފާ މިއަދު ވިދާޅުވީ 11 މަދަނީ ޖަމިއްއަކުން މުޒާހަރާގައި ބައިވެފައިވާ އިރު، އައްޑޫގެ ކުދި ބޮޑު ރައްޔިތުން ވެސް އެ މުޒާހަރާގައި ބައިވެރިވާ ކަމަށެވެ. އެތައް ސަތޭކަ ބަޔަކު ބައިވެރިވާ އެ މުޒާހަރާގައި ދިވެހި ދިދަ ހިފައިގެން ތިބި މީހުނާއި ޕޯޓަރުތައް ހިފައިގެން ތިބި މީހުން ޝުއޫރު ފާޅު ކުރަމުންދަނީ ސަރުކާރުން ސިޓީގެ ދަރަޖަ އައްޑުއަށް ދިނުމަށް ނިންނި ނިންމުން ތަންފީޒު ކަރުމަށް ކަމަށް ހަނީފާ ވިދާޅުވި އެވެ.
ސިޔާސީ ކުލައެއް ޖެހުމެއްނެތި ހިތަދޫން ފެށި މުޒާހަރާ ނިންމާލާނީ ފޭދޫއަށް ކަމަށް ހަނީފާ ވިދާޅުވި އެވެ.