26 Jun 2014, 19:18
އުރުގުއާއީގެ ހުނަރުވެރި ފޯވާޑް ލުއިސް ސުއަރޭޒް ފުޓްބޯޅައިގެ އެއްވެސް ހަރަކާތެއްގައި ހަތަރު މަސް ވަންދެން ބައިވެރި ނުވެވޭނެ ގޮތަށް ފީފާއިން އޭނާ ސަސްޕެންޑްކޮށްފި އެވެ. ހަތަރު މަހުގެ ސަސްޕެންޝަނަކާ ސުއަރޭޒް ކުރިމަތިލާން ޖެހުމުން އެނާއަށް މިފަހަރުގެ ވޯލްޑްކަޕުގައި ދެން ނުކުޅެވޭނެ އެވެ.
ކުޅުންތެރިއެއްގެ ގައިގައި ދަތް އެޅި ކަމުގެ ތުހުމަތުގައި އޭނާއާމެދު ފީފާއިން ފިޔަވަޅު އަޅާފައި ވަނީ އެ އިދާރާގެ ޑިސިޕްލިނަރީ ކޮމެޓީން ހިންގި ދެ ދުވަހުގެ ތަހުގީގަކަށް ފަހު އެވެ.
ފީފާއިން ސުއަރޭޒްގެ މައްޗަށް ކަނޑައެޅި ސަސްޕެންޝަނާއި އެކު ސުވަރޭޒް ވަނީ ނުވަ ބައިނަލްއަގްވާމީ މެޗަށްވެސް ސަސްޕެންޑްކޮށްފަ އެވެ. އެ ސަސްޕެންޝަނާއި ގަދަ 16 ގައި އަންނަ ހޮނިހިރު ދުވަހު ކޮލަމްބިއާ އާއި ދެކޮޅަށް އުރުގުއާއީ ކުޅޭ މެޗުގެ އިތުރުން، އިތުރަށް މިއަހަރުގެ މުބާރާތުގައި އުރުގުއާއީ ކުޅޭ އެއްވެސް މެޗެއް ސުއަރޭޒް އަކަށް ބައިވެރިއެއް ނުވެވޭނެ އެވެ.
މީގެ އިތުރުން، ފީފާއިން ސުއަރޭޒްގެ މައްޗަށް ކުރި ހަތަރު މަހުގެ ސަސްޕެންޝަންގައި އޭނާ އަށް އެއްވެސް ސްޓޭޑިއަމް އަކަށްވެސް ނުވަދެވޭނެ އެވެ. އަދި 111853 ޑޮލަރު ދެއްކުމަށް ފީފާއިން ވަނީ ސުއަރޭޒްގެ މައްޗަށް އަމުރުކޮށްފަ އެވެ.
ފީފާއިން ބުނީ، ސުއަރޭޒް ސަސްޕެންޑްކޮށްފައިވާކަން އޭނާ އަށާއި އުރުގުއާއީގެ ފުޓްބޯލް އެސޯސިއޭޝަނަށްވެސް މިއަދު އަންގާފައިވާ ކަމަށެވެ.
ވޯލްޑް ކަޕްގެ ގްރޫޕް ޑީ ނުވަތަ "މަރުގެ ގްރޫޕް"ގައި ކުޅުނު ފަހު މެޗުން އިޓަލީ ކަޓުވައިލުމަށް ފަހު އުރުގުއާއީ ގަދަ 16 ގެ ޖާގައެއް ކަށަވަރުކުރި މެޗުގައި އިޓަލީގެ ޑިފެންޑަރު ޖޯޖިއޯ ކިއެލިނީގެ ކޮނޑުގައި ސުއަރޭޒް ވަނީ ދަތް އަޅާފަ އެވެ. ނަމަވެސް އޭނާ ދަތްއެޅި މަންޒަރެއް ރެފްރީއަކަށް އެ މެޗުގައި ފެނިފައެއް ނުފެނެ އެވެ.
ކިއެލިނީގެ ކޮނޑުގައި ސުއަރޭޒް ދަތް އެޅިތަން އޭނާ ރެފްރީއަށް ދެއްކި ނަމަވެސް އެ ރޭގެ މެޗުގައި ރެފްރީ އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.