ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދޭ އެއް ކުންފުނި ކަމަށްވާ އުރީދޫއިން މިއަހަރުގެ ރޯމަ މަހާ ދިމާކޮށް، އަގު ބޮޑު އިނާމާއި އިނާޔަތް ލިބޭ ހާއްސަ ޕްރޮމޯޝަން ތަކެއް ފަށަން ތައްޔާރުވެއްޖެ އެވެ.

ނަސަންދުރާ ޕެލެސް ހޮޓެލްގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުރީދޫގެ ސީނިއާ ސްޕެޝިއަލިސްޓް ޕަބްލިކް ރިލޭޝަންސް މަރިޔަމް އަހްމަދު ދީދީ ވިދާޅުވީ ރޯދަ މަހަށް ހާއްސަކޮށްގެން މައިގަނޑު ފަސް ޕްރޮމޯޝަނެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުން ކޮންމެ ދުވަހަކު ހަރަދުކުރާ ކްރެޑިޓްގެ ފަސް ގުނަ އިތުރަށް ލިބޭ ޕްރޮމޯޝަަނެއް ފެށުމަށް ވަނީ ހަމަޖައްސާފަ އެވެ. އަދި އެ ޕްރޮމޯޝަންގެ ދަށުން ރީފްސައިޑުން އަގު ބޮޑެތި އިނާމްތައް ވެސް ލިބޭނެ ކަމަށް މަރިޔަމް އަހްމަދު ދީދީ ވިދާޅުވި އެވެ.

ރޯދަމަހުގެ ކޮންމެ ދުވަހަކު ހުރިހާ ކަސްޓަމަރުންނަށް ހިލޭ ޑޭޓާ ބޭސް ލިބޭ ޕޮރްމޯޝަނެއް އުރީދޫއިން މިފަހަރުގެ ރޯދަ މަހު ކުރިއަށް ގެންދާނެ އެވެ. އެގޮތުން ރޯދަ މަހުގެ ކޮންމެ ދުވަހެއްގެ ހެނދުނު 7:00 އާއި 9:00 އާ ދެމެދު މެސެޖެއްގައި ގޯ ޖަހާފައި 5500 އަށް މެސެޖް ކުރުމުން ކޮންމެ ކަސްޓަމަރަކަށް 50 އެމްބީ ލިބޭނެ ކަމަށް އުރީދޫއިން ބުންޏެވެ.

ޑޭޓާ ރީޗާޖު ކޮށްގެން އައިޕެޑެއް ލިބޭ ޕޮރްމޯޝަނަކާއި ހަފްތާ ބަންދު ދުވަސްތަކުގައި 25 ޕަސެންޓާއި ހަމައަށް ކްރެޑިޓް ލިބޭ ޕްރޮމޯޝަނެއް ވެސް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށް މަރިޔަމް ވިދާޅުވި އެވެ.

އޭގެ އިތުރުން މި ފެށޭ ރޯދަމަހު ސައުދީ އަރަބިއްޔާ އަށް 1.95 ރުފިޔާ އަށް ގުޅާލެވޭއިރު ޔޫއޭއީ، އޮމާން، ގަތަރު، ކުވޭތު، މިސްރު އަދި ބަހްރެއިނަށް 2.95 ރުފިޔާ އަށް ގުޅޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރޯދަމަހު ގެ ނަމާދު ވަގުތުތަކާއި ދީނީ މައުލޫމާތުތައް އެސްއެމްއެސް މެދުވެރިކޮށް ހިލޭ ލިބޭނެ ގޮތް ވެސް އުރީދޫއިން ވަނީ ހަމަޖައްސާފަ އެވެ.