26 Jun 2014, 18:36
ކޮންމެ ހަފްތާއަކު ކޭޝް ކާޑުން ވިޔަފާރިކޮށްގެން، އެ ހަފްތާއަކު ކުރާ ހަރަދުގެ ތިން ގުނަ އަނބުރާ ލިބޭ ރޯދަ ޕްރޮމޯޝަނެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފަށައިފި އެވެ.
ބީއެމްއެލްގެ މަޖީދީމަގު ބްރާންޗުގައި މިއަދު އޮތް ޕްރެސް ކޮންފަރެންސެއްގައި ބޭންކުގެ މާކެޓިން ޑައިރެކްޓަރު ރިއްފަތު މުހައްމަދު ވިދާޅުވީ، "ރޯދަވެދުން"ގެ ނަމުގައި ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގައި ބީއެމްއެލްގެ ކޭޝް ކާޑުން ވިޔަފާރި ކުރައްވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ތިން ފަރާތަކަށް އެ ހަފްތާގެ ތެރޭގައި ވިޔަފާރިއަށް ހޭދަކުރި ތިން ގުނަ ލިބޭނެ ކަމަށެވެ.
މިއަދުން ފެށިގެން އަންނަ މަހުގެ 30 ވަނަ ދުވަހާއި ހަމައަށް ކުރިއަށްގެންދާ އެ ޕްރޮމޯޝަނުގެ ތެރެއިން މުޅި ޕްރޮމޯޝަނުން ގުރުއަތުން ހޮވޭ ކޮންމެވެސް އެއް ފަރާތަކަށް އެއް ލައްކަ ރުފިޔާ ވެސް ލިބޭނެ އެވެ.
ރިއްފަތު ވިދާޅުވީ، ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ބީއެމްއެލްގެ ޕީއޯއެސް މެޝިނަކުން، ބީއެމްއެލްގެ ބޭނުންކުރައްވާ ފަރާތްތަކަށް ކަމަށެވެ. އަދި އިނާމު ލިބޭ މީހުން ހާމަކަން ބޮޑު ގޮތެއްގައި ބާއްވާ ގުރުއަތަކުން ހޮވާ، ގުރުއަތުން ހޮވޭ މީހާގެ އެކައުންޓަށް ފައިސާ ޖަމާކުރާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"ކުރައްވާ ކޮންމެ ވިޔަފާރިއަކީ ނަސީބުވެރިއަކަށް ވުމަށް ލިބޭ ފުރުސަތެއް. ކޮންމެ ވިޔަފާރިއެއް ވަކި އެންޓްރީއެއް ގޮތަށް ލަކީޑްރޯގައި ބައިވެރިކުރެވޭނީ. އެހެންވީމަ ގިނައިން ވިޔަފާރި ކުރައްވާ ފަރާތްތަކަށް އިނާމު ލިބުމުގެ ފުރުސަތު ބޮޑު،" ބީމީއެލްގެ އެމްޑީ ވިދާޅުވި އެވެ.