26 Jun 2014, 18:36
އިންސާނީ މުޖުތަމައުގައި އަބަދުވެސް މައްސަލަތައް ހުރެއެވެ. އިންސާނީ ތާރީހުގެ އެންމެ ކުރީކޮޅުގައި ވެސް މިކަން އޮތީ މިހެން ކަމަށް އިލްމީ ގޮތުން ކުރެވިފައި ހުރި ދިރާސާތައް ހެކި ދެއެވެ. މި މައްސަލަތައް ހައްލު ކުރުމަށް މުޖުތަމައުގެ އެކި ފަންތިތަކުގެ މީހުންގެ މެދުގައި މަޝްވަރާތައް ކުރިޔަށް ނުދާ ޒަމާނެއް ނެތެވެ. މިކަމާ މެދު ފަލްސަފާވެރީންނާއި މުފައްކިރުން ތަފާތު ނަޒަރިއްޔާތައް ހުށަހަޅުއްވައެވެ. އެހެންނަމަވެސް މިއިން އެއްވެސް "ފޯމިއުލާ" އަކީ ހުރިހާ ޒަމާނަކަށް، ހުރިހާ ވަގުތަކަށް، ހުރިހާ ހާލަތަކަށް އެންމެ މުނާސަބު ހައްލެއް ނޫނެވެ.
އިންސާނީ މުޖުތަމައުގައި ދިމާވާ މައްސަލަތަކަށް އެންމެ ފުރިހަމަ ހައްލެއް ލިބޭން އޮތީ އިލާހީ އިރުޝާދުތަކުގެ އެހީގައި ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ހުރިހާ ވަގުތަކަށް، ހުރިހާ ޒަމާނަކަށް ވެސް މުނާސަބު މި އިރުޝާދުތައް ފޯރު ކޮށްދެއްވުމަށް ވަޑައިގަތް މާތް ނަބިއްޔާގެ މުޅި ހަޔާތްޕުޅަކީ އިލާހީ އިރުޝާދުތަކުގެ މަތީގައި ބިނާ ކުރެވިފައިވާ ހަޔާތްޕުޅެކެވެ. އެހެންކަމުން އެ މާތް ނަބިއްޔާގެ ސީރަތު ވެފައިވަނީ ކޮންމެހެން ވެސް ދިރާސާކޮށް އެއިން އިބްރަތް ލިބިގަންނާން ޖެހޭ މަތިވެރި ދަރުސްތަކަކަށެވެ.
އިސްލާމްދީނުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުނިޔެއަށް ވަޑައިގަތީ ދުނިޔެ އިސްލާހު ކުރެއްވުމުގެ މިޝަނަކާ އެކީއެވެ. ދޭދޭ މީހުންނާއި ދޭދޭ މުޖުތަމައުތަކުގެ މެދުގައި ހުރި މައްސަލަތަކާއި އުފެދޭ މައްސަލަތަކުގެ ހައްލާ އެކީގައެވެ. މި މިޝަން ކުރިޔަށް ގެންދެވުނު ގޮތް ފެންނާން އޮތީ އެކަލޭގެފާނުގެ މަތިވެރި ސީރަތުންނެވެ.
ނަބަވީ ސީރަތުގެ އަލީގައި މި ޒަމާނުގެ މައްސަލަތަކަށް އަލި އަޅުވައިލެވިފައިވާ ފޮތަކަށް ބޭނުންވެފައި ވަނިކޮށް، އަލްއަޚް ޢަބްދުﷲ ފާރޫޤު ޙަސަން ލިޔުއްވި، "ނަބަވީ ސީރަތާއި މިޒަމާނުގެ މައްސަލަތައް" މި ފޮތަކީ މުޖުތަމައުގެ ކޮންމެ ފަރުދަކު ވެސް އެފޮތުން ފައިދާ ހާސިލު ކުރާން ޖެހޭ ފޮތެއްކަން ކަށަވަރެވެ.
މި ފޮތަކީ، ކައު އިތުރު މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަޔާތްޕުޅުން ދުނިޔެއަށް އުނގަންނައިދެއްވި ނަމޫނާ ތައުލީމުގެ ދަރުސްތަކުގެ އެހީގައި މައްސަލަތައް ހައްލު ކުރާނެ ގޮތާ މެދު ބަހުސް ކުރެވިފައިވާ ފޮތެއް ކަމުން މި ފޮތުގައި ހުށަހަޅުއްވާފައިވާ ނަމޫނާ ނުވަތަ "ފޯމިއުލާއާ" މެދު ޝައްކު ކުރުމުގެ އެއްވެސް ޖާގައެއް ނެތެވެ. އެހެނީ މި ފޮތުގައި ބަޔާން ކުރައްވާފައި ވާ ފަދައިން އިންސާނީ ޙަޔާތުގެ ކޮންމެ ކަމަކާ ބެހޭ ގޮތުން ނަމޫނާއަކަށް ބަލާނެ މިސާލެއް ހޯދާން ބޭނުން ވިޔަސް ބަލައިލާން ޖެހޭނީ ކީރިތި މާތް ނަބިއްޔާގެ މަތިވެރި ޝަޚްޞިއްޔަތާ ދިމާޔަށެވެ. ދުނިޔޭގެ ކޮންމެ މައްސަލައެއްގެ ވިޔަސް، ހައްލު ހޯދާނެ ގޮތަކާ މެދު އެހީއެއް ބޭނުންވާ ކޮންމެ ފަހަރަކު އުކައިލާން ޖެހެނީ އެމަތިވެރި ޝަހުސިއްޔަތުގެ ހަޔާތްޕުޅުގެ ސަފްހާތަކެވެ. ހުރިހާ އިންސާނުން ކީރިތި މާތް ނަބިއްޔާގެ ސީރަތުން އިބްރަތް ހޯދައިގެން "އެ މާތް ނަބިއްޔާ ދެއްވި ތައުލީމަށް އަމަލުކޮށްފި ނަމަ، ދުނިޔޭގެ ހަމަނުޖެހުންތަކާއި އަރައިރުންތަކާއި ނުފުދުމުގެ ހައްލެއް ކަމަށް ވާނެއެވެ."
މި ފޮތުގައި ގެންނަވައިފައިވާ ފަދައިން "ދުނިޔޭގެ ލީޑަރޝިޕް ހޯދުމަށް ހުޅަނގުގެ ތަހުޒީބާ ވާދަ ކުރެވޭނެ އޮތީ އެންމެ ތަހުޒީބެކެވެ. އެއީ އިސްލާމްދީނެވެ. އެހެންކަމުން އެ ތަހުޒީބާއި ހުޅަނގުގެ ތަހުޒީބާ ދެމެދު ކުރިމަތިލުމެއް ހިނގުމަކީ ނުވެ ނުދާނެކަމެކެވެ. އެހެނީ އިސްލާމް ދީނަކީ އައިޑިޔާއެކެވެ. މި އަދުގެ ދުނިޔޭގައި ހުޅަނގާ ވާދަ ކުރެވިދާނެ ބާރެކެވެ. އެ ދީނުގައި ޙައްޤު އެބަ އޮތެވެ." މި ހުރިހާ ކަމެއް ފުރިހަމައަށް ފެންނާނީ ނަބަވީ ސީރަތު ދިރާސާ ކޮށްގެންނެވެ.
މި ފޮތުގެ އެންމެ ފުރަތަމަ ސުރުހީގެ ދަށުން ބަހުސް ކުރައްވައިފައި ވަނީ އިތުރު މާތް ނަބިއްޔާގެ މަތިވެރި ޝަހުސިއްޔަތަކީ އިންސާނީ ތާރީހުގެ އެންމެ އަރައި ހުންނެވި ޝަހުސިއްޔަތުކަމުގެ ހަގީގަތާ މެދުގައެވެ. އެ ޝަހުސިއްޔަތާ މެދު ދިރާސާ ކުރެއްވި މުސްލިމު މުހައްލިލުންނާއި މުފައްކިރުން ހުށަހަޅުއްވައިފައި ވާ ނުގުތާތަކާއި ޣައިރު މުސްލިމު މުހައްލިލުންނާއި މުފައްކިރުން ވެވަޑައިގެންފައި ވާ އިއުތިރާފެވެ. މި ފޮތުގައި އެ މާތް ނަބިއްޔާ ދެއްކެވި ނަމޫނާ އާއި، އިސްލާމީ ތަހުޒީބުގެ ނާރެހުގެ މައްޗަށް އަލި އަޅުވައިލައްވައިފައި ވަނީ ވަރަށް ވެސް ފުރިހަމައަށެވެ. އަދި ނަބަވީ އިރުޝާދުގެ އަލީގައި މިޒަމާނުގެ ފިކުރީ ގޮންޖެހުންތަކާ ކުރިމަތިލާނެ ގޮތް ވަރަށް ތަފްސީލުކޮށް، ބައިބަޔަށް ބައްސަވައިގެން ގެންނަވައިފައި ވެއެވެ. އިންސާނިއްޔަތަށް ކުރިމަތި ވެފައި ވާ މައްސަލަތަކުގެ ހައްލު ހޯދުމުގައި ނަބަވީ ސީރަތުން ނަމޫނާ ހޯދާން ޖެހެނީ ކީއްވެގެން ކަމާއި، ހަމައެކަނި އޮތް ހައްލަކީ އެއީ ކަން ހެކި ދައްކަވައިގެން ސާބިތު ކުރައްވައިފައިވެއެވެ.
އާއިލީ ތަރުބިއްޔަތުގެ މައިދާނާއި އިގުތިސާދީ މައްސަލަތަކާއި، އަސްކަރީ މައިދާނާއި، ޒުވާނުންނާއި ކުޑަކުދީންގެ މައްސަލަތަކާއި، އަންހެނުންނާ ގުޅޭގޮތުން ހުރި މަސްލަހަތުތައް ފަދަ މުހިންމު މައުޟޫޢުތަކުގެ މައްޗަށް ބައްލަވައިލައްވައިފައި ވެއެވެ. މި ހުރިހައި މައުލޫމާތެއް ވެސް ގެންނަވައިފައި ވަނީ ކިޔުންތެރީންނަށް ފަސޭހަ ވާނޭހެން އަރިމަތީ ސުރުހީތަކެއްގެ ދަށުގައެވެ.
މީލާދީ ސަނަތުން 2013 ވަނަ އަހަރުގެ ތެރޭގައި ޝާއިޢުވެގެން ނުކުތް، 387 ސަފުހާގެ މި މުހިންމު އިލްމީ ފޮތަކީ އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހެއްގެ ފޮތް އަލަމާރީގައި ވެސް، ކޮންމެހެން އޮންނާން ޖެހޭ ފޮތެކެވެ.
އަލްއަޚް ޢަބްދުﷲ ފާރޫޤު ޙަސަން ލިޔުއްވައިފައި ވާ "ނަބަވީ ސީރަތާއި މިޒަމާނުގެ މައްސަލަތައް" މި ފޮތުގެ މުހިންމުކަމާއި މި ފޮތުން ލިބިދޭ ފިލާވަޅުތަކުގެ ބޭނުންތެރިކަން ފުރިހަމައަށް ކަށަވަރު ކުރެވޭނީ މި ފޮތް މުތާލިއާ ކުރި މީހަކަށެވެ. މި ޒަމާނުގައި މުޖުތަމައަށް ކުރިމަތި ވަމުންދާ މައްސަލަތައް ހައްލު ކުރުމުގައި ކަންތައް ކުރާނެ ގޮތުގެ އިރުޝާދު އިލްމީ ގޮތުން އެކަށޭނަ އުސްލޫބަކުން ދެވިފައި ވާ ފޮތަކަށް މިހާތަނަށް ދިވެހިބަހުން ލިޔެވުނު އެންމެ ރަނގަޅު ފޮތަކީ "ނަބަވީ ސީރަތާއި މިޒަމާނުގެ މައްސަލަތައް" މި ފޮތެވެ. މީގެ ކުރީން އަލްއަޚް ޢަބްދުﷲ ފާރޫޤު ޙަސަން ލިޔުއްވާފައިވާ ފޮތްތަކެކޭ އެއްފަދައިން، މި ފޮތުގެ ޢިބާރާތްތަކަކީ ވެސް ދިވެހި ބަހުގެ ރީތިކަމާއި ފަށުވިކަން ދައްކައިދޭ ޢިބާރާތްތަކެއްކަން ފާހަގަ ކޮށްލާން ޖެހެއެވެ. އެހެންކަމުން މިއީ ދިވެހި ބަހަށް އަހުލުވެރިވުމުގެ ގޮތުން ވެސް ކޮންމެހެން ކިޔައިލާން ޖެހޭ އަދަބީ ވެސް ފޮތެކެވެ.