މާދަމާ (27 ޖޫން 2014، ހުކުރު ދުވަސް) އަކީ 1435 ވަނަ އަހަރުގެޝައުބާން މަހުގެ 29 ވަނަދުވަހެވެ. ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި މާދަމާގެ އިރު ރާއްޖެއަށް އޮއްސޭއިރު،ހަނދު ފެންމަތީގައި ހުންނާނެ އެވެ.

ފަލަކީ ހިސާބުތަކުން ދައްކާގޮތުގައި، މާދަމާ މާލެއަށް ހަނދު އޮއްސޭނީ އިރުއޮއްސުމުގެ 3.7 މިނެޓު ފަހުންނެވެ. ރާއްޖޭގެ އެންމެ އުތުރަށް ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 2.5 މިނެޓު ފަހުންނެވެ. ރާއްޖޭގެ އެންމެ ދެކުނަށް ހަނދު އޮއްސޭނީ އިރުއޮއްސުމުގެ 5.4 މިނެޓު ފަހުންނެވެ. މާތްވެގެންވާ މައްކާއަށް ހަނދު އޮއްސޭނީ އިރުއޮއްސުމުގެ 1 މިނެޓު ފަހުންނެވެ. އަދި ސަޢޫދީޢަރަބިއްޔާގެ ޖިއްދާއަށް ހަނދު އޮއްސޭނީ އިރުއޮއްސުމުގެ 1.2 މިނެޓު ފަހުންނެވެ. އިންޑޮނޭޝިޔާގެ ޖަކާޓާއަށްހަނދުއޮއްސޭނީއިރުއޮއްސުމުގެ2.7މިނެޓުފަހުންނެވެ.

އިރުއޮއްސޭއިރު ހަނދުފެން މަތީގައި ހުރުމުގެ މާނައަކީ ހަނދު ފެނުމުގެ ފުރުސަތު އޮތުން ކަމަށް ބެލެވޭތީ، މިއުސޫލުން ބަލާއިރު، މާދަމާރޭ ރަމަޟާންމަހުގެ ހަނދު ފެނުމުގެ ފުރުސަތު އޮތް ކަމަށް ފަލަކީ ހިސާބުތަކުން ދައްކައެވެ.
ދިވެހިރާއްޖެ އާއި އަދިވެސް ގިނަ އިސްލާމީ ގައުމުތަކުގައި ހަނދުމަސް ފެށިއްޖެ ކަމުގައި ބަލަނީ، ހިނގަމުންދާ ހަނދުމަ ހެއްގެ 29 ވަނަ ދުވަހު އިރުއޮއްސުމަށް ފަހު،ހަނދު ފެންމަތީގައި ހުރެ، ލޮލަށް ހަނދު ފެނިއްޖެކަން ސާބިތުވުމުންނެވެ. ނުވަތަ ހިނގަމުންދާ މަހެއްގެ 30 ދުވަސް ހަމަކޮށް އެދުވަހުގެ އިރު އޮއްސުމުންނެވެ. އަދި ހަމަ އެހެންމެ އިތުބާރު ހުރި ފަލަކީ ހިސާބަށް ބަލާއިރު، ހަނދު ނުފެންނާނެ ކަމަށް ދައްކާ ނަމަ ދެންވެސް އޮތީ ހިނގަމުންދާ މަހުގެ 30 ދުވަސް ހަމަކުރުމެވެ.

ހަމަލޮލަށް ހަނދު ފެނުން ބިނާވެފައިވަނީ އިރު އޮއްސޭ ވަގުތު ހަނދު ފެންމަތީގައި ހުރުމާ އެކު، ހަނދު ހުންނަ އުސްމިނަށާއި އިރާއި ހަނދާ ދެމެދުގައިވާ ދުރުމިނަށާއި އުޑުމަތި ސާފުވުން ފަދަ ބައެއް ސަބަބު ތަކުގެ މައްޗަށެވެ. އެހެންކަމުން ހަގީގަތުގައި ހަނދު ފެންނާން ހުންނާނެ ދުވަހެއްގައި ވެސް އުޑުމަތި ބަނަވުމުގެ ސަބަބުން ހަނދު ނުފެނިދާނެ އެވެ.

މިސަބަބުތަކާ ހުރެ ހަމަލޮލުން ހަނދު ބެލުމަށްވުރެ ޔަގީންކަން ބޮޑީ ފަލަކީ ހިސާބުތައް ކަމަށް ގިނަ ޢިލްމުވެރީން ވިދާޅުވެ އެވެ. ކޭތަނަމާދު ފަދަ އަޅުކަންތަކުގެ ވަގުތު ވެސް ކަނޑައަޅައި، ކޭތަހިފުމުގެ އެތައް ދުވަހެއް ކުރިން ބަލައި ކަށަވަރުކުރަނީ ފަލަކީ ހިސާބުން ބަލައިގެން ކަމަށްވާ ހިނދު، ހަނދުގެ މައްސަލައިގައި ވެސް ފަލަކީ ހިސާބަށް ބުރަވުމަށް ވަރަށް ގިނަ ޢިލްމުވެރީން އިރުޝާދުދެއްވަ އެވެ.

އެހެންނަމަވެސް މުސްލިމުންގެ ޙަރަމްފުޅުތައް އެބިމެއްގައި ހުރި ސަޢުދީޢަރަބިއްޔާގައި ހަނދުބެލުމުގައި ބޮޑަށް އިސްކަންދެނީ ހަމަލޮލުން ފެނުމަށެވެ. ހަމަލޮލަށް ހަނދު ނުފެންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކާނަމަ ހަނދު ބަލާން ދިއުމެއް ސަޢުދީޢަރަބިއްޔާގައި ވެސް ނޯވެއެވެ.

ހަމަލޮލުން ހަނދު ބެލުމުގެ އިތުރުން ފަލަކީ ހިސާބުތަކުން ހަނދު ސާބިތުކުރުމުގެ އުސޫލެއް ވެސް ސަޢުދީޢަރަބިއްޔާއިން ކަނޑައަޅައިފައި ވެއެވެ. މިގޮތުން އެޤައުމުގައި އަމަލުކުރާ ގޮތަކީ، އިރުއޮއްސުމުގެ ކުރީން މާރަހަވެފައި (އިޤްތިރާންވެފައި)، އިރުއޮއްސުމުގެ ފަހުން ހަނދު އޮއްސޭނަމަ، އައުމަސް ފެށުނީ ކަމަށް ބެލުމެވެ. ދުނިޔެއާއި އިރާއި ހަނދު އެއްރޮނގަކަށް އައިސް މާރަހަ ވާނީ (ނުވަތަ އިޤްތިރާން ވާނީ)، ޖޫން 27 ވާ ހުކުރު ދުވަހު (މާދަމާ) ރާއްޖޭ ގަޑިން (މެންދުރު ފަހު) 13:08 ގައެވެ. މައްކާ ގަޑިން މާދަމާ ހެނދުނު 11:08 ގައެވެ. މައްކާއަށް އިރުއޮއްސޭނީ މައްކާ ގަޑިން 19:07 ގައެވެ. ހަނދު އޮއްސޭނީ އިރުއޮއްސުމުގެ 1 މިނެޓު ފަހުން، 19:08 ގައެވެ.

މާރަހަ ވަނީ މައްކާއަށް އިރުއޮއްސުމުގެ ކުރީން ކަމަށް ވެފައި، އިރު އޮއްސުމުގެ ފަހުން ހަނދުއޮއްސޭތީ، ސަޢުދީ ޢަރަބިއްޔާގައި ހަނދުމަސް ފެށުމުގައި ޢަމަލުކުރާ އުސޫލުން ބަލާއިރު، 28 ޖޫން 2014 ވާ ހޮނިހިރު ދުވަހަކީ މިއަހަރުގެ މުލަރޯދަ ދުވަހެވެ.

ލީބިޔާ އާއި ތުރުކީ ފަދަ ބައެއް ގައުމުތަކުގައި ހަނދުމަސް ފެށުމުގައި އަމަލުކުރާ އުސޫލަށް ބަލާއިރު، އިރާއި ހަނދާއި ބިން އެއް މިސްރާބަކަށް އައިސް މާރަހަ (އިގްތިރާން) ވުމަށްފަހު، ދެން އިރުއަރާނީ ހަނދުމަހުގެ ފުރަތަމަ ދުވަހަށެވެ. މިގޮތުން ބަލާއިރު ދުނިޔެ އާއި އިރާއި ހަނދު އެއްރޮނގަކަށް އައިސް މާރަހަވާނީ، ޖޫން27 ވާ ހުކުރު ދުވަހު (މާދަމާ) ރާއްޖޭ ގަޑިން މެންދުރުފަހު 13:08 ގައެވެ. އެހެންވީމާ މާރަހަ ވުމަށް ފަހު ދެންއަންނަ ދުވަހަކީ 28 ޖޫން ވާ ހޮނިހިރު ދުވަހެވެ.

ސަޢުދީޢަރަބިއްޔާގައި އަމަލުކުރާ އުސޫލުން ބެއްޔަސް، އަދި ލީބިޔާ އާއި ތުރުކީ ފަދަ ބައެއް ގައުމުތަކުގައި އަމަލުކުރާ އުސޫލުން ބެއްޔަސް މާދަމާ އަކީ މިއަހަރުގެ ޝައުބާންމަހުގެ އެންމެ ފަހު ދުވަހެވެ. އަދި 28 ޖޫން 2014 ވާ ހޮނިހިރު ދުވަހަކީ 1435 ވަނަ އަހަރުގެ މުލަރޯދަ ދުވަހެވެ.

އުތުރު އެމެރިކާގެ ފިޤުހު ކައުންސިލުން ވެސް ވަނީ މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ ޖޫން މަހުގެ 28 ވާ ހޮނިހިރު ދުވަސް ކަމަށް އިއުލާންކޮށްފަ އެވެ.

ސައޫދީއަރަބިއްޔާގެ ރަސްމީ ކަލަންޑަރު ކަމުގައިވާ އުއްމުލް ޤުރާ ކަލަންޑަރުގައި ވެސް ރަމަޟާންމަހުގެ ފުރަތަމަ ދުވަހުގެ ގޮތުގައި ފާހަގަކޮށްފައިވަނީ ޖޫން މަހުގެ 28 ވާ ހޮނިހިރު ދުވަހެވެ.

"މައްކާކަލަންޑަރު" ގެ ނަމުގައި ސައޫދީއަރަބިއްޔާގައި ގެންގުޅޭ ރަސްމީނޫން ކަލަންޑަރުގައި ސައޫދީއަރަބިއްޔާ އަށް ރޯދަމަހުގެ ފުރަތަމަ ދުވަސް ވާނެ ކަމަށް ފާހަގަކޮށްފައި ވަނީ ޖޫން މަހުގެ 29 ވާ އާދީއްތަ ދުވަހެވެ. "މައްކާކަލަންޑަރު" ގެ ވެބްސައިޓުގައި ބައެއް ޤައުމު ތަކަށް މުލަރޯދަ ދުވަސް ވާނީ ޖޫން މަހުގެ 29 ވާ އާދީއްތަ ދުވަހު ކަމަށް ލިޔެފައިވާ އިރު، ބައެއް ޤައުމު ތަކަށް ރޯދަމަހުގެ ފުރަތަމަ ދުވަސް ވާނީ ޖޫން މަހުގެ 28 ވާ ހޮނިހިރު ދުވަހު ކަމަށް ލިޔެފައިވެ އެވެ.

"މައްކާކަލަންޑަރު" ގެ ނަމުގައި ގެންގުޅޭ ކަލަންޑަރުގައި އެކި ގައުމު ތަކަށް މަސް ފެށޭ ދުވަސް ތަފާތުކޮށް ބަޔާން ކުރާތީ، އެއީ އިސްލާމީ އެއްބައިވަންތަކަމުގެ ރޫޙާ ޚިލާފު ކަލަންޑަރެއް ކަމަށް ބުނެ ބައެއް ގައުމުތަކުން އެކަލަންޑަރު ބަލައެއްނުގަނެ އެވެ.

ޖޫން މަހުގެ 28 ވަނަ ދުވަހަކީ ރަމަޟާންމަހުގެ 1 ވަނަ ދުވަސް ކަމުގައި ބެލުމުގައި ޝަރުޢީ މައްސަލައެއް ނެތް ކަމަށް ފިޤުހު ޢިލްމުވެރީން ފަތުވާ ދެއްވައެވެ. އެހެނީ، އިތުބާރު ހުރި ފަލަކީ ހިސާބުން ދައްކާ ގޮތުގައި، އެދުވަހު އިރު އޮއްސުމުގެ މާކުރިން ރަމަޟާންމަހުގެ ހަނދު އުފަންވެ އެވެ.

އެދުވަހުގެ އިރު އޮއްސުމުގެ 1 މިނެޓާއި 12 މިނެޓާ ދޭތެރޭގައި ގިނަ ޤައުމުތަކަށް ހަނދު އޮއްސޭތީ އެއިން އެއްވެސް ތަނަކަށް އެރޭ އިރުއޮއްސުމަށް ފަހު ހަމަލޮލަށް ވެސް އަދި ދުރުމިއެއް ފަދަ އެއްޗެއްގެ ބޭނުންކޮށްގެން ވެސް ހަނދު ފެނުމުގެ ފުރުޞަތު ވަރަށް ކުޑަވާނެ އެވެ.

އެހެންނަމަވެސް އެދުވަހު ހަނދު އޮއްސޭނީ އިރު އޮއްސުމުގެ ކިތަންމެ ކުޑައިރުކޮޅެއް ފަހުން ނަމަވެސް، އެއީ އާމަހެއްގެ ހަނދުކަން ޔަޤީންވާތީ އެރެއަކީ ރަމަޟާންމަހުގެ 1 ވަނަ ރޭ ކަމަށް ބެލުމަކީ ޝަރުޢީ ގޮތުން ހަމައެންމެ ރަނގަޅު ކަމެއް ކަމަށް ޢިލްމުވެރީން ވިދާޅުވެ އެވެ.

ފަލަކީ ހިސާބަށް ބުރަވާ ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ލޮލަށް ފެނުނަސް ނުފެނުނަސް ހަނދު އޭގެ ޠަބީޢަތާ އެއްގޮތަށް ދައުރުވަމުން ދާނެއެވެ.

އިސްލާމީ ޝަރީޢަތަކީ ﷲގެ ޙަޟުރަތުން އައި އެއްޗަކަށްވާ ފަދައިން، ހަނދު އަރައި އޮސްފުހުމުގެ ހަމަތަކާއި ވަގުތުތައް ވެސް އައީ ﷲގެ ޙަޟުރަތުން ކަމަށް ވާތީ ހަމަލޮލުން ނުފެނުނަސް ފަލަކީ ހިސާބުން ސާބިތުވުމުން ހަނދު މަސް ފެށޭނެއެވެ.

އިސްލާމީ އެކި ޤައުމު ތަކުގައި ހަނދުމަސް ފެށުމުގައި ޢަމަލުކުރާ ގޮތް ތަފާތު ވާތީ، ހޮނިހިރު ދުވަހު ރޯދަމަސް ފަށާ ޤައުމެއްގައި ހުރެ ޖޫންމަހުގެ 28 ވަނަ ދުވަހު ރޯދަ ހިފަން ފަށާފައި ޖޫންމަހުގެ 29 ވަނަ ދުވަހު ރޯދަމަސް ފަށާ ޤައުމަކަށް ގޮސް ތިބި މީހުން ހަދާނެ ގޮތާ މެދު ޢިލްމުވެރީން ވިދާޅުވަނީ ހިޖްރީ އެއްވެސް މަހެއްގައި 30 ދުވަހަށް ވުރެ ގިނަ ދުވަހެއް ނޯންނާނެތީ، ރަމަޟާންމަހުގެ 30 ދުވަހު ރޯދަ ހިފުމަށް ފަހު، ކޮންމެ ތަނެއްގައި ހުރިނަމަވެސް، އިތުރު ދުވަހަކު ރޯދަ ހިފާކަށް ނުޖެހޭނެ ކަމަށެވެ.