ސްރީލަންކާއިން ރާއްޖެ ވަޑައިގެން އުޅުއްވާ ބިޒްނަސް ޑެލިގޭޝަންގެ ބޭފުޅުންނަށް ރާއްޖޭގައި ހުރި އިންވެސްޓްމަންޓުތަކުގެ މައުލޫމާތު ދިނުމުގެ ގޮތުން "އިންފޮމޭޝަން އެންޑް ބިޒްނެސް ނެޓްވޯކިން" ޝެޝަން އެއް ބާއްވައިފި އެވެ.

މިއަދު މެންދުރު ޓްރޭޑާސް ހޮޓެލްގައި ބޭއްވި އެ ޝެޝަންގައި ރާއްޖޭގެ އެކިއެކި ކުންފުނިތަކުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ލަންކާގެ ބިޒްނަސް ޑެލިގޭޝަންގެ އިސްފަރާތްތަކުން ބައިވެރިވި އެވެ.

އެ ސެޝަން ފެށުމުގެ ގޮތުން ވާހަކަ ދައްކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އެ ސެޝަން ބޭއްވުމުގެ ބޭނުމަކީ ލަންކާގެ އިންވެސްޓަރުންނާއި ޕްރައިވެޓް ސެކްޓާއާއި ދެމެދު ރަނގަޅު ގުޅުމެއް ބޭއްވުން ކަމަށެވެ. މިނިސްޓާ ސައީދުގެ ވާހަކަފުޅުގައި ވަނީ ލަންކާގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓް ކުރުމުގެ ފުރުސަތު އޮތްކަން ފާހަގަ ކޮށްފަ އެވެ.

މިނިސްޓާ ސައީދުގެ ވާހަކަފުޅުގައި އިގްތިސާދީ ހާއްސަ ސަރަހައްދުތަކެއް ރާއްޖޭގައި ކަނޑައެޅުމުގެ ބިލް މަޖިލީހަށް ވައްދާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ވަރަށް އަވަހަށް ފޮރިން އިންވެސްޓްމަންޓް ބިލް މަޖިލީހަށް ހުށައަޅާނެ ކަމަށް މިނިސްޓާ ވިދާޅުވިއެވެ.

ލަންކާއަކީ ސައުޓް އޭޝިއާގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނި ކަމަށާއި ލަންކާއިން ރާއްޖެއަށް ގިނަ އަދަދެއްގެ ތަކެތި އިންޕޯޓް ކުރާ ކަން މިނިސްޓަރު ސައީދުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. އަދި ލަންކާގެ ގިނަ އިންވެސްޓަރުންތަކެއް ރާއްޖޭގައި އިންވެސްޓް ކުރާކަން މިނިސްޓަރު ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

މިއަދު ބޭއްވި އެސެޝަންގައި ވަނީ ރާއްޖޭގައި ހުރި އިންވެސްޓް މަންޓްތަކާއި ގުޅުން ހުރި ވީޑިއޯ ޕުރެޒެންޓޭޝަން ތަކާއި ލަންކާގައި ހުރި ފުރުސަތު ތަކާއި ގުޅޭ ޕުރެޒެންޓޭޝަންތައް ހުށައަޅާފަ އެވެ.