ދިވެހިރާއްޖެއަށް ތަފާތު އެކި ދާއިރާތަކުން އެހީތެރިވެ ދިނުމަށް އަވަށްޓެއި ސްރީލަންކާ ތައްޔާރަށް އޮތް ކަމަށް ލަންކާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖީއެލް ޕީރިސް މިއަދު ވިދާޅުވެއްޖެ އެވެ.

ލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ، ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ބޭއްވި ރަސްމީ ވާހަކަތަކާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ކުރުނބާ މޯލްޑިސްގައި ރިސޯޓުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީރިސް ވިދާޅުވީ، ރާޖަޕަކްސަގެ ދަތުރުފުޅުގެ ސަބަބުން ލަންކާއާ ރާއްޖެއާ ދެ ގައުމުގެ ދެމެދުގައި ވާ ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށާއި ރާއްޖޭގެ ތަރައްގީއަށް އެކިއެކި ދާއިރާތަކުން އެހީތެރިވެ ދިނުމަށް ލަންކާއިން ތައްޔާރަށް އޮތް ކަމަށެވެ.

"ސްރީލަންކާގެ ގިނަ އަދަދެއްގެ ވިޔަފާރިވެރިން ދަނީ ރާއްޖޭގައި އިންވެސްޓްކުރަމުން. ހާއްސަކޮށް ރާއްޖޭގެ ޓޫރިޒިމް އިންފްރާސްޓަރްޗާ ބިނާކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުން ދަނީ،" ޕީރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސަލާމަތީ ކަންކަމުގައި ވެސް ދެ ގައުމުގެ ގުޅުން ވަރަށް ހަރުދަނާ ކަމަށާއި އެގޮތުން މިފަހަރު ވެސް ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވިފައި ވާ ކަމަށެވެ.

"ރައީސް މަހިންދަ ރާޖަޕަކްސާ އާއި ރާއްޖޭގެ ޑިފެންސް މިނިސްޓަރާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތައްވެސް ދިޔައީ ވަރަށް ކާމިޔާބުކޮށް. އޭގެ ތެރޭގައި ކުރިން ގާއިމްކުރެވިފައިވާ ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމާއި، އިތުރު ކަންކަމުގައި އެހިތެރިވެ ދިނުމާއި ގުޅުން ބަދަހިކުރުން ހިމެނޭ،" ޕީރިސް ވިދާޅުވި އެވެ.

މަސްވެރިކަމުގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އެއްބާރުލުން ދިނުމާއި، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އާދަކާދައާ ސަގާފަތް ދިރުވުމުގެ ގޮތުން ވެސް މަޝްވަރާތައްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ، ލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަން ކުރިން ހިންގި އިމާރާތް ކަމަށްވާ ސޯސަން ވިލާ އިތުރަށް ތައްރައްގީ ކުރުމަށް ވެސް ދިވެހި ސަރުކާރާ ގުޅިގެން އެ ގައުމުގެ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

ޕީރިސް ވިދާޅުވީ، ރާއްޖޭގެ ދަރިވަރުންނަށް ލަންކާގައި މަތީތައުލީމު ހާސިލްކުރުމަށް ސްކޮލަޝިޕްތައް ހޯދައިދިނުމާއި ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ކުރު މުއްދަތުގެ ޕްލޭނެއްގެ ދަށުން ރާއްޖެއަށް ޑޮކްޓަރުން ފޮނުވައި ދިނުމާއި، ރާއްޖޭގެ ޑޮކްޓަރުންނަށް ލަންކާގައި ތަމްރީނު ދިނުމަށް އެހީތެރިވުމަށް ވެސް އެ ގައުމުގެ ސަރުކާރުން ތައްޔާރަށް އޮތް ކަމަށެވެ.

އަދި ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް، ކުރު މުއްދަތުގެ ޕްލޭނެއްގެ ދަށުން ރާއްޖެއަށް ޑޮކްޓަރުން ފޮނުވުމަށާއި ދިގު މުއްދަތުގެ ހައްލެއްގެ ގޮތުން ދިވެހި ޑޮކްޓަރުންނަށް ލަންކާގައި ތަމްރީނު ދިނުމަށް ތައްޔާރަށް އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ލަންކާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ވިދާޅުވީ، ރާއްޖެ އާއި ލަންކާއިން ބޭނުންވާ ތަފާތު މައްސަކަތަކުގައި މަޝްވަރާތައް އިތުރަށް ކުރިއަށް ގެންދިއުމަށް ދެ ގައުމުގެ ދެމެދުގައި އުފައްދާފައިވާ ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުންތައް މިއަހަރުގެ ފަހުކޮޅުގައި ބޭއްވުމަށް ހަމަޖެހިފައި ވާ ކަމަށެވެ.