26 Jun 2014, 16:52
ވޯލްޑްކަޕާ ދިމާކޮށް މީޑިއާ ނެޓުން ބްރޯޑްކާސްޓް ކުރަން ފެށި "އައިސް ޓީވީ" ހިންގި "ޗެނަލް ނަމްބަރު 100" އިން ބްރޯޑްކާސްޓް ކުރުން ވަގުތުން ހުއްޓާލަން ބްރޯޑްކާސްޓިން ކޮމިޝަނުން މީޑިއާނެޓަށް އަންގައިފި އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މީޑިއާނެޓެގެ "ޗެނަލް ނަމްބަރު 100"އިން ބްރޯޑްކާސްޓް ކުރުން ހުއްޓާލަން ޖެހެނީ "ޗެނެލް 100" ނުވަތަ "ޗެނެލް+100"އަކީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސްދީފައިވާނުވާ ބަޔަކަށްވާތީ އެވެ.
މީޑިއާގެ ނެޓުގެ ޗެނަލް ނަމްބަރު 100 އަކީ ކުރިން އައިސް ޓީވީ ހިންގި ޗެނަލް ނަމްބަރެވެ. އެ ޗެނަލް ނަމްބަރުން ވޯލްޑްކަޕްގެ މެޗުތައް ވަގުތުން ދައްކަމުން ދިޔައީ އެޗްޑީކޮށެވެ. ނަމަވެސް އެ ޗެނަލުން ފަހުން ވަނީ ވޯލްޑްކަޕް ވެސް ދެއްކުން ހުއްޓާލައި، ބްރޯޑްކާސްޓިން ވެސް ހުއްޓާލާފަ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ ބަޔާނުގައި ބުނެފައި ވަނީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 18 ވަނަ މާއްދާގައި، ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ޗެނެލް ފޮނުވަން ވާނީ ޗެނެލް ދޭ ފަރާތާއި ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތާއި ދެމެދުގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.
މީޑިއާނެޓުން ފޮނުވާ "ޗެނެލް 100" އަދި "ޗެނެލް 100+" އަކީ މީޑިއާނެޓްގެ ޚިދުމަތުގެ އީ.ޕީ.ޖީގައި ހިމެނޭ ޗެނެލް ލިސްޓްގައި ހިމެނޭ ޗެނެލެއްކަމުން މި ޗެނެލްގެ ވެރިފަރާތާއި މީޑިއާނެޓާ ދެމެދު ވެފައި އޮންނަ އެއްބަސްވުމެއް އޮވެގެން މެނުވީ އެ ޗެނެލްތައް ރީބްރޯޑްކާސްޓްކުރެވޭނޭ ޤާނޫނީ ހަމައެއް އޮތްކަމަކަށް ނުފެންނަ ކަމަށް އެ ކޮމިޝަނުން ބުންނެވެ.
ކޮންމެ ޓީވީ ޗެނެލެއްގައި ވެސް އެ ޗެނެލެއްގެ ސްޓޭޝަން އައިޑެންޓިފިކޭޝަން ސްކްރީންއިން ފެންނަން ހުންނަން ޖެހޭއިރު، މި ދެ ޗެނެލްގައި ވަކި ޚާއްސަ ސްޓޭޝަން އައި.ޑީ އެއް ފެންނަން ނުހުންނަ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ބުންޏެވެ.
"ޗެނެލް 100" އަދި "ޗެނެލް 100+" އިން ފޮނުވަނީ އެކި ވަގުތު އެކި ޗެނެލްތަކުގެ ކޮންޓެންޓަށެވެ. މި ގޮތަށް އުނިއިތުރު ގެނެސްގެން ކޮންޓެންޓް ގެނެސްދިނުމަކީ ބްރޯޑްކާސްޓްކުރުމުގެ ތަރަހައިގެ ތެރޭގައި ހިމެނޭ ކަމަކަށް ވާތީ، ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ނެތި މިއީ އެއްވެސް ފަރާތަކަށް ކުރެވޭނޭ ކަމެއް ނޫން ކަމަށް ކޮމިޝަނުން ބުންޏެވެ.
"ޗެނެލް 100"އަކީ މި ކޮމިޝަނުން ބްރޯޑްކާސްޓްކުރުމަށް ލައިސަންސް ދޫކޮށްފައިވާ ޗެނެލްތަކެއް ކަމަށް ނުވުމާއި އެ ދެ ޗެނެލަކީ ބޭރުގެ އެއްވެސް ފަރާތަކުން ހިންގާ ޗެނެލެއްކަން ވެސް އެނގެން ނެތް ކަމަށް ކޮމިޝަނުން ބުންޏެވެ. އަދި އެ ޗެނެލްތަކުގައި މިހާރު ކުރެވެމުން ދަނީ ބްރޯޑްކާސްޓް ކަމަށް ވާތީ، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ތަރަހައިގެ ތެރޭގައި ހިދުމަތް ކުރިއަށް ގެންދިއުމަށާއި އެ ދެ ޗެނަލްއިން ބްރޯޑްކާސްޓްކުރުން ވަގުތުން ހުއްޓާލުމަށް މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑަށް މިހާރު ވާނީ އަންގާފަ އެވެ.